ޝަންހާއި، ޗައިނާ (އޮކްޓޫބަރު 9) - ޝަންހާއީ މާސްޓާސްގެ ގަދަ 16 ބުރުން ޖާގަ ހޯދައި، ކެރިއަރުގައި 100 ވަނަ ތަށި ހޯދުމުގެ އުންމީދުގައި ހުރި ސާބިއާގެ ތަރި ނޮވަކް ޖޮކޮވިޗް ތަފާތު ދައްކައިފި އެވެ.
އިޓަލީގެ ފްލަވިއޯ ކޮބޯލީ އަތުން 6-1، 6-2 އިން މޮޅުވެ، ޖޮކޮވިޗް، 37، ވަނީ ޝަންހާއީ މާސްޓާސްގެ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ.
ޝަންހާއީ މާސްޓާސް، ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޖޮކޮވިޗް، ޝަންހާއީ މާސްޓާސްގައި މި ފަަހަރު މި ވާދަކުރަނީ ފަސް އަހަރަށް ފަހު އެވެ. ކޮވިޑް-19ގެ ވެކްސިނުގެ މައްސަލައެއްގައި ތާށިވި، ޖޮކޮވިޗް އެންމެ ފަހުން ޝަންހާއީ މާސްޓާސްގައި ވާދަކުރީ 2019 ވަނަ އަހަރު އެވެ.
ޖޮކޮވިޗް ހުރީ އޭޓީޕީގެ 1000 ވަނަ އިވެންޓުގައި އޭނާގެ 100 ވަނަ ތަށި ހޯދުމަށް އަޒުމުކަނޑައަޅައިގެންނެވެ. ޝަންހާއީ މާސްޓާސްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން، ޖޮކޮވިޗް ކުޅޭނީ ރަޝިއާގެ ރޯމަން ސަފީއުލިންއާ ދެކޮޅަށެވެ.
މީގެ ކުރިން، 100 ތަށި ހަމަކޮށްފައިވާ ދެ ކުޅުންތެރިންނަކީ، 109 ތަށި ހޯދި ޖިމީ ކޮނާސް އާއި 103 ތަށި ހޯދި ރޮޖާ ފެޑެރާ އެވެ. ޖޮކޮވިޗް މި ވަގުތު، 99 ތަށިި ހޯދާފައި އޮތްއިރު، ކޮނާސް އާއި ފެޑެރާގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ޖޮކޮވިޗް އަށް އެބައޮތެވެ.
ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިއަކީ، ޖޮކޮވިޗް އެވެ. އޭނާ ވަނީ 22 ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ.
Comment