Advertisement

ޔުވެންޓަސް އިން ޕޮގްބާގެ އެއްބަސްވުން އުވާލަނީ

7 އޮކްޓޯބަރު 2024 - 19:50 0


ޔުވެންޓަސް އިން ޕޮގްބާގެ އެއްބަސްވުން އުވާލަނީ

7 އޮކްޓޯބަރު 2024 - 19:50 0

ޓިއުރިން (އޮކްޓޫބަރު 7) - ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއެކު، އިޓަލީގެ ގަދަބާރު، ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން އުވާލަން އެ ކުލަބުން މަޝްވަރާ ކޮށްފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި ޕޮގްބާ މިވަގުތު ހުރީ ސަސްޕެންޝަނެއްގަ އެވެ. މީގެ ކުރިން އޭނާގެ ސަސްޕެންޝަން ހަތަރު އަހަރަށް އޮތް ނަމަވެސް، މި ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އަހަރުގެ މާޗް މަހު އާދެވޭނެ އެވެ.

ޕޮގްބާ، 31، ވަގުތީ ގޮތުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ތަހުގީގެއް ހިންގުމަށް ފަހު، މި އަހަރު މާޗް މަހު، ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑްކުރުމަށް ނިންމި އެވެ.

ޕޮގްބާއާ އެކު ޔުވެންޓަސް އިން ހަދާފައިވާ އެއްބަސްވުން, ނިމުމަކަށް ގެންނަން އެ ކުލަބުން މަސައްކަތް ފަށާފައިވާއިރު، ޕޮގްބާ އަންނަ ޖެނުއަރީ މަހުން ފެށިގެން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތް ފަށާނެކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.

އެހެންވެ، ޕޮގްބާ އެނބުރި ކުޅުމުގެ ތެރެއަށް އަންނައިރު, އެހެން ކުލަބަކަށް ދިޔުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޮގްބާ ހޯދުމަށް ސައުދީގެ ކުލަބްތަކުން އޮތީ ތައްޔާރަށެވެ. އެ ގޮތުން، ސައުދީގެ އަލް ހިލާލް އަދި އަލް ނަސްރުުން ޕޮގްބާއާއެކު މި ހަފްތާގެ ތެރޭގައި ވާހަކަ ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ފްރާންސްގެ ކްލަބް މާސޭ އިން ވެސް ޕޮގްބާ ގެންދަން އޮތީ ތައްޔާރަށެވެ.