6 އޮކްޓޯބަރު 2024 - 20:31 0
އަހުމަދު އާއިދު
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: އޭނާ އެދުނު ގޮތަށް އެޕާޓްމަންޓުތައް ހުސްކުރަން ދިން މުއްދަތު ފުލުހުން ވަނީ އިތުރުކޮށްދީފަ --- ފޮޓޯ: އަދަދު
6 އޮކްޓޯބަރު 2024 - 20:31 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ހިންގަމުންދާ ކޮރަޕްޝަނުގެ ތަހުގީގުތަކުގެ ތެރެއިން އޭނާ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
އޮކްޓޯބަރު 31، ގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް އެދި ބައްސާމުގެ ވަކީލުންގެ ފަރާތުން އެދިފައިވާ ކަމަށް ފުލުހުން ބުނީ މިއަދު އެވެ. ބައްސާމުގެ އެދުމާއެކު ސިޓީގައި ބުނެފައިވާ މުއްދަތަކަށް ފުރުސަތު ދީފައިވާ ކަމަށް ފުލުހުން ބުނީ މިރޭ އެވެ.
"ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާކަން ލިޔުމުން ވާނީ އަންގާފަ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.
ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށްފަހެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.
ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ވަނީ ހަރަދުކޮށްފަ އެވެ.
ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު، ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.
Comment