Advertisement

އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބޯޓެއްގައި ރައީސް މުއިއްޒު އެ ގައުމަށް ފުރާވަޑައިގެންފި

ރައީސް މިއަދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން: ރައީސް ވަޑައިގަންނަވަނީ 50 މީހުންގެ ވަފުދަކާއެކު -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބޯޓެއްގައި ރައީސް މުއިއްޒު އެ ގައުމަށް ފުރާވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބޭނުން ކުރާ ބޯޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

އިންޑިއާ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިންޑިއާ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓުގެ މަތިންދާބޯޓެއްގައި ރައީސް މިއަދު ފުރާވަޑައިގަތީ މެންދުރު 12:06 ގަ އެވެ. ރައީސްއާއެކު ޖުމުލަ 50 މީހުންގެ ވަފުދެއް އެމަނިކުފާނާއެކު ދަތުރު ކުރައްވަ އެވެ.

ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން މި އުޅަނދު، "IFC1424" އަކީ އިންޑިއާގެ އެއާ ފޯސްގެ ދަށުން އޮޕަރޭޓުކުރާ އުޅަނދެކެވެ. އެ ބޯޓު ޖައްސާނީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީއަށެވެ.

ފަސް ދުވަހުގެ މި ދަތުރުގައި ބައިވެރިވާ ވަފުދުގެ ލިސްޓެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި ރައީސް މުއިއްޒާއެކު އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ބައެއް މިނިސްޓަރުންނާއި ރައީސް އޮފީހުގެ ބައެއް އޮފިޝަލުންނާއި ވެރިކަން ހިންގާ ޕީއެންސީގެ ބައެއް ބޭފުޅުންނާއި ނޫސްވެރިން ވެސް ހިމެނެ އެވެ.

ރައީސް އިންޑިއާ އެއާފޯސްގެ އުޅަނދުގައި އެ ގައުމަށް ދަތުރުކުރައްވަނީ --- ފޮޓޯ: ފްލައިޓު ރާޑަރު


ރައީސްއާއެކު އިންޑިއާއަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ.

އޭގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ގިޔާސް އާއި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ރައީސްއާއެކު ދަތުރު ކުރައްވާނެ އެވެ. އެ ވަފުދާއެކު ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަޑައިގަންނަވާނެ އެވެ.

ރައީސްއާއެކު ވަޑައިގަންނަވާ ނޫސްވެރިންގެ ތެރޭގައި "ޕީއެސްއެމް" ގެ އަބްދުﷲ މުއާޒް އާއި "މިހާރު" ނޫހުގެ އަހުމަދު ހަމްދޫން އާއި "ސަންގު ޓީވީ" ގެ މާހަތު ހުސެއިން ރަޝީދާއި "ވަގުތު" ނޫހުގެ ނަޖާހު މަސްއޫދާއި "ދިޔަރެސް" ނޫހުގެ ނަހުދާ ފާއިޒް ހިމެނެ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާ ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި އިންޑިއާގެ ރައީސް މުރްމުރްއާ ބައްދަލު ކުރެއްވުމުގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވެސް ބައްދަލު ކުރައްވާނެ އެވެ. މޯދީއާއެކު ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރު ކުރަން ރަސްމީ ވާހަކަތައް ކުރިއަށްގެންދާނެ އެވެ. ރައީސްގެ އިންޑިއާ ދަތުރުގައި މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. އެ ދަތުރުތަކުގައި ބައެއް ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ދިވެހި ބޮޑު ވަފުދަކާއެކު ރައީސް އިންޑިއާއަށް މި ވަޑައިގަންނަވަނީ ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ ދަތުރުގައި އިންޑިއާއިން މާލީ ގޮތުން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ބްލޫމްބާގް ނޫހުން މީގެ ކުރިން ބުނެފައިވެ އެވެ.