Advertisement

އަހަރެއް ނުވަނީސް ކެބިނެޓުގައި ވެސް ރެނދުލީތަ؟

8 އޮކްޓޯބަރު 2024 - 09:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


އަހަރެއް ނުވަނީސް ކެބިނެޓުގައި ވެސް ރެނދުލީތަ؟

8 އޮކްޓޯބަރު 2024 - 09:58 0

ވެރިކަމެއް ދެމެހެއްޓުމަށް ހަމަ ގައިމު ވެސް އެންމެ ބޮޑު ރޯލެއް އަދާ ކުރާނީ އެ ވެރިކަން ކުރާ މީހާ އެެވެ. ވެރި މީހާގެ ނައިބުންނާއި ވަޒީރުންގެ ތެރޭގައި މަސްލަހަތު އޮންނަ މިންވަރު ވެސް ވެރިކަމުގެ މުއްދަތާ ގުޅުން އެބަ އޮތެވެ.

އެއީ ދިވެހިރާއްޖެ އަދި ދުނިޔޭގެ ވެސް ހަގީގަތެވެ. އެހެންވެ، ވެރިކަން ހިފެހެއްޓުމަށް އެތެރެ ކޮއިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ވެރިމީހާ އަބަދުވެސް އައްޔަން ކުރަނީ އެމީހަކަށް އެންމެ އިތުބާރު ހިފޭ މީހުންނެވެ. ލަނޑެއް ދިނުމާ އެންމެ ދުރު ވިސްނުމެއް ގެންގުޅެދާނެ ކަމަށް ފެންނަ މީހުންނެވެ.

ނަމަވެސް ދުނިޔޭގެ ތާރީހާއި ދިވެހިންގެ މި ފަހުގެ ތާރީހަށް ބެލި ނަމަވެސް، އެންމެ ގާތުން މަސައްކަތްކުރާ ވަޒީރުންނާއި ނަސޭހަތްތެރިން ފަހުން ބަދަލުވީ ވެރިކަންތައް ނިމުމުގެގެ ސަބަބަށެވެ. ބަގާވަތްތަކާއި އަޒުލުކުރުންތައް ފެށިގެންދަނީ ވެރިމީހާއާ އަރިހުންނެވެ. އެހެންކަމުން ވެރިކަމުގެ ބާރުވެރިކަން މިނާ ނާޅިއަކަށް މަތިގޭގެ ހަމަޖެހުން އޮތީ ބެލެވިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށްފަހު، ފުރިހަމަ އާރާއި ބާރު ލިބި، އެ ބާރުތައް ހީނުކުރާހާ ފުޅާކޮށް ދައުލަތާއި އާންމުންގެ މައްޗަށް ހިންގި ވެރިޔަކީ އަބްދުﷲ ޔާމީނެވެ. މަޖިލީހުގައި ތަޅު އަޅުވައި ކޯޓުތަކުގެ ފުރާޅު ލުހެލައިގެން ވެސް އެމަނިކުފާނު ވެރިކަން ދެމެހެއްޓެވި އެވެ. ނަމަވެސް އާހިރުގައި އިންތިހާބު ނާކާމިޔާބު ވުމުން ވިދާޅުވީ ކީކޭތޯ އެވެ؟

ތިން ނައިބު ރައީސުން އައްޔަންކުރި ޔާމީނު، އެމަނިކުފާނުގެ އެންމެ ބޮޑު ނުކުޅެދިންތެރިކަމުގެ ގޮތުގައި ސިފަކުރެއްވީ މީހުން ދަސްނުވުމެވެ.

"ކޮން ކަހަލަ ނުފޫޒަކުން ކަމެއް، ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންދާ އަވަސް މިނުގައި ވިސްނުންތައް ބަދަލުވެގެން ދަނީ ކޮން ކަހަލަ ނުފޫޒެއްގައި ކަން އަޅުގަނޑަކަށް ދަހެއް ނުވި،" އޮކްޓޯބަރު 17، 2023 ގައި ޔާމީނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަދި އަހަރެއް ނުވެ އެވެ. އެކަމަކު އެމަނިކުފާނުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. އުފެދޭ ސުވާލަކީ ރައީސް މުއިއްޒު އިތުބާރު ކުރެއްވި ބަޔަކު، އެމަނިކުފާނު ކުރެއްވި އިތުބާރަށް ކެހިވެރިވީތޯ އެވެ؟ ރައީސް މުއިއްޒަށް ވެސް މީހުން ދަސް ނުވަނީތޯ އެވެ؟

މި ވެރިކަން ފެށުނީއްސުރެ ހަމަނުޖެހުމުގައި

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ 'މީހުން ދަސްނުވި' ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ޔާމީނުގެ އެންމެ އަރިސް އެއް މަޖިލިސް މެންބަރެވެ. ދަސްނުވި ދެ މީހުންނެވެ.

ސިޔާސީ ހިޔާލު ދެކަފިވެ ޔާމީނު، ވެރިކަން ކުރާ ކޯލިޝަނާ ދުރުގައި ހުންނެވިޔަސް އެމަނިކުފާނުގެ ވެރިކަމުން ރައީސް މުއިއްޒު އިބުރަތް ހާސިލްކުރައްވާނެ ކަމަށް ގަބޫލުކުރުމަކީ ސަބަބުވެރި ވިސްނުމެކެވެ. ނަމަވެސް ކަން ހިނގަމުން މިދަނީ އިދިކީލިއަށެވެ.

ވަޒީރުންނާ ހަމައަށް އަތް ނުދިޔަސް ރައީސް މުއިއްޒު ހިތްޕުޅާ ނުވާ ކަންކަން ކުރައްވާ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނާއި ދައުލަތުގެ ހިޔަލުގައި ހުރި ތަންތަނުގެ އިސްވެރިން ލުހިގެންދާ މަންޒަރު މީގެ ކުރިން ވަނީ ފެނިފަ އެވެ. އެމްއެމްއޭގެ ގަވަރުނަރާއި ބީއެމްއެލްގެ ސީއީއޯ އެވެ. ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނެވެ. ތަރުޖަމާނުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.

ރައީސްއަށް އެ ބޭފުޅުންނާމެދު އިތުބާރުނެތީތޯ، ނޫނީ އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް އަމަލުނުކުރަނީތޯ މިއީ އުފެދޭ ސުވާލުތަކެވެ. ނަމަވެސް މި ސަރުކާރުގެ ވަންހަނާ ސިޔާސަތުތަކާއެކު މިކަމަށް ބަހެއް ބުނާނެ އޮފިޝަލަކު ނުވި އެވެ.

އެންމެ ފަހުން އެމަނިކުފާނާ އެކީ އެންމެ ގާތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒު ވެސް މަގާމުން ވަކިކުރެއްވި އެވެ. އެއީ އެމަނިކުފާނުގެ އަރިސް މިތުރެކެވެ. އެކަމުގެ ފަހަތުގައި އޮތް ސަބަބެއް މިއަދާ ހަމައަށް ވެސް ނޭނގެ އެވެ. ރަމީޒު ވެސް ރައީސް ވެސް އެ މައްސަލާގައި ހުންނެވީ ހަނެވެ.

މަތިބަރު މި ސަރުކާރުގެ މަތީ ފަޑީގައި ރެނދުތައް ލަމުންދާ ކަމަށް އިދިކޮޅުންނާއި އާންމުން ބުނި ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަފުތަކުގެ ބަދަހިކަމާއި ރައީސަށް ކިޔަމަންވުމުގައި ހުރިހާ އިސްވެރިން އެކުގައި ތިބި ކަމަށް ދައްކުވަ އެވެ.

ކެބިނެޓު އޮޅުން ބޮޅުމަކަށް

ސަރުކާރުގެ ތެރޭގައި ލަމުންދިޔަ ރެނދުތައް ފުޅާވެ، މޫލައި، ވަޒީރުންގެ މަޖީލީހާ ހަމައާށް ދިޔައީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހަމަޖެހުމާ ދުރު 10 މަހަށްފަހު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވާ ކުޅިބައި އަލުން ރާވާލައްވާފަ އެވެ.

އެއް ވަޒީރަކު ވަކިވީ އެވެ. ދެން އެމަނިކުފާނު ކަން ކުރެއްވި ގޮތުގަކީ އަސް އޮތް ތަނަށް ރިޔަލެއް ލެއްވުމެވެ. ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމެވެ.

މާލީ ހާލަތު މިހާ ގޯސްވެފައިވަނިކޮށް އަމިއްލައަށް ވަކިވެވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ދެން ގެންނެވި ބަދަލުތަކަކީ، ފޮރިން މިނިސްޓަރަކަށް ހުންނެވި، މޫސާ ޒަމީރު ފިނޭންސް މިނިސްޓަރީއަށް ބަދަލު ކުރައްވައި، ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރީއަށް ބަދަލު ކުރައްވައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވުމެވެ.

މިކަމުގެ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުން ބުނީ އެއީ، ރައީސްއަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އެޅުއްވި ފިޔަވަޅުކަތަކެއް ކަމަށެވެ.

ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް އަމިއްލައަށް އައްޔަންކުރެއްވި ބޭފުޅުނަށް އިތުބާރު ނުކުރެއްވުން ނޫން ސަބަބެއް މި ފިޔަވަޅުތަކުގެ ފަހަތުގައި ވުމަކީ ދުރުކަމެކެވެ.

"ވަޒީރުންގެ މަޖިލީހުގެ އެންމެ ސީނިއާ ބޭފުޅުންނާ ދޭތެރޭގަ. އެއީ އެބޭފުޅުންގެ ޕާފޯމަންސާ ދޭތެރޭވިޔަ ނޫނިއްޔާމު އެބޭފުޅުންގެ ވަކި ކަހަލަ ޓާސްކެއް ހަވާލުކޮށްގެން [އެކަން ނުވެގެން] ކަމުގައިވިޔަސް. މިގޮތަށް ވަކިކުރުން ނުވަތަ ބަދަލުކުރުމަކީ ގައުމުގެ އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އަންނާނެ ކަމެއް،" ޖަމީލު ވިދާޅުވި އެވެ.

މިފަދަ ހާލަތެއްގައި މާލީ ވަޒީރު ވަކިކުރުމަކީ، ގައުމުގެ މާލީ ހާލަތާމެދު ރައްޔިތުންގެ އޮތް ކަންބޮޑުވުން ރައީސް ވެސް ހިއްސާކުރައްވާކަން ދައްކުވައިދޭ ނިޝާނެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މިފަދަ ހާލަތެއްގައި މާލީ ދާއިރާގެ ތަޖުރިބާއެއް ނެތް ބޭފުޅަކު ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުވެ.

"މިކަހަލަ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީ ހިންގޭނީ ފިނޭންސް ބެކްގްރައުންޑް އޮތް މީހަކަށް. ތިއޮރެޓިކަލް ބެކްގްރައުންޑް އިނގޭތޯ. އެކަންކަން ކިޔަވައިގެން ހުރި ބޭފުޅަކަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފޮރިން އިން ފިނޭންސަށް ބަދަލުކުރި ޒަމީރަކީ މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޔާމީނު ދައުރުގެ ވަކި ހިސާބަކުން އެ މަގާމު އަދާކުރެއްވުމަށްފަހު ވެއެތުވެދިޔަ ފަސް އަހަރު ހުންނެވީ އިދިކޮޅު ލީޑަޝިޕުގެ ފަނޑު އަޑެއްގެ ގޮތުގަ އެވެ.

އޭނާގެ އިތުރަށް އޮތް ކަންބޮޑުވުމަކީ ޒަމީރު ފޮރިން މިނިސްޓްރީގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަށްފަހު އޭނާ އެ މަގާމުން ދުރުކޮށް ބަދަލުކުރެއްވުމަށް ނިންމެވި ނިންމެވުމެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާއާއެކު އޮތް ގުޅުން ގޯސްވެފައިވަނިކޮށް އެ ގުޅުން އިޔާދަކުރުމުގައި ޒަމީރުގެ މަސައްކަތް ފާހަގަކުރެވެ އެވެ.

"މިކަހަލަ ވަގުތެއްގައި އަނެއްކާވެސް އަލުން ބަލުން ދުވަހަކު ވެސް ފޮރިން ސާވިސްގަ [ނުއުޅުއްވާ]. ތަޖުރިބާއެއް ނެތް ބޭފުޅަކު އަނެއްކާވެސް އަލުން ބޭރުގެ ހުރިހާ ބޭފުޅުންނާ ގުޅުން ބަދަހިކޮށްގެން އެކަން ކުރީމަ ރަނގަޅު ބަދަލެއް ގޮތަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާ ނެތް، ތައުލީމު ނެތް ބޭފުޅުން ވަޒީރުންނަށް އައްޔަންކުރެއްވުމަކީ ފަހަތަށް އަޅުއްވާ ފިޔަވަޅުތަކެއް ކަމަށާއި އަނެއްކާވެސް އެ ވަޒީރުންވީ، ދާއިރާ މުޅީން ދަސްކުރައްވަން ކަމަށް ވެސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ނާގާބިލު ކެބިނެޓެއް، މިއީ ނުރައްކަލުގެ ރަނގަބީލުތަކެއް

މި ނޫހާ ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވި ގޮތުގައި މިއީ ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ މަތީ ފަޑިއަށް ރައީސް މުއިއްޒު ގެންނަވާފާނެ ސިލްސިލާ ބަދަލުތަކެއްގެ ފެށުމެކެވެ. އެކަމުގެ އެއް ސަބަބަކީ ރައީސް މުއިއްޒުގެ ކެބިނެޓަކީ ނާގާބިލު އަދި ސިޔާސީ ގުޅުންތަކުގެ މައްޗަށް ބިނާވެގެން އެކުލަވާލި ކެބިނެޓަކަށް ވުމެވެ.

"ކެބިނެޓު އެކުލަވާލެއްވިއިރު ފުރަތަމަ ދުވަހު ވެސް ރައްޔިތުންގެ ޝައްކު އޮތޭ. މި ޓީމަކީ ނަތީޖާ ނެރެވޭނެ ޓީމެެއްކަމާމެދު،" އޭނާ ވިދާޅުވި އެވެ.

ކެބިނެޓުގެ މެންބަރުން ނާގާބިލު ކަމަށް އާންމުން ބުނަނީ، ވަޒީރުންގެ ތައުލީމަށް އެކަނި ބަލައިގެން ނޫން ކަމަށް ޖަމީލު ގަބޫލު ކުރެ އެވެ. ކެބިނެޓު މެންބަރުން ނާގާބިލު ކަމަށް އާންމު ދެކޭ އެއް ސަބަބަކީ، ރައްޔިތުންނާއި މުޖްތަމައުގެ ހާލު ވަޒީރުންނަށް ނޭނގުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތަށް ރައީސް މުއިއްޒުގެ ކެބިނެޓުގައި އެކި ގޮތްގޮތުން އެމަނިކުފާނާ ގާތް ގުޅުން އޮތް ބޭފުޅުން ހިމެނެ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ހައުސިން މިނިސްޓަރަކީ އެތައް އަހަރެއް ވަންދެން ބޭރުގައި ދިރިއުޅުއްވާ އެހެން ގައުމުތަކުގެ ރައްޔިތުކަން ވެސް ހޯއްދެވި ދެ ބޭފުޅުންނެވެ.

"އަޅުގަނޑަށް މި ބަދަލުތައް ސިފަކުރެވެނީ ވަރަށް ބޮޑެތި ނުރައްކަލުގެ ރަނގަބީލުތަކެއްގެ ގޮތުގަ. މުޅި ސަރުކާރު ކޮލެޕްސްވުމުގެ ފުރުސަތު ވަރަށް ބޮޑު," ޖަމީލު ވިދާޅުވި އެވެ.

ވެރިކަން ކުރުމުގެ ގާބިލުގައި ރައީސްގެ ކިބައިގައި ނެތްކަމުގެ ތުހުމަތު

މި ވެރިކަމުގައި ކުރިމަތިވި ނުތަނަވަސްކަންކަމާއެކު ރައްޔިތުންނާއި އިދިކޮޅު ސިޔާސީން އަބަދުވެސް ތަކުރާރުކުރާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ރައީސްގެ ގާބިލު ކަމާމެދު ސުވާލު އުފެއްދުމެވެ. އަދި ވެރިކަން ކުރަން ބޭނުންވާ ކެރުންތެރިކަން ހުރިތާ ސުވާލު އުފެއްދުމެވެ.

އެންމެ ފުރަތަމަ ކެބިނެޓު އެކުލައްވާލެއްވުމާއި މި ފަހުން ގެންނެވި ބަދަލުތަކާއެކު ފެނިގެންދަނީ އެހެން މީހުންގެ ނަސޭހަތް ރައީސް މުއިއްޒު އަޑުނުއެއްސެވުމުގެ ސިފަ އާއި އެމަނިކުފާނުގެ "އީގޯ" ބޮޑުވުމުގެ މައްސަލަކަށް ޖަމީލު ގަބޫލުކުރައްވަ އެވެ.

"ސާބިތުވެގެން މިދިޔައީ ވަރަށް ގޯސް ޖަޖުމެންޓެއްކަން މުއިއްޒު މި ކުރެއްވީ. މުއިއްޒު އެއްވެސް މީހެއްގެ އަޑު ނޭހިކަން. މުއިއްޒުގެ ޕާސަނަލް އީގޯ މާ ބޮޑުކަން،" ރައީސް މުއިއްޒުގެ ކެމްޕޭނުގައި ވެސް މީގެ އަހަރެއް ކުރިން ހަރަކާތްތެރިވި ޖަމީލު ވިދާޅުވި އެވެ.

ސަރުކާރަށް ހަފުތާއެއް ނުވަނީސް އޭނާ ސަރުކާރާ ފެޔަށް ޖެހުނީ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު ޔާމީނާ އެކު އެވެ. ސަބަބެއް ގޮތުގައި އެއިރު ވެސް ދެއްކީ ރައީސްގެ ނާގާބިލުކަމެވެ.

މި ރިޕޯޓަށް ދެއްވި މައުލޫމާތުގައި ފައްޔާޒު ވެސް ވަނީ ރައީސްގެ ގާބިލުކަމާމެދު ތަކުރާރުކޮށް ސުވާލު އުފައްދަވާފަ އެވެ.

"ރައީސް ޑރ. މުއިއްޒުގެ ދިވެހިރާއްޖެ ފަދަ ގައުމެއް ހިންގުމުގެ ވައްޓަފާޅި ނެތް މަންޒަރު މި ފެންނަނީ އިނގޭތޯ. ވަޒީރުންނާމެދު އިތުބާރު އޮތް ކަމެއް ނެތް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނެގެ،" ފައްޔާޒު ވިދާޅުވި އެވެ.

--

ވެރިޔަކު، އެތެރެކޮއިލުން ބަޔަކު ނެރެ، ސިޔާސީ ކުޅިބައި އަލުން އަތުރައިލަން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. އެއީ ހަގީގަތެވެ. ސަބަބުވެރި ވިސްނުމެވެ. ސަރުކާރާއި ރައީސް އެ ހަގީގަތުގައި ބަގުޑިބެއްދެވި ނަމަވެސް މިފަހަރު މި ލީ ރެނދުގެ ހަގީގަތް ވެސް އަދި ހާމަވާނެ އެވެ. އެކަން ހާމަކުރުމަކީ ވެރިކަން ދެމެހެއްޓުމަށް ބާރަކަށް ވެސް ވެދާނެ އެވެ.