Advertisement

ޕޮގްބާގެ ސަސްޕެންޝަނަށް ލުޔެއް؛ އަންނަ އަހަރު އެނބުރި އާދެވޭނެ

5 އޮކްޓޯބަރު 2024 - 08:09 0


ޕޮގްބާގެ ސަސްޕެންޝަނަށް ލުޔެއް؛ އަންނަ އަހަރު އެނބުރި އާދެވޭނެ

5 އޮކްޓޯބަރު 2024 - 08:09 0

ޕެރިސް (އޮކްޓޫބަރު 5) - ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ މަނާބޭހަށް ޕޮޒިޓިވްވުމުން ދިން ހަތަރު އަހަރުގެ ސަސްޕެންޝަނަށް ލިބުނު ލުޔާ އެކު، އަންނަ އަހަރު އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ފުރުސަތު ފަހިވެއްޖެ އެވެ.

ޕޮގްބާ، 30، ވަގުތީ ގޮތުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެގި އޭނާގެ ފުރަތަމަ ސާމްޕަލް މަނާބޭހަށް ޕޮޒިޓިވް ވުމުންނެވެ. އެ އަށް ފަހު، ދެ ވަނަ ސާމްޕަލެއް ނަގައިގެން ބެލިއިރު ވެސް ވަނީ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ތަހުގީގެއް ހިންގުމަށް ފަހު، މި އަހަރު މާޗް މަހު، ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑްކުރުމަށް ނިންމި އެވެ.

މި ސަސްޕެންޝަނުގެ މައްސަލަަ، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ. އެއާ އެކު، އަންނަ އަހަރުގެ ޖެނުއަރީގައި ޕޮގްބާ އަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، މާޗް މަހު ކުޅުމަށް އެނބުރި އާދެވޭނެ އެވެ.

ޕޮގްބާ ވަނީ އޭނާ އެއްވެސް އިރެއްގައި އެނގިގެން، މަނާބޭހެއް ބޭނުންކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާ ޕޮޒިޓިވްވި، ޓެސްޓޯސްޓެރޯން އަކީ ޑޮކްޓަރު ދިން ބޭހެއް ކަމަށާއި އެއީ މަނާބޭހެއްކަން އޭރު ނޭނގޭ ކަމަށެވެ.

ސަސްޕެންޝަންގެ މުއްދަތު އެއްކޮށް ފުރިހަމަކުރަން ޕޮގްބާ މަޑުކުރަން ޖެހުނު ނަމަ އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ، އުމުރުން 34 އަހަރުގަ އެވެ. އެކަމަކު، މިހާރު މި ލިބުނު ލުޔާ އެކު އަންނަ އަހަރު ކުޅެން ނުކުމެވޭނެ އެވެ.

ފްރާންސްގެ ގައުމީ ޓީމާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް އިން ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރެވެ. އެ ފަހަރު، އޭނާ ވަނީ ޔުވެންޓަސްއާ އެކު، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.