ޕޮގްބާ އަށް ގިނަ އޮފާތައް ލިބެނީ ޔޫރަޕުން

22 ޖަނަވަރީ 2025 - 06:07 0


ޕޮގްބާ އަށް ގިނަ އޮފާތައް ލިބެނީ ޔޫރަޕުން

22 ޖަނަވަރީ 2025 - 06:07 0

ޕެރިސް (ޖެނުއަރީ 22) - މަނާބޭހުގެ މައްސަލައެއްގެ ސަބަބުން ސަސްޕެންޝަންގައި ހުރި ފްރާންސްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ކުޅުމަށް އެނބުރި އަންނަން ތައްޔާރުވަމުން އަންނައިރު، އޭނާ އަށް އެންމެ ގިނަ އޮފާތައް ލިބެނީ ޔޫރަޕްގެ ކްލަބްތަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕޮގްބާ، 31، މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި އެންމެ ފުރަތަމަ، ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އަށް މި މަހުގައި، ޓީމު ޕްރެކްޓިސްތައް ފަށައި، ރަސްމީކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ މާޗް މަހު އާދެވޭނެ އެވެ.

މަނާބޭސް މައްސަލައިގައި، ޕޮގްބާއާ އެކު، ޔުވެންޓަސް އިން ހެދި ކޮންޓްރެކްޓް ވަނީ މިދިޔަ އަހަރު ނިމުމަކަށް ގެނެސްފަ އެވެ. އަލުން ކުޅުމުގެ ތެރެއަށް އައުމަށް ޕޮގްބާ އަންނަނީ އަމިއްލަ އަށް ފިޓްނަސް ޓްރެއިނިންތައް ކުރިއަށްގެންދަމުންނެވެ.

މި މަހުގެ ޓްރާންސްފާ ތެރޭގައި ޕޮގްބާ ޓީމަކާ ގުޅޭނެ ކަމަށް ބެލެވޭއިރު، ދާދި ފަހުން އޭނާ ވަނީ ތުރުކީގެ ގަލަތަސަރާއިއާ މަޝްވަރާކޮށްފަ އެވެ. ޕޮގްބާ އަށް ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓްތަކެއް ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ހުށަހެޅި ނަމަވެސް، އެންމެ ފަހުން، ޕޮގްބާ އަށް އެންމެ ގިނަ އޮފާތައް ލިބުނީ ޔޫރަޕުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ޓީމުތައް ވެސް ހިމެނެ އެވެ.

އެކަަމަކު، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފީފާ އިން ރަޝިއާ އަށް ދަތިކުރުންތަކެއް ކުރިމަތިކުރުވާފައިވާތީ، ޕޮގްބާ ރަޝިއާ ޓީމަކަށް ދާނެ ކަމަށް ނުބެލެވެ އެވެ.