Advertisement

އަބްދުއްރަހީމް ބޭރުކޮށްނުލަނީ އެކަންކޮށްފިނަމަ ރައީސް މުއިއްޒުގެ ވާހަކަތައް ދައްކާނެތީ: ޔާމީނު

4 އޮކްޓޯބަރު 2024 - 16:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް ޔާމީނު އާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ޔާމީނު ވިދާޅުވީ ވެރިކަމުގެ ކޮއިލުން އަބްދުއްރަހީމް ބޭރުނުކުރަނީ ރައީސްގެ ވާހަކަ ދައްކާނެތީ ކަމަށް --- ފޮޓޯ: އަދަދު


އަބްދުއްރަހީމް ބޭރުކޮށްނުލަނީ އެކަންކޮށްފިނަމަ ރައީސް މުއިއްޒުގެ ވާހަކަތައް ދައްކާނެތީ: ޔާމީނު

4 އޮކްޓޯބަރު 2024 - 16:31 0

މިހާރު މިއޮތް ޕީއެންސީގެ ވެރިކަމުގެ ތެރެއިން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބޭރުކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކެރިވަޑައިނުގަންނަވަނީ އެކަން އެގޮތަށް ކުރައްވައިފި ނަމަ އަބްދުއްރަހީމް ރައީސްގެ ވާހަކަތައް ހާމަކުރައްވާނެތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެންމެންގެ ބޭނުން ހިއްޕަވައިގެން ކަމަށާއި ވެރިކަމަށް ވަޑައިގެންނެވުމުން އެތައް ބަޔަކާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެކަމު ވެރިކަމަށް އާދެވުނީމަ ދެން މި މީހުން ކައިރިއަށް ދާން ޖެހިދާނެހެން ހީނުވާތީ އެތައް ބަޔަކު [ވަޒީފާއިން] ކަނޑާ، އެތައް ބަޔަކާ ދޭތެރޭ އިހާނެތިކޮށް ކަންތައް ވެގެން މިދަނީ،" ޔާމީނު ވިދާޅުވި އެވެ.

ޕީއެންއެފް އިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ޖަލްސާތަކުގެ ތެރެއިން، ބައިވެރިޔަކު ސުވާލުކުރީ ރައީސް މުއިއްޒު އަދި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް އަޑުފެތުރިފާވާ މި ދަނޑިވަޅުގައި އެމަނިކުފާނު އަބްދުއްރަހީމް ބޭރުކޮށްނުލަނީ ކީއްވެތޯ އެވެ.

"އަބްދުއްރަހީމް ގެއިން ނެރެއްޖިއްޔާ މުއިއްޒަކަށްވެސް ނޯވެވޭނެ ގަނޑުވަރަކު. އެ ދެ އަހުން ގުޅިފަ އެހެރީ ހަމަ އެއް ފޫޅުދަނޑިއަކުން ކާނާ ލިބޭގޮތަށް. ރަމީޒު ބޭރުކޮށްލައިގެން އަދި އޭނާގެ ފަރާތުން މުއިއްޒުގެ ވާހަކަތައް ނުނިކުތަސް އަބްދުއްރަހީމް ބޭރުކޮށްލައިގެންނެއް ވާހަކަތައް ނުނިކުމެއެއް ނުހުންނާނެ،" އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީނު ވިދާޅުވި އެވެ.

އެ ވާހަކަތަކަކީ ކޮބައިކަން ކުރިއަށް އޮތްތާ އެމަނިކުފާނު އިއުލާނުކުރައްވާނެ ކަމަށްވެސް ޔާމީނު ރޭ ވިދާޅުވި އެވެ. އަދި ވެރިކަމަށް ކުރި ދަތުރުގައި އަބްދުއްރަހީމާއި ރައީސް މުއިއްޒު އެކުގައި "ސޮއްސާލާފައި" ވާ ކަމަށްވެސް، ޕީއެންސީ ކޯލިޝަނުގެ ލީޑަރު ވިދާޅުވި އެވެ.

ޔާމީނު ރޭ އިޝާރާތް ކުރެއްވި ގޮތަށް، ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އާދަމް ރަމީޒު މަގާމުން ވަކިކުރީ އޮގަސްޓު 15، ގަ އެވެ.

ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން 27، އިން ފެށިގެން ރަމީޒު ހުރީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އޭނާގެ ބަލަމުންދިޔައީ ކޮން މައްސަލައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މަގާމުން ވަކިކުރިފަހުން ރަމީޒު ހުންނެވީ ސިޔާސީ މަޝްރަހާ ދުރުގަ އެވެ. އެކަން ހިނގާދިޔަ ގޮތާ ގުޅިގެން އޭނާ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.