Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

3 އޮކްޓޯބަރު 2024 - 11:32 0


މިއަދުގެ ހަބަރުތައް ކުރުކޮށް

3 އޮކްޓޯބަރު 2024 - 11:32 0

ހަތަރު ސަރަހައްދެއްގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްގެންދަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި ހިނގާ އޮކްޓޯބަރު 18، އާ ހަމައަށް މާލެ ކައިރީ ހަތަރު ސަރަހައްދެއްގައި ސިފައިންގެ މުހިންމު ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

މިއަދު ކުރި އިއުލާނެއްގައި ސިފައިން ބުނީ ތަމްރީނުތައް ކުރިއަށްގެންދާނީ ހުޅުލެ އާއި ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުއްޓާއި ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ކަމަށެވެ.

އެ ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކު ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް އެ ތަމްރީނުތަކުގައި ބޭނުން ނުކުރާނެ ކަމަށް ވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުންޏެވެ.

އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް މެންބަރުން އައްޔަން ކުރުން

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް އިއްޔެ މެންބަރުން އައްޔަންކޮށްފި އެވެ.

އެ ޑިވިޝަނަށް ޖުމްލަ 11 މެންބަރަކު، އެކި ދާއިރާތަކުން ވަނީ އައްޔަންކޮށްފަ އެވެ. އެއީ މަސައްކަތްތެރިންގެ ފަރާތުން އައްޔަން ކުރި ހަ މެންބަރަކާއި ވަޒީފާ ދޭ ފަރާތްތަކުން އައްޔަން ކުރި ހަތަރު މެންބަރަކާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރެކެވެ.

  • ފާތިމަތު ސައުސަން - ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު
  • ފަޒުލޫން ހަމީދު - މަސައްކަތްތެރިންގެ ފަރާތުން
  • މަރިޔަމް އިނާޝާ - މަސައްކަތްތެރިން ފަރާތުން
  • އާއިޝަތު މަހާރަތު - މަސައްކަތްތެރިންގެ ފަރާތުން
  • އަހުމަދު ޝިހާމް - މަސައްކަތްތެރިންގެ ފަރާތުން
  • އާއިޝަތު އަލީ - މަސައްކަތްތެރިންގެ ފަރާތުން
  • އާތިފް ޢަބްދުލްހަކީމް - މަސައްކަތްތެރިން ފަރާތުން
  • ފާތިމަތު ޖޫނީ ލަތީފް - ވަޒީފާދޭ ފަރާތްތަކުން
  • އަސްއަދު އަލީ - ވަޒީފާދޭ ފަރާތްތަކުން
  • އިޔާޒް ވަހީދު - ވަޒީފާދޭ ފަރާތްތަކުން
  • އާމިނަތު މިރްފަތް އަހުމަދު - ވަޒީފާދޭ ފަރާތްތަކުން

ސިޔާސީ ޕާޓީތަކުން ވަކިވާން އެދެންޖެހޭނީ އޮންލައިންކޮށް ކަމަށް ނިންމުން

ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިވާން މީގެ ފަހުން އެދެންޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން ވަކިވާން މީގެ ފަހުން އެދެންޖެހޭނީ my.elections.gov.mv އަށް ހުށަހަޅައިގެން ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ވަކިވާން އެދޭ ނަމަ މީގެ ކުރިން ހުށަހަޅަންޖެހެނީ ސިޓީއެކެވެ. ސިޓީ ހުށަހަޅަންޖެހޭ އިދާރާތައް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ބަދަލުކޮށްފަ އެވެ. ވަކިވާން އެދޭ ސިޔާސީ ޕާޓީއަކަށް ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ވެސް ކުރިން ހެދި އެވެ.

ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާއިރު މިވަގުތު އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެވެ. އެ ޕާޓީގައި 50،851 މެންބަރުން ތިބެ އެވެ. ދެން އެންމެ މެންބަރުން ގިނައީ ޕްރިގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގަ އެވެ. އެ ޕާޓީގައި 34،698 މެންބަރުން އެބަ ތިއްބެވެ.

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގައި މިވަގުތު ތިބީ 28،983 މެންބަރުންނެވެ. ނަމަވެސް މެންބަރުން އިތުރު ކުރުމުގެ ބޮޑު ކެމްޕެއިނެއް އެ ޕާޓީން ދަނީ ހިންގަމުންނެވެ. އެ ކެމްޕެއިނުގެ ތެރެއިން، ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ވެއްދުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ.