Advertisement

އިޒްރޭލަށް ފިޔަވަޅު އަޅަން ފީފާ ކައުންސިލުން މަޝްވަރާކުރަނީ

3 އޮކްޓޯބަރު 2024 - 09:25 0


އިޒްރޭލަށް ފިޔަވަޅު އަޅަން ފީފާ ކައުންސިލުން މަޝްވަރާކުރަނީ

3 އޮކްޓޯބަރު 2024 - 09:25 0

ޒިއުރިކް (އޮކްޓޫބަރު 3) - ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހަޅާފައިވާ، ފުޓްބޯޅައިގެ ހަރަކާތްތަކުން އިޒްރޭލް ސަސްޕެންޑް ކުރުމުގެ ޕްރޮފޯސަލާ ގުޅޭގޮތުން ފީފާ ކައުންސިލުން ގޮތެއް ނިންމަން އެ ކަން މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު، ފަލަސްތީނު އެފްއޭ އިން ވަނީ އިޒްރޭލް ސަސްޕެންޑް ކުރަން ފީފާ އަށް ހުށަހަޅައިފަ އެވެ. މިދިޔަ މެއި މަހު، ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ ފީފާ ކޮންގްރެސްގައި، ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުން އިޒްރޭލު ސަސްޕެންޑް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ތާއީދުކޮށްފަ އެވެ. މި ކަމާ ގުޅޭ ގޮތުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކޮންގްރެސްގައި ވިދާޅުވީ، ފީފާ ކައުންސިލުން ގޮތެއް ނިންމާނީ، ގާނޫނީ ލަފާ ހޯދުމަށް ފަހު ކަމަށެެވެ.

އެ ގޮތުން، ގާނޫނީ ލަފާ ހޯދުމަށް ފަހު، ފީފާ ކައުންސިލުން މިއަދު ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، އިޒްރޭލާ މެދު ފިޔަވަޅު އެޅުމުގައި ގޮތެއް ނިންމުން ހިމަނައިފަ އެވެ. އެ ގޮތުން، ފީފާ އިން އިޒްރޭލް ސަސްޕެންޑްކޮށްފިނަމަ، އެ ގައުމުގެ ޓީމުތަކަށާއި ކްލަބްތަކަށް ބައިނަލްއަގުވާމީ އެއްވެސް މެޗެއް ނުކުޅެވޭނެ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިޒްރޭލުގެ ހޯމް މެޗުތައް ހަންގޭރީގައި ކުޅެމުން އަންނައިރު، ބެލްޖިއަމާއި އިޒްރޭލް ކުޅުނު މެޗު ހަންގޭރީގައި ކުރިއަށްގެންދިޔައީ ސަޕޯޓަރުން ވެސް ނުވައްދަ އެވެ.

މި މަހުގެ ފީފާ ދުވަސްތަކުގައި، އިޒްރޭލުން ވަނީ ފްރާންސާއި އިޓަލީއާ ދެކޮޅަށް މެޗުތަކެއް ކުޅެން ރާވައިފަ އެވެ. އެކަމަކު، މިއަދު ފީފާގެ ނިންމުން އަންނަ ގޮތަކުން މި މެޗުތައް ކެންސަލްވުމުގެ ފުރުސަތު އެބައޮތެވެ.

ފަލަސްތީނަށް އަރައި، އިޒްރޭލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، އެ ގައުމަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވަމުން އަންނައިރު، ފީފާ އިން މި މައްސަލައިގައި ކަމެއް ނުކޮށް ހިމޭނުން އޮތުމުން، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އިޒްރޭލް ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ މި ކަމުގައި ފީފާ އިން ރަނގަޅަށް ވިސްނާފައި ކަންކަން ނިންމަން ޖެހޭ ކަމަށް ބުނެފަ އެވެ.