Advertisement

ރެއާލާއި ބަޔާން ބަލިވިއިރު، ލިވަޕޫލަށް މޮޅެއް

3 އޮކްޓޯބަރު 2024 - 09:04 0


ރެއާލާއި ބަޔާން ބަލިވިއިރު، ލިވަޕޫލަށް މޮޅެއް

3 އޮކްޓޯބަރު 2024 - 09:04 0

ބާމިންހަމް (އޮކްޓޫބަރު 3) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބަލިވިއިރު، ލިވަޕޫލް މޮޅުވެއްޖެ އެވެ.

ފްރާންސްގެ ލިލް އަތުން ރެއާލް ބަލިވީ 1-0 އިންނެވެ. އެސްޓަން ވިލާ ދަނޑުގައި ބަޔާން މިއުނިކް 1-0 އިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން ވަނީ އިޓަލީގެ ބޮލޯނިއާ އަތުން 2-0 އިން މޮޅުވެފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލުން ރޭގެ މެޗުގައި ބަލިވިއިރު، މިއީ، ޗެމްޕިއަންސް ލީގުގައި 14 މެޗަށް ފަހު އެ ޓީމުގެ ފުރަތަމަ ނާކާމިޔާބީ އެވެ. އަނެއްކޮޅުން، މިއީ، ހުރިހާ މުބާރާތެއްގައި ރެއާލް ކުޅުނު 36 މެޗަށް ފަހު އެ ޓީމުން ބަލިވި ފުރަތަމަ ފަހަރެވެ. ރެއާލް، އެންމެ ފަހުން މެޗަކުން ބަލިވީ، ޖެނުއަރީ މަހު، ކޮޕަ ޑެލް ރޭގައި އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.

ރޭގެ މެޗުގައި ލިލްގެ ހަމައެކަނި ލަނޑު ޖެހީ، ކެނަޑާގެ ފޯވާޑް ޖޮނަތަން ޑޭވިޑް އެވެ. މިއީ، ރެއާލްގެ މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޭވިޑް ޖެހި ގޯލެކެވެ.

މި މެޗުގައި ބަދަލަކަށް ރެއާލްގެ ތަރި، ކީލިއަން އެމްބާޕޭ ކުޅެން އެރި ނަމަވެސް، މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ގޯލު ޖަހަން ރެއާލުގެ ތުރުކީ މިޑްފީލްޑަރު، އާޑާ ގުލާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

އެސްޓަން ވިލާ އަތުން ބަލިވެ، ބަޔާނުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ވަނީ، 41 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ. މި މެޗުގައި، އެސްޓަން ވިލާގެ ލަނޑު ޖަހައިދިނީ، ބަދަލަކަށް ކުޅެން އެރި ޖޯން ޑުރާން އެވެ. މެޗުގެ 79 ވަނަ މިނިޓްގައި، ޑުރާން އަށް އޭރިއާބޭރުން ބޯޅަ ލިބުނުއިރު، ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ ބޭރަށް ނުކުމެ ހުރި ވަގުތުގައި، ޑުރާން ވަނީ ނޯޔާ ބޯމަތިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލިވަޕޫލްގެ ސަލާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ


ލިވަޕޫލުން ރޭގެ މެޗުގައި، ބޮލޯނިއާ ބަލިކުރިއިރު، ލީޑުނެގި ލަނޑު ޖެހީ އަލެކްސިސް މެކް އަލިސްޓާ އެެވެ. މެކް އަލިސްޓާ މި ލަނޑު ޖެހީ އޭރިއާތެރެއިން، މުހައްމަދު ސަލާހު ދިން ބޯޅައަކުންނެވެ. ލިވަޕޫލްގެ ޑާވިން ނޫނޭޒް ޖެހި ގޯލެއް ވަނީ އޮފްސައިޑްވެފަ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ސަލާހު އެވެ. މި ލަނޑާ އެކު، ސަލާހަށް ވަނީ ދެ ރެކޯޑެއް ގާއިމްކުރެވިފަ އެވެ. ޗެމްޕިއަންސް ލީގުގައި 45 ވަނަ ލަނޑު ޖަހައި، މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކުރުމުގެ އިތުރުން، ލިވަޕޫލް ދަނޑުގައި ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ރޭގެ ނަތީޖާއާ އެކު، ލިވަޕޫލްގެ އާ ކޯޗު އާނާ ސްލޮޓް އަކީ، އެ ކްލަބްގެ ތާރީހުގައި ވެސް އެ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި ހަމައެކަނި ކޯޗެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބެންފީކާ އިން 4-0 އިން އެތުލެޓިކޯ ބަލިކުރިއިރު، އާރްބީ ލައިޕްޒިގު އަތުން 3-2 އިން ޔުވެންޓަސް މޮޅުވި އެވެ. އަދި މޮނާކޯ އާއި ޑިނަމޯ ޒަގްރެބް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.