އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުން ވެސް މިހާރު ވަނީ ކުރިއަރާފައި ކަމަށާއި އެހެންވެ މެޗު ފަސޭހަވާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖެ ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި އޮތް އިންޑޮނޭޝިއާ އާއި ދެ ވަނައިގައި އޮތް ޔަމަނަށް ވަނީ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތުން ކުރީގައި އޮތީ އިންޑޮނޭޝިއާ އެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އާއި ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭން ގްރޫޕްގައި ކުޅޭ ފަހު މެޗުގައި މިއަދު ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ 2014 ވަަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި، ޓިމޯ ލެސްޓޭ އަތުން 3-2 އިން މޮޅުވެފަ އެވެ. އޭގެ ފަހުން ވެސް، އުމުރުފުރާ ޓީމުތައް ޓިމޯ ލެސްޓޭއާ ކުޅެފައިވެ އެވެ.
"ވަރަށް ކުރިން ޓިމޯ ލެސްޓޭއާ އެކު އަހަރެމެން ކުޅުނިން. އަހަންނަށް ހީވާ ގޮތުގައި 21 އަހަރުން ދަށުގެ ޓީމާ ހެން ހީވަނީ، އޭރުގެ ޓިމޯ ލެސްޓޭ ޓީމާއި މިހާރު އޮތް ޓީމު އަޅާކިޔާކަމަށްވާނަމަ، ޓިމޯ ލެސްޓޭ ޓީމު ވެސް ވަރަށް އެޑްވާންސްވެއްޖެ، އެހެންވެ، އެ މެޗު ވެސް އުނދަގޫވާނެ، ފަސޭހައެއް ނުވާނެ،" ޔަމަން އަތުން ރާއްޖެ ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިއްޓެ ބުންޏެވެ.
"ޕޮއިންޓެއް ނެތި އެނބުރި ގައުމަށް ދާން ބޭނުމެއް ނޫން. ފަހު މެޗުން މޮޅުވާން ބޭނުން. ދެން ކުރިއަށް އޮތްތާގައި ޕްލޭނަށް ބަލާއިރު ބޭނުންވަނީ މި ޓީމު ރަނގަޅަށް އެކުގައި ބައިތިއްބައިގެން ޑިވެލޮޕްކުރުން. އަހަންނަށް ވިސްނޭ ގޮތުގައި އެއީ ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުމަކީ ވެސް،"
ރާއްޖޭން ފުރަތަމަ މެޗުގައި، 4-0 އިން އިންޑޮނޭޝިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ޔަމަން އަތުން ބަލިވީ 3-0 އިންނެވެ.
ޝާކިއްޓެ ބުނީ، ޔަމަން މެޗުގައި ރޭވި ގޮތަށް ކަންތައްތައް ދިޔައީ ބޮޑަށް ދެ ވަނަ ހާފުގައި ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލަ އަކަށް ވީ އާދައިގެ ގޯލުތަކެއް ވަނުން ކަަމަށް ވެސް ބުނެފައިވެ އެވެ.
"އަހަރެމެން ރޭވީ ފަހަތަށް ފައިބައިގެން ޑިފެންސް ކޮށްފައި ކައުންޓަ އެޓޭކުގައި ކުޅެން. މި ރޭވުމާ އެއްގޮތަށް ކަންކަން ދިޔައީ ދެ ވަނަ ހާފުގައި ދެން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވެސް ރަނގަޅަށް ދިޔައީ. ދަށްކޮށް ދިޔަ ކަމަކީ، ވަރަށް ފަސޭހަ ދެ ގޯލު ވަދެފައި މީނީ. އެ ސަބަބާ ހުރެ އަހަރެެމެން ރޭވި ގޮތަށް ހުރިހާ ކަމެއް ނުދިޔައީ. ޔަމަން އަކީ މޮޅު ޓީމެއް، އިންޑިވިޖުއަލީ އަހަރެމެންނަށް ވުރެ ރަނގަޅު ކުޅުންތެރިން ވެސް ތިބި. އެހެންވެ، ވަރަށް އުނދަގޫތަކެއް ކުރިމަތިވި އެ މީހުން ހުއްޓުވަން. މިއީ މެޗު ގެއްލުނު ކަމަކީ،" ޝާކިއްޓެ ބުންޏެވެ.
އިންޑޮނޭޝިއާ އާއި ޔަމަން އިން މި ގްރޫޕްގެ އެއް ވަނަ އަށް ވާދަކުރާ މެޗުގައި ބައްދަލުކުރާއިރު، މި ދެ ޓީމުގެ ތަފާތަކީ، އިންޑޮނޭޝިއާ ކުޅެނީ ތަންކޮޅެއް ބޮޑަށް ޓީމު ގޭމެއް ކަމަށާއި ޔަމަނަކީ އިންޑިވިޖުއަލް މޮޅު ކުޅުންތެރިންތަކެއް ކުޅެގެން ވެސް ނަތީޖާ ނެރޭ ޓީމެއް ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ.
ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު މޮޅެއް ހޯދީ ނޭޕާލް އާއި އިންޑިއާ އެވެ. އިންޑިއާ އިން ވަނީ 4-1 އިން މޮންގޯލިއާ ބަލިކޮށްފަ އެވެ. އަދި ނޭޕާލުން 3-1 އިން ޗައިނީސް ޓައިޕޭ ބަލިކުރި އެވެ. ބަންގްލަދޭޝާއި ބޫޓާން އެއް ގްރޫޕެއްގައި ވާދަކުރާއިރު، ބަންގްލަދޭޝް އިން 2-2 އިން ގުއާމްއާ އެއްވަރުކުރި އެވެ. ލަންކާ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.
"އަހަންނަށް ހީވާ ގޮތުގައި އަހަރެމެން ރީޖަނުގެ ޓީމުތަކަށް (ސާފްގެ ޓީމުތަކަށް) މާ ރަނގަޅު ނަތީޖާތަކެއް ނުލިބޭ މި އޭއެފްސީ ލެވަލްގައެއް. ހަމަައެކަނި އިންޑިއާ މި އޮތީ މި ލެވަލްގައި ވާދަކުރާ ޓީމަކަށް ވެސް. ދެން އޮތް ޓީމުތައް ކުޑަތަންކޮޅެއް ފަހަތުގައި މި އޮތީ، އާޝިއާން ނޫނީ މިޑްލް އީސްޓް ޓީމުތަކާ އަޅާކިޔާއިރު. އެހެންވެ، މިއީ އަހަރެމެންނަށް ވަރަށް ރަނގަޅު އެކްސްޕީރިއަންސަކަށް ވާނެ،" ޝާކިއްޓެ ބުންޏެވެ.
ޓިމޯ ލެސްޓޭ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
Comment