Advertisement

އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ކުރެއްވި ދަތުރު ނިންމަވާލައްވައި ރައީސް ފުރާވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ތަގުރީރުކުރައްވަނީ: އެމެރިކާ ދަތުރު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ފުރާވަޑައިގެންފަ --- ފޮޓޯ: ރައީސް އޮފީސް


އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ކުރެއްވި ދަތުރު ނިންމަވާލައްވައި ރައީސް ފުރާވަޑައިގެންފި

އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެމެރިކާއިން ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރާތީ، މެދުއިރުމަތީ ގައުމެއްގައި ޓްރާންސިޓް ކުރެއްވުމަށްފަހު އެމަނިކުފާނަށް މާލެ ވަޑައިގެންނެވޭނީ މާދަމާ ކަމަށް ބެލެވެ އެވެ.

މި ދަތުރުގައި ރައީސް ވަނީ އދ. އާންމު ޖަލްސާގެ ބަހުސްގައި ތަގުރީރުކުރެއްވުމުގެ އިތުރުން، އދ. ސަލާމަތީ ކައުންސިލުގައިވެސް ވާހަކަދެއްކެވި އެވެ. އޭގެއިތުރުން ހަވާސާގައި ކުރިއަށްދިޔަ އެތައް ޕެނަލް ތަކަކާއި އިވެންޓުތަކެއްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފަ އެވެ.

ރައީސް އާއެކު އދ. ގެ މަޖިލީހަށް ދިޔަ ދިވެހި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެ ދެ މިނިސްޓްރީގެ އިސްވެރިން ހިމެނެ އެވެ. ވަފުދުގައި ބައިވެރިވި އޮފިޝަލުން ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

މި ދަތުރުގެ ތެރެއިން އިވެންޓެއްގައި ތަގުރީރު ކުރައްވާ މަންޒަރު ފޭސްބުކް މެދުވެރިކޮށް ގެނެސްދެމުންދިޔަ ލައިވް އެއްގަ އެމަނިކުފާނަށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އެ މައްސަލާގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.