Advertisement

މޫސުމީ ބަދަލާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިމާވެފައިވަނީ ކުއްލި ހާލަތެއް: ރައީސް

25 ސެޕްޓެންބަރު 2024 - 21:01 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު ޖަލްސާގެ ބަހުސްގައި ވާހަކަދައްކަވަނީ: ރައީސް މިރޭ ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް


މޫސުމީ ބަދަލާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިމާވެފައިވަނީ ކުއްލި ހާލަތެއް: ރައީސް

25 ސެޕްޓެންބަރު 2024 - 21:01 1

މޫސުމީ ބަދަލާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ގުޅިގެން ދުނިޔެއަށް އަދި ހާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ދިމާވެފައިވަނީ ކުއްލި ހާލަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މިހާރު އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި މިއަދު ކުރިއަށްދާ ހައި ލެވެލް ޕްލެނަރީ މީޓިންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ނުރައްކާތައް ކުރިމަތިވަމުން ދާ ކަމަށެވެ.

"[މޫސުމީ ބަދަލާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން] އަޅުގަނޑުމެންނަށް ކުރިމަތިވެފައިވަނީ ކުއްލި ހާލަތެއް. މި ހާލަތުގެ ސަބަބުން ދިމާވާ އާދަޔާ ހިލާފު މޫސުމީ ކާރިސާތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށާއި، ސަގާފީ އަސްލުތަކުގެ އިތުރުން ތަރިކައަށް ދަނީ ނުރައްކާވަމުން،" ރައީސް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކުން ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް "ގިރާލަމުން" ދާ ކަމަށާއި ކުދި ގައުމުތަކުގެ އިގުތިސޯދަށް ވެސް އުފުލޭ ލޮނުގަނޑާއެކު ނުރައްކާވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަންކަމުން ޖަޒީރާ ގައުމުތަކާއި ކޯސްޓަލް ސަރަހައްދުތައް ސަލާމަތްކުރުމަށް މުޅި ދުނިޔެ ގުޅިގެން ކުއްލި އަދި ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހޭ. ސަބަބަކީ މިކަމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާ ވާނީ އެ ސަރަހައްދުތަކަށް ކަމަށްވާތީ."

މިހެން ވިދާޅުވެ އެމަނިކުފާނު ވަނީ އުފުލެމުންދާ ކަނޑުގެ ލޮނުގަނޑު ދިމާވާ ނުރައްކާތަކުން ސަލާމަތްވުމަށް އެޅިދާނެ ތިން ފިޔަވަޅެއް ފާހަގަކުރައްވާފަ އެވެ. އެއީ އެޑެޕްޓޭޝަނަށް ކުރާ މަސައްކަތަކަށް ބޭނުންވާ ކްލައިމެޓް ފައިނޭންސިން ފަންޑުތައް ހޯދުން ފަސޭހަ ކުރުމާއި ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންޑުތައް އޮޕަރޭޝަލައިޒް ކުރުމުގެ އިތުރުން މިކަމަށް ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކުރުމެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ރައީސް މިއަދު ސިފަކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަލް ޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލިގެން ރާއްޖެއަށް މާބޮޑު ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެދުވަހު އެމަނިކުފާނު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު "އެހާ ބޮޑަށް" ނުއުފުލޭ ކަމަށެވެ.

"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ," ރައީސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވި އެވެ.