Advertisement

ރައީސްގެ އިންޑިއާ ދަތުރު: ދަތުރުގެ ތާރީހެއް، މަގްސަދެއް ތަރުޖަމާނު ހީނާއަށް ނުބުނެދެވުނު

16 ސެޕްޓެންބަރު 2024 - 18:24 1

ރައީސް މުއިއްޒު: މީގެ ކުރިން އިންޑިއާ ސިފަ ކުރެއްވީ ރާއްޖެއަށް ބުލީ ކުރާ ގައުމެއްގެ ގޮތުގައި -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އިންޑިއާ ދަތުރު: ދަތުރުގެ ތާރީހެއް، މަގްސަދެއް ތަރުޖަމާނު ހީނާއަށް ނުބުނެދެވުނު

16 ސެޕްޓެންބަރު 2024 - 18:24 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި އެ ދަތުރުގެ މަގުސަދެއް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅެއްނުވެވުނެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އެ ދަތުރުގައި ރައީސް ވަޑައިގަންނަވާނީ ދެ ގައުމުގެ ވެރިންނަށް ވެސް ފަސޭހަ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ ހުރިހާ ދާއިރާއަކުން އެ ދަތުރުގައި މަޝްވަރާ ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖެ އާއި އިންޑިއާއަކީ ޒަމާނުއްސުރެ ވެސް ވަރަށް ގާތް ހުރިހާ ދާއިރާއަކުން ވެސް ގުޅުން ބަދަހިވެފަ އޮތް ގައުމެއް. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުގައި އެއީ އިންޑިއާ ކަމުގައި ވިޔަސް އަދި އެހެން ގައުމެއް ކަމުގައި ވިޔަސް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހުރިހާ ކަމެއްގައި ވެސް މަޝްވަރާ ކުރައްވާނެ،" ހީނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވީ ސެޕްޓެމްބަރު 10، ގަ އެވެ. އެކަން އިއުލާނު ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ކުރި ޔޫތު މިނިސްޓްރީގެ ނައިބުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ ހަމަ އެ ދުވަހު އިސްތިއުފާ ދެއްވި ފަހުންނެވެ.

އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބްލޫމްބާގް ނޫހުގައި ލިޔެފައި ވަނީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުގައި ރާއްޖެ މާލީ އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ އެވެ. ކުރިން ވާހަކަ ދެކެވުނު ކަރަންސީ ސްވޮޕުގެ އިތުރުން 2019 ވަނަ އަހަރު އެއްބަސްވެފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ރާއްޖެއަށް ފައިސާ ދޫކުރަން ތައްޔާރަށް އިންޑިއާ އޮތް ކަމަށް ވެސް ބްލޫމްބާގުން ބުނެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ސަރުކާރުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އާއި ރާއްޖެއާއެކު އޮތް ގުޅުން ގޯސްވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން ގެންގުޅުއްވި ބައެއް ޕޮލިސީތަކުގެ ސަބަބުންނެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަށްފަހު އެނބުރި ވަޑައިގެން އިންޑިއާއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ރައްދު ކުރި އެވެ. އެމަނިކުފާނު އިންޑިއާ ސިފަ ކުރެއްވީ ރާއްޖެ ބުލީ ކުރާ ގައުމެއްގެ ގޮތުގަ އެވެ. އިންޑިއާއަށް ބަރޯސާވުން ކުޑަ ކުރަން ކުރައްވާނެ ގިނަ ކަންތައްތަކެއް ވެސް އެ ދުވަހު ރައީސް އިއުލާނު ކުރެއްވި އެވެ. އެގޮތުން ތުރުކީއިން ކާޑު ގެނައުމާއި ތައިލެންޑާއި ޑުބާއިން އާސަންދަ ހަމަޖެއްސުން ވެސް ހިމެނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުން ވެސް ސަރުކާރުން ހުއްޓާލި އެވެ. ނަމަވެސް މިފަހުން ހެލިކޮޕްޓަރު އުދުއްސަން އަލުން ވަނީ ފަށައިފަ އެވެ.