Advertisement

އާޓެޓާ، އާސެނަލްގެ ކޮންޓްރެކްޓް އާ ކޮށްފި

13 ސެޕްޓެންބަރު 2024 - 09:03 0


އާޓެޓާ، އާސެނަލްގެ ކޮންޓްރެކްޓް އާ ކޮށްފި

13 ސެޕްޓެންބަރު 2024 - 09:03 0

ލަންޑަން (ސެޕްޓެމްބަރު 13) - ސްޕެއިނުގެ ކޯޗު، މިކޭލް އާޓެޓާ، އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2027 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފި އެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން، އާޓެޓާ، އެ ކްލަބާ އެކު ކުރިން ހަދާފައި އޮތް ކޯޗުކަމުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަަލަށް ހަމަވާގޮތަށް އޮތްއިރު، މިހާރު މި ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އާޓެޓާ ބުނީ، މިއީ އޭނާ އަވަހަށް ނިންމަން ބޭނުންވި ކަމެއް ކަމަށާއި މިއީ މުހިންމު ނިންމުމެއް ކަމަށެވެ.

"އަހަރެން ވަރަށް ބޭނުންވެފައި ހުރި ކަމެއް. އުންމީދު މި ކުރަނީ އިތުރު ކުރިއެރުންތަކަކަށް، ވަރަށް ޝައުގުވެރިކަމާ އެކު، ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަސައްކަތްތަކެއް ކުރަން ބޭނުން،" އާޓެޓާ ބުންޏެވެ.

ޕެޕް ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް މެންޗެސްޓާ ސިޓީގައި ހުއްޓައި، އާސެނަލުން، އާޓެޓާ، އެ ޓީމުގެ ކޯޗަކަށް ގެނައީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ ސީޒަނުގައި އާޓެޓާ ވަނީ، އާސެނަލަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިއީ، ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށައި، ކެރިއަރުގައި އާޓެޓާގެ ފުރަތަމަ ތަށްޓެވެ.

އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން އެންމެ ފަހުން، ދެ ސީޒަނުގައި ވެސް ނިންމީ ލީގުގެ ދެ ވަނައިގަ އެވެ.

އާސެނަލްގެ ކޯ ޗެއާމަން، ޖޯޝް ކްރޮއެންކާ ވިދާޅުވީ، އާސެނަލް މިހާރު ދަމުން އަންނަ މިސްރާބު ރަނގަޅު ކަމަށާއި އެ ގޮތުގައި ގިނަ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދުމަށް، އާޓެޓާ މަގާމުގައި ބަހައްޓަން ނިންމީ ޔަގީންކަން އޮތުމުން ކަމަށެވެ.

ކުޅުމުގެ ކެރިއަރުގައި އާސެނަލަށް 150 މެޗު ކުޅެދިން އާޓެޓާ، ކޮންޓްރެކްޓް އާ ކުރުމަށް ފަހު އާސެނަލް ގޮވައިގެން، ދެން ކުޅޭ މެޗުގައި ނުކުންނާނީ ވާދަވެރި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ.