ދިވެހި ދިދަ -- ފޮޓޯ: އަދަދު
އޭ ދިވެހި ދިދަޔާ އެވެ. ތިބާ ފުރިހަމަ ހައިބަތާއެކު ވައިގެ ތެރޭގައި ވިހުރިލަމުން ތިޔަ ގެންދަނީ އަހަރެމެން މި ގައުމާމެދު ކުރާ އުއްމީދުތަކާއި، ދެކެމުންދާ ހުވަފެންތަކުގެ ނިޝާނެއްގެ ގޮތުގަ އެވެ. ވައިގެ މަޑުމަޑު ރޯޅިތަކާ އެއްވަރަށް ހެލިލައި، ތިބާ ކޮށްލާ ކޮންމެ ސަލާމަކީ އަހަރެމެންގެ ހަމަ ކޮންމެ ދިވެއްސެއްގެ ފަރުދީ މިނިވަންކަމުގެ މައްޗަށް ތިބާ ދޭ ހެކިބަހެއް ކަމުގައި ދެކިގެން ތިބީމެވެ. ފެއްސާއި ރަތާއި ހުދާ ފެނުމުން މި ކުރެވޭ ސަލާމަކީ އެ ސަބަބަށްޓަކައި ތިބާއަށް ބަރުތީލަކުރެވޭ ޝުކުރާއި ތައުރީފެވެ. ތިބާ ދެކެވާ ކަނު ލޯބީގެ އިހުސާސަކީ މިއީ ކަމުގައި ވީނަމަވެސް، އަހަރެމެންގެ ހިތްތަކަށް ބަރުކަން ގެނުވާ އާހް އާއި އުދާހެއް... ނޫނެކެވެ. އާހްތަކާއި އުދާސްތަކެއް އެބަހުއްޓެވެ. މިއަދު މި ޝަކުވާތަކުގައި ރުޔަދޭށެވެ.
އޭ ދިވެހި ދިދަޔާ އެވެ. ތިބާގެ ފޭރާން ރަމުޒުކުރަނީ އެއްބައިވަންތަކަމެވެ. އެންމެ މެދުގައި ހެވި ދިއްލިފައި ހުރި ހުދު ހަނދުފަޅި ރައްކާތެރިކުރުމަށް އޭގެ ވަށައިގެންވާ ފެހީގެ ފަހި ހިމާޔަތާއި، އެ ފެއްސާއި ހުދުގެ ހިމާޔަތަށް އޭގެ ވަށައިގެންވާ ފުޅާ ރަތް ރޮނގު އެކަތިގަނޑެއްހެން ގުޅިލާފައި ދުރަށް ދައްކާ ބޮޑު މަންޒަރަކީ މި ގައުމުގެ އެއްބައިވަންތަކަމާމެދު އަޅުގަނޑުމެންގެ ހިތަށް ލިބެމުންދިޔަ ތަސައްލީ އެވެ. އެހެނަސް... އޭ ދިވެހި ދިދަޔާ އެވެ. ތިބާ ތިޔަ ރަމުޒުކޮށްދޭ އެއްބައިވަންތަކަން މި މުޖުތަމައުއަކު މިހާރަކު ނެތެވެ. ހަފަރާތުން ވަށާލައި ގަދަކުރަމުން އެ ގެންދަނީ ޝައްކާއި ވަހުމާއި ހީތަކެވެ. އެއްބައިވަންތަކަމަށް ގޮވާލާ އަޑުތައް މަޑުވެ، މުޖުތަމައުގައި އޮތް އެއްބާރުލުމުގެ ރޫހު ލޮލުކޮޅަށް ގޮސް އޮބާލައިފި އެވެ. ނުފެނޭ ދޯ އެވެ. ތިބާއަށް ތިޔަ ހުރެވެނީ މި ބަދަލުގެ އިހުސާސްކުރެވޭ ވަރަށްވުރެ މާ އުހުގަ އެވެ.
މި ބިންމަތީގެ ހާސްކަމުން މައްޗަށް އުފުލި ތަނަވަސް ޖައްވުގައި ވިހުރިލުމަށް ލިބިފައި އޮތް ފުރުސަތުގެ ސަބަބުން ތިބާއަށް ވަންހަނާވެފައިވާ ހަގީގަތްތަކެއް އެބަހުއްޓެވެ. ބިންމައްޗަށް ނަޒަރު ހިންގާށެވެ. ތިބާގެ ހިމާޔަތަށް އުއްމީދުކޮށްގެން އޮތް ގައުމު މިދަނީ ނިކަމެތިކަމާ ދިމާލަށެވެ. ތިބާއަށް ފެންނަ ފަށުގައި، އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުޅެ، ދުވެ، މަޖާ ނަގަމުންދާ ކުޑަކުދިންގެ މައިންބަފައިންގެ މޫނަށް ނަޒަރު ހިންގާށެވެ. އެ މޫނުތަކުން އެ ފެންނަ ވޭނީ ހިނިތުންވުމަކީ އެ ކުދިންގެ މާދަމާއާމެދު އެ މައިންބަފައިންގެ ހުރި ކަންބޮޑުވުންތަކެވެ. ކުދިންނަށް ހިނި މޫނުދައްކަމުން އަތުގެ ނުފުށުން ފުހޮލި ކަރުނަތިކި އެ ކިޔައިދިން ހަގީގަތުގެ ވާހަކަ ތިބާއަށް އަޑު ނީވުނުކަމީ ތިބާގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. އަހަރެމެންގެ ބަދު ނަސީބުކަމެވެ.
އޭ ދިވެހި ދިދަޔާ އެވެ. ތިބާއަށް ހައިސިއްޔަތަކާއި، ޝަރަފާއި ހުރުމަތް ދީފައި އޮތީ އަހަރެމެންނަށް މިނިވަންކަން ދިން ގާނޫނުއަސާސީންނެވެ. އެ މިނިވަންކަމާއި، ހަމަހަމަކަމުގެ ހައްގު އަހަރެމެންނަށް ނުލިބޭއިރު އަހަރެމެންގެ ފަރާތުން ހުރުމަތާއި ޝަރަފަށް ތިބާ އުއްމީދުކުރަނީ ހެއްޔެވެ؟
ގާނޫނުއަސާސީން އަހަރުމެންނަށް ދިން ކަށަވަރުކަމަކީ ފަރުދީ މިނިވަންކަމުގެ ކަށަވަރުކަމެވެ. އެ ގާނޫނުއަސާސީގައި ހައްގުތަކަށް ހާއްސަކުރެވުނު ބާބުގައި ހުރި ވާހަކަތަކަކީ މާނައެއް ނެތް އެއްޗަކަށް ވާން ދާއިރު ހަމަ ތިޔަހެން ބަލަން ހުންނާނީ ހެއްޔެވެ؟ ގައުމުގެ ހިމާޔަތުގައި ބަސްބުނާ ދުލުގައި ހިފަހައްޓަމުން އެދަނީ މުޅި ގައުމާއި ތިބާގެވެސް ހިމާޔަތުގެ ޒިންމާނަގައި، އެކަމުގެ މައްޗަށް ތިބާއަށް އަހުދު ކަށަވަރު ދިން އަތްތަކުން ނޫންހެއްޔެވެ؟ އެ ހިޔާނާތުގެ މައްޗަށް ނުރުހުމުގެ ބަހެއް ބުނެލުމާއި، އިންޒާރު ކުޅައުން ތިބާގެ މައްޗަށް ވާޖިބު ނުވޭ ހެއްޔެވެ؟
އޭ ދިވެހި ދިދަޔާ އެވެ. ތިބާގެ ޝަރަފު ރައްކާތެރިކުރުމަށް ވައުދުވީ ދޫތަކުން ތިބާގެ ނަމުގައި މުޅި ދުނިޔެއަށް އަތްދިމާކޮށް ސަލާންޖަހަނީ އެވެ. ތިބާގެ ފޭރާމުން ޖަރީކޮށްފައިވާ ނާށިގަނޑުގައި ޖަހާފައިވަނީ ދިވެހި ދައުލަތުގެ ނިޝާނެވެ. އެ ނާށިގަނޑަށް އެކި ބައްރުތަކުން އިތުރުކުރާ ކޮންމެ އަނާއަކާއެކު އުނިވަނީ ތިބާގެ ޝަރަފެވެ. އިހަށް އެކުވެރިކަމުގައި ލިބުނު އެހީތައް ޝަރުތުގެ ފަށަލަތަކުން ބަނދެވިފައިވާ ދަންތުރަތަކަކަށް ވެއްޖެ އެވެ. އެނގިތިބެ، ގަސްތުގައި އެ ދަންތުރަތަކުގައި ޖެހުމަށް މަގުކޮށަމުންދާއިރު، އެކަން މަނާކުރާނޭ ބާރެއްނެތި ލާޗާރުވެފައި ތިބޭންވީ ހެއްޔެވެ؟
އޭ ދިވެހި ދިދަޔާ އެވެ. ތިބާގެ ޝަރަފު ނެގެހެއްޓި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ ގޮތަށް ބަލައިނުލަން ހެއްޔެވެ؟ އެ މަޖިލީހުން އެ ޒިންމާތައް އަދާކުރަމުން ގެންދާ ގޮތްވެސް ބަލާށެވެ. ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައަށް އިސްކަން ދިނުން ވާޖިބުކުރެވުނު މެންބަރުންގެ ގާނޫނީ ވާޖިބާ ފަށްފަށުން، ބައިލައްކަ ފަށުން ހިލާފުވެއްޖެ އެވެ. އެ މެންބަރުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ހިތުގެ ލޯ ކަނުކުރަމުން އެ ގެންދަނީ، ތިބާގެ ޝަރަފު ރައްކާތެރިކުރުމަށް ވައުދުވީ ތާޖިރުން ދިއްކުރާ މޮހޮރީތަކުގެ ދިހުންތަކުންނެވެ. އެ އަލި ގަދަ ދަޅައިގެ ސަބަބުން ރޯނާވެފައި ތިބި ހާލު، އަހަރުމެން އުޅޭންވީ ގޮތް ބުނެދޭނޭ ގާނޫނުތައް ފާސްކުރުމުގެ ލަޔާގަތު އެ މެންބަރުންގެ ކިބައިން ނެރެވޭނެ ހެއްޔެވެ؟
އޭ ދިވެހި ދިދަޔާ އެވެ. ތިބާއަކީ އިންސާފާއި މިނިވަންކަމުގެ ނިޝާނެވެ. އެކަމަކު ދެކިބަލާށެވެ. ހަމަހަމަކަމާއި އިންސާފަށް އެދޭ މީހުން ކުރިމަތިލާންޖެހެނީ އަޅާނުލުމާއި ހަރަކާތްތެރިނުވުމުގެ ހިމޭންކަމާ އެވެ. ގާތުން ބޮލިކޮށްޓޭއެއް ދީގެންވިޔަސް ފަނޑިޔާރުގެއާ ގާތްނުވުމަށް ހިތްވަރު ދޭ މީހުންގެ އަދަދު ގިނައެއް ނުވޭ ހެއްޔެވެ؟ އިންސާފަކީ ނަސީބުން ލިބޭ އެއްޗެއްގެ ގޮތުގައި އޮންނަތާ ވީ ޒަމާނެއް އަދަދު ނުކުރެވޭނެ އެވެ. އެދޭ މީހާއަށް ލިބެނީ އިންސާފެއް ނޫނެވެ. ނަސީބެވެ. ނުވަތަ ބަދު ނަސީބެވެ. މިކަމާ ތިބާއަށް ކޮށްދެވޭނީ ކީއްހެއްޔެވެ؟
މިކަހަލަ ކިތަންމެ ކަމެކެވެ. ކިތަންމެ ޝަކުވާއެކެވެ. އެހެންނަމަވެސް، ގައުމުގެ އުޖާލާ މުސްތަގުބަލަށް އަހަރުމެން، ރައްޔިތުން ކުރާ އުއްމީދު ދޫކޮށެއް ނުލާނަމެވެ. އޭ ދިވެހި ދިދަޔާ އެވެ. ހިތުގެ ގިލަންތައް ހާމަކޮށް، ޝަކުވާ މިކުރަނީ އެކަމުގެ މައްޗަށް ހާއްސަ ޝައުގެއް އޮތީތީއެއް ނޫނެވެ. ކުރާ ހިތަކުންވެސް ނޫނެވެ. ބަޔަކު ތިބާހެކިކޮށް ކުޅަ ދޮގު ހުވާތަކާއި، ތިބާއަށް ވީ ހޮޅި ވައުދުތަކުގެ ހަގީގަތް ބުނެދިނުމަކީ ވާޖިބެއްކަމުގައި ދުށީ އެވެ. ތިބާއަށް ބޮޑެތި ވައުދުވެ، އެ ވައުދަކީ ރުކަށް އެރި މީހާގެ ނަދުރެއްކަމަށް ހިތައިގެން ތިބި މީހުންގެ ވައުދަށް އެމީހުން ޒިންމާކުރުވުމުގައި ދެމި ތިބުމަކީ މިއަދު އަހަރުމެން ތިބާއަށްވާ ވައުދެކެވެ. މި ވައުދު ފުއްދުމުގައި އަހަރުމެން ދެމި ތިބޭތަން ތިބާ ދެކޭނެ އެވެ.
Comment