Advertisement

ބައެއް ޖަމިއްޔާތަކުން ބޭނުންވަނީ ރާއްޖޭގައި ވޭޕް މަނާ ކުރަން

12 ސެޕްޓެންބަރު 2024 - 18:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީހަކު ވޭޕް ކުރަނީ: އެންސީޑީން ވަނީ ރާއްޖެއިން ވޭޕް މަނާކުރަން ގޮވާލާފައި -- ފޮޓޯ: ރޮއިޓާސް


ބައެއް ޖަމިއްޔާތަކުން ބޭނުންވަނީ ރާއްޖޭގައި ވޭޕް މަނާ ކުރަން

12 ސެޕްޓެންބަރު 2024 - 18:52 0

ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާ ކުރަން، ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން އުފައްދާފައިވާ އެންސީޑީ އެލަޔަންސްއިން މިއަދު ގޮވާލައިފި އެވެ.

އެންސީޑީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވޭޕާއި އީ ސިނގިރޭޓަކީ ދުންފަތުގެ ބާވަތެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށާއި ރާއްޖޭގައި ވޭޕާއި ސިނގިރޭޓު އިސްތިއުމާލުކުރާ މިންވަރު ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް އިތުރުުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރާއްޖޭގައި ސިއްހަތަށް އެންމެ ބޮޑު ބުރައެއް ގޮތުގައި މިވަނީ ގައިން ގަޔަށް ނާރާ ބަލިތައް. ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސަންޓު މީހުން ދުނިޔެ ދޫކުރަނީ ގައިން ގަޔަށް ނާރާ ބައްޔެއްގައި ކަމަށް ތަސް ހިސާބުތަކުން ދައްކާ. ދުންފަތުގެ ބާވަތްތައް ހިމެނެނީ ގައިން ގަޔަށް ނާރާ ބަލިތައް މެދުވެރިކުރާ އެންމެ ބޮޑު ހިރާސް ކަމުގައި،" އެންސީޑީން ބުންޏެވެ.

ވޭޕާއި އީ ސިނގިރޭޓުގެ އުފެއްދުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ގިނަކަން ފާހަގަކޮށް އެންސީޑީން ބުނީ ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވެ، ސިއްހީ ގޮތުން ނޭދެވޭ އެތައް އަސަރުތަކެއް ހަށިގަނޑަށް ކުރާ ކަމަށެވެ.

އެގޮތުން އެ ދެ އުފެއްދުމުން ސިއްހަތަށް ލިބޭ ގެއްލުން އިތުރުކަން ދިރާސާތަކުން ދައްކާކަން ފާހަގަކޮށް އެންސީޑީން ބުނީ އޭގައި ހުންނަ އެހެނިހެން ކެމިކަލްތަކުން ކެންސަރު، ހިތުގެ ބަލި، ސްޓްރޯކްފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ.

"ސިނގިރެޓްގައި ހިމެނޭ ފޯމަލްޑިހައިޑް، އާސެނިކް، އެކްރޮލިން، ބެންޒިން އަދި ނިކޮޓިން ފަދަ ކެންސަރު އަދި ބައެއް ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް އީ ސިނގިރޭޓް އަދި ވޭޕުގައި ހިމެނޭ،" އެ އެލަޔަންސްއިން ބުންޏެވެ.

ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވޭޕް މުޅިން މަނާ ކުރެވިފައިވާކަން ފާހަގަކޮށް އެންސީޑީން ބުނީ އާބާދީ ބޮޑު އިންޑިއާ އަދި ތައިލެންޑުފަދަ ގައުމުތަކުގައި ވެސް ވޭޕް މަނާ ކުރެވިފައިވާ ކަމަށެވެ.

ވޭޕް މަނާ ކުރަން ގޮވާލި ނަމަވެސް، ސިގިރެޓު މަނާ ކުރާކަށް އެ ޖަމިއްޔާތަކަކުން ނުގޮވާލަ އެވެ.

އެންސީޑީގެ އެލަޔަންސްގައި ހިމެނެނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް އެވެ.