11 ސެޕްޓެންބަރު 2024 - 11:32 0
11 ސެޕްޓެންބަރު 2024 - 11:32 0
ލަންޑަން (ސެޕްޓެމްބަރު 11) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު ބީގައި ރޭ ހެރީ ކޭން، އިންގްލެންޑް ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗުގައި، ޖެހި ދެ ގޯލާ އެކު، އެ ޓީމުން 2-0 އިން ފިންލެންޑް ބަލިކޮށްފި އެވެ.
ކޭން، އަށް ހާއްސަވި މި މެޗުގައި އޭނާ ކުޅެފައިވަނީ ރަން ކުލައިން ފަރުމާ ކޮށްފައިވާ ހާއްސަ ބޫޓެއްގަ އެވެ. މި މެޗުގައި ކޭން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ، ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ދިން ބޯޅައަކުންނެވެ. އަދި ދެ ވަނަ ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ ނޯނީ މަޑުއެކޭ އެވެ.
އިންގްލެންޑް ގައުމީ ޓީމަށް ކުުޅުނު 100 ވަނަ މެޗުގައި ލަނޑު ޖެހުމުގެ ޝަރަފް ހޯދި ތިން ވަނަ ކުޅުންތެރިއަކީ ކޭން އެވެ. މީގެ ކުރިން، 2014 ވަނަ އަހަރު ވޭން ރޫނީ ވަނީ އިންގްލެންޑަށް ކުޅެދިން 100 ވަނަ މެޗުގައި ސްލޮވީނިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ. އެންމެ ފުރަތަމަ އިންގްލެންޑަށް ކުޅެދިން 100 ވަނަ މެޗުގައި ލަނޑު ޖެހީ، ލެޖެންޑަރީ ކުޅުންތެރިޔާ ބޮބީ ޗާލްޓަން އެވެ. އެއީ، 1970 ވަނަ އަހަރު ނޮދަން އަޔަލެންޑް ކޮޅަށެވެ.
ފިންލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.
އިންގްލެންޑް ގައުމީ ޓީމަށް، 100 މެޗުން ކޭން ވަނީ 68 ލަނޑު ޖަހައިފަ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި ކޭން، އިންގްލެންޑަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ، 2015 ވަނަ އަހަރެވެ.
ރޭގެ މެޗަށް ފަހު، ކޭން ބުނީ، މީގެ ކުރިން، ލޯން އެއްބަސްވުމެއްގެ ދަށުން މިލްވޯލް އާއި ނޯވިޗް ސިޓީ އަދި ލެސްޓާ ސިޓީ އަށް ދަށް ޑިވިޝަންތަކުގައި ކުޅުނުއިރު، އޭނާގެ ކެރިއަރުގައި، އިންގްލެންޑަށް 100 މެޗު ކުޅެވޭނެ ކަމަށް ހީނުކުރާ ކަމަށެވެ. އެހެންކަމުން، މި ހާސިލްކުރެވުނީ ވެސް ކެރިއަރުގައި ބޮޑު ކަމެއްގެ ގޮތުގައި ކޭން ދެކެ އެވެ.
ވަގުތީ ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން، އިންގްލެންޑް ކުޅުނު ދެ މެޗުން ވެސް މި ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި އަޔަލެންޑް އަތުން ވެސް ވަނީ ކާމިޔާބު ހޯދައިފަ އެވެ.
Comment