Advertisement

ހޯމް މިނިސްޓްރީގެ ޕީއެސް ކަމުން އިސްތިއުފާ ދިން ހިންނާއަށް ފޮރިންގެ ޑެޕިއުޓީ މިނިސްޓަރަކަށް

11 ސެޕްޓެންބަރު 2024 - 11:19 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުން ހޯމަ ދުވަހު އިސްތިއުފާ ދެއްވި ހިންނާ -- ފޮޓޯ: ހޯމްލޭންޑް


ހޯމް މިނިސްޓްރީގެ ޕީއެސް ކަމުން އިސްތިއުފާ ދިން ހިންނާއަށް ފޮރިންގެ ޑެޕިއުޓީ މިނިސްޓަރަކަށް

11 ސެޕްޓެންބަރު 2024 - 11:19 1

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމުން ހޯމަ ދުވަހު އިސްތިއުފާދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިންނާ ނައިބު ވަޒީރުކަމަށް އައްޔަންކުރެއްވިކަން ސަރުކާރުގެ އެކި މަސްދަރުތަކުން "އަދަދު" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ހޯމަ ދުވަހު އެކި މަސްދަރުތަކުން އެނގުނު ގޮތުގައި ހިންނާ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވުމަށް ފަހެވެ.

އެ މަގާމަށް ފަސް އަހަރުގެ މުއްދަތަށް ހިންނާ އައްޔަނު ކުރެއްވީ މި އަހަރުގެ ޖޫން 6، ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ޖެނުއަރީ 31، ގައި އިސްތިއުފާ ދެއްވުމުންނެވެ.

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމުން މީގެ ކުރިން ވެސް ފުރުއްވި ހިންނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އޭގެ އިތުރުން، ހޯމް އެފެއާޒްގެ ސްޕޯކްސްޕާސަންގެ މަގާމު ފުރުއްވައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގައި ވެސް ހިންނާ މަސައްކަތް ކުރެއްވި އެވެ.

ސިވިލް ސާވިސްގެ މަގާމަކުން އިސްތިއުފާދެއްވި ފަރާތަކަށް ސިޔާސީ މަގާމެއް ދެއްވަން ރައީސް މި ނިންމެވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސިޔާސީ މަގާމުތައް މަދުކުރަން ނިންމާވައިވާ ދަނޑިވަޅެއްގަ އެވެ.