Advertisement

ގައުމިއްޔަތުގެ ނަމުގައި ބައިބައިވުމާއި ފިތުނަ އުފައްދަން ޖާގަ ދީގެން ނުވާނެ: ޝާހިދު

4 ސެޕްޓެންބަރު 2024 - 13:40 3

އެމްޑީޕީގެ ރައީސް ޝާހިދު: ވިދާޅުވީ ފިތުނަ އުފައްދަން ފުރުސަތު ދީފި ނަމަ އެކަން ވާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލަށް ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގައުމިއްޔަތުގެ ނަމުގައި ބައިބައިވުމާއި ފިތުނަ އުފައްދަން ޖާގަ ދީގެން ނުވާނެ: ޝާހިދު

4 ސެޕްޓެންބަރު 2024 - 13:40 3

ގައުމިއްޔަތުގެ ނަމުގައި ބައިބައިވުން އުފެއްދުމަށާއި ފިތުނަ އާއި ނަފުރަތު އުފައްދަން ޖާގަ ދީގެން ނުވާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިބައިވުމާއި ފިތުނަ އާއި ނަފުރަތު އުފެއްދުމަށް ފުރުސަތު ދީފި ނަމަ އެކަން ވާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ.

"ގައުމިއްޔަތުގެ ނަމުގައިވިޔަސް އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނަ އާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ. އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި،" ޝާހިދު ވިދާޅުވި އެވެ.

ގައުމިއްޔަތުގެ ނަމުގައި ރައީސް މުއިއްޒު ފަތުރަނީ ހުދުމުހުތާރުކަމުގެ ސިފަތައް ކަމަށާއި ގައުމިއްޔަތު ބޭނުން ކުރަނީ އިދިކޮޅު ސިޔާސީ މީހުންނާ ދެކޮޅަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

"ވެރިމީހާއާ ދިމާއަށް، ސަރުކާރާ ދިމާއަށް އެއްޗެއް ބުނާ މީހަކީ ގައުމާ ދެކޮޅު މީހެއް ގޮތަށް ސިފަކުރުން، އަދި ސަރުކާރަކަށް ފާޑުނުކިޔޭނެ ގޮތަކަށް، ކިޔާ މީހަކަށް ފިޔަވަޅު އެޅޭނެ ގޮތަކަށް ބައްޓަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގައުމިއްޔަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމިއްޔަތުގެ އެންމެ މުހިންމު ތިން ރުކުނަކީ ގައުމާއި ބިމާއި ދައުލަތް ސަލާމަތުން ބޭއްވުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، ގައުމެއް ސަލާމަތްވެ އޮންނަނީ، އެ ބައެއްގެ ބިން ސަލާމަތުން ބޭއްވުނީމަ. ބިން ސަލާމަތުން އޮންނަނީ ދައުލަތް ސަލާމަތުން ބާއްވައިގެން. ވީމާ، ގައުމިއްޔަތުގައި އެންމެ އިސްކަމެއް ދެނީ، މި ތިން ރުކުން ހިމާޔަތްކުރުމަށް. ދިވެހި ގައުމިއްޔަތުގައި ނަމަ، އެއީ، ދިވެހީންނާއި ދިވެހީންގެ ރާއްޖެ އާއި ދިވެހީންގެ ދައުލަތް. ހަމަ އެއްވެސް ދިވެއްސެއްގެ އަމިއްލަވަންތަކަން ދިފާއުކުރެވޭނީ މި ހަގީގަތްތަކުގެ މަތީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ގައުމިއްޔަތާ ގުޅޭ ގޮތުން މީގެ ކުރިން ދެއްކެވި ވާހަކައަށް ބައެއް މީހުން ޖޯކު ޖެހުމުން އެމަނިކުފާނު ވަނީ ޖޯކު ޖެހި މީހުންގެ ދިވެހިވަންތަކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފަ އެވެ.

"މި ވާހަކަ އަޅުގަނޑު ދެއްކީމާ އެކަމަށް ޖޯކު ޖަހާ، ނޫނިއްޔާ އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ އަޅުގަނޑު ހިތުން އެއީ ދިވެހިވަންތަ ބައެއްތޯ. ދިވެހި ރައްޔިތުން، ގައުމު ދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ،" ފެބްރުއަރީ 6، ގައި ތ. ވޭމަންޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.