Advertisement

އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރި ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

1 ސެޕްޓެންބަރު 2024 - 12:20 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޝާޒިޔާ އާއި ޝަޒްރާ -- ފޮޓޯ: އަދަދު


އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރި ޝާދިޔާ އާއި ޑރ. ޝަޒްރާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި

1 ސެޕްޓެންބަރު 2024 - 12:20 2

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

އޯގަސްޓު 28، ގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ޖެހީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވެގެން މިއަދު އެ ދެމީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

އެ ދެ މީހުން އުނދަގޫކުރީ ކޮން ސަފީރަކަށް ކަމެއް އަދި ކޮން ޑިޕްލޮމެޓިކް މިޝަންތަކަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫ ނުކޮށް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާ އާއި ޝަޒްރާ ދިޔައީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ރާއްޖޭގައި ހުންނަ ޔޫއެން އޮފީގެ އިތުރުން އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީ މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.