Advertisement

ކޭން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަން ބޫޓު ހޯދައިފި

29 އޮގަސްޓު 2024 - 07:41 0


ކޭން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަން ބޫޓު ހޯދައިފި

29 އޮގަސްޓު 2024 - 07:41 0

ޕެރިސް (އޮގަސްޓް 29) - ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު، ބަޔާން މިއުނިކް އަށް ކުޅޭ އިނގިރޭސި ފޯވާޑް ހެރީ ކޭން، ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ބަޔާން އަށް ބަދަލުވެ، އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ ސީޒަނުގައި، ޖަރުމަނު ލީގުގައި ކޭން ވަނީ 36 ގޯލު ޖަހައިފަ އެވެ.

ކޭން، 31، އަކީ، 2000 ވަނަ އަަހަރު ކެވިން ފިލިޕްސް މި ބޫޓު ހޯދި ފަހުން، މިކަން ހާސިލްކުރި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކޭންގެ ކުރިން ބަޔާންގައި ހުރެ ޔޫރަޕްގެ ރަން ބޫޓު ހޯދީ ރޮބަޓް ލެވަންޑޯސްކީ ދެ ފަހަރާއި ގާޑް މުލާ ދެ ފަހަރު އެވެ.

"ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ، އަހަރެން މި ކަމުގެ ޝުކުރު އަދާކުރަން ޖެހޭނީ ޓީމުގެ ކުޅުންތެރިންނަށް، އެއީ އެ މީހުންނާ ނުލައި މި ކަމެއް ނުކުރެވޭނެ،" ކޭން ބުންޏެވެ.

ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިންނަށް ރަން ބޫޓު ދޭން ފެށީ، 1967/1968 ވަނަ އަހަރުގެ ސީޒަނުން ފެށިގެންނެވެ. އެކަމަކު، ރޭންކިން ދަށް ލީގުތަކުގެ ކުޅުންތެރިން ރަން ބޫޓު ހޯދާ ނިސްބަތް ގިނަވެ، މި އެވޯޑްގެ ހައިބަތާ މެދު ސުވާލު އުފެދޭ ކަންތައްތައް ކުރިމަތިވުމުން، ލީގުތަށް ގިންތިކޮށް، ލަނޑުގެ އަދަދު ޕޮއިންޓް ސިސްޓަމަކުން ބަލާގޮތް ހަދައި، ރަން ބޫޓު ދޭ އުސޫލު ބަދަލުކުރީ، 1997 ވަނަ އަހަރު އެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް، ޔޫރަޕްގެ ރަން ބޫޓު ހޯދިއިރު، މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދީ ހަ ފަހަރު ރަން ބޫޓު ހާސިލްކުރި ލިއޮނަލް މެސީ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހަތަރު ފަހަރު މި ރަން ބޫޓު ހާސިލްކޮށްފަ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި، ކޭން ބުނީ، އެ ލެވަލްގެ ކުޅުންތެރިންނާ އެއް ހަމައަކުން ގުނޭ ވަރުގެ ކާމިޔާބެއް ހާސިލްކުރެވުނީތީވެ، އުފާކުރާ ކަމަށެވެ.