26 އޮގަސްޓު 2024 - 21:22 1
އަމަން ހަލީމް
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: އޭނާ ތުހުމަތުކުރެއްވި ގޮތުގައި އިއްޔެ ހިނގައިދިޔައީ ދުރާލާ ރޭވިގެން ދިޔަ ބަގާވާތެއް -- ފޮޓޯ: މިރާން ނާޝިމް/އަދަދު
26 އޮގަސްޓު 2024 - 21:22 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑުން އިއްޔެ ނިންމި ނިންމުމަކީ އެމްޑީޕީ އަޑީގައި އޮވެގެން ގެންނަން އުޅުނު މާލީ ބަގާވާތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ސިފަކުރައްވައިފި އެވެ.
ޕީއެންސީ ހަރުގެ ޖަލްސާގައި ޝިޔާމް މިހެން ވިދާޅުވީ، ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދިނުން ހުއްޓާލުމަށް ނިންމުމާ ގުޅުވަ އެވެ.
އޭނާ މި ވާހަކަތައް ދެއްކެވުމުގެ ކުރިން، މި ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިސް އެކްޓިވިސްޓުން ވެސް ދިޔައީ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި މި މޭރުމުން ވާހަކަތައް ދައުރުކުރަމުންނެވެ.
ޝިޔާމް ވެސް ހަމަ އެ ގޮތަށް ވާހަކަތައް ބައްޓަން ކުރައްވަމުން ވިދާޅުވީ ރައްޔިތުންގެ "ކަރުގަހިފަން" ބޭންކުން ނިންމުމުގެ ފަހަތުގައި ތިބީ އެމްޑީޕީ ކަމަށެވެ. އޭނާގެ މި ތުހުމަތުތަކަށް ބާރު ދިނުމުގެ ގޮތުން ވިދާޅުވީ، ބީއެމްއެލްގެ ނިންމުން އިއުލާނުކުރި ވަގުތުގައި އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.
"އިއްޔެ އިރު އެރި އިރުގައި މާލީ ބަގާވާތެއް ގެންނަން މި މީހުން އަޑީގައި ތިބެގެން، މާލީ ބަގާވާތެއް ގެންނަން މަސައްކަތް ކުރީ. އެއީ އިއްތިފާގެއް ނޫން. ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގަހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސެއްގައި،" ޝިޔާމް ވިދާޅުވި އެވެ.
"އެ ވާހަކަ ދައްކަވާ. އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން، މިއީ ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް،"
ޝިޔާމް ވިދާޅުވި ގޮތުގައި އިއްޔެ ހިންގަން އުޅުނު ބަގާވާތް ކާމިޔާބު ނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަމުންނެވެ. އަދި އެމަނިކުފާނާއެކީ މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިއްޔެ ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވީ ރައީސް ކުރެއްވި މަސައްކަތުން ކަމަށެވެ.
ޝިޔާމް މި ވާހަކަތައް ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ، އިއްޔެ ހިނގައިދިޔަ ކަންކަމަކީ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވިގެން ހިނގި އަމަލެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަން އިއުލާންކޮށްފަ އެވެ.
ސަރުކާރުން މިގޮތަށް ކަންކަން ސިފަކޮށްދޭން މަސައްކަތްކުރާ އިރު، މިހާރު ބީއެމްއެލްގެ ބޯޑުގައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ސްލޮޓުތަކުގައި ތިބި އެންމެންނަކީ މި ސަރުކާރު ވެރިކަމަށް އައި ފަހުން، ސަރުކާރުން ހުށަހަޅައިގެން ބޯޑަށް އައްޔަންކޮށްފައި ތިބި މީހުންނެވެ.
Comment