Advertisement

އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ އާއި އަކްރަޑަގް، އަލް އަރަބީ އަދި އަބްދީޝް އެއް ގްރޫޕަކަށް

22 އޮގަސްޓު 2024 - 12:36 0

މާޒިޔާ އިން މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އޭއެފްސީ ޗެލެންޖް ލީގު: މާޒިޔާ އާއި އަކްރަޑަގް، އަލް އަރަބީ އަދި އަބްދީޝް އެއް ގްރޫޕަކަށް

22 އޮގަސްޓު 2024 - 12:36 0

އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ ހިމެނިއްޖެ އެވެ.

ޗެލެންޖް ލީގަކީ އޭއެފްސީގެ ތިން ވަނަ ފަންތީ ކްލަބް ފުޓްބޯޅަ މުބާރާތެވެ. މިއީ މި ފަަހަރު ތައާރަފްކުރި މުބާރާތެކެވެ. އޭއެފްސީން ދެން ބާއްވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އެވެ.

މީގެ ކުރިން ބެލެވުނީ، މާޒިޔާ އަށް ފުރުސަތު ލިބޭނީ ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ކަމަށެވެ. އެކަމަކު، އޭއެފްސީން ޗެލެންޖާސް ލީގުގެ ފޯމެޓާއި ޕްރިލިމިނަރީ މެޗު ޝެޑިއުލް އިއުލާނުކުރިއިރު، މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭ ޓީމުތަކުގެ ތެރޭގައި ހިމަނައިފަ އެެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށަނީ އޮކްޓޫބަރު ފަހުކޮޅުގަ އެވެ.

ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން މިއަދު ބޭއްވިއިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

ޗެލެންޖް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާގެ އީސްޓް ބެންގާލް، ލެބަނަންގެ ނަޖްމޭ، ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަދި ބޫޓާންގެ ޕާރޯ އެފްސީ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅޭނީ ބޫޓާނުގަ އެވެ. ގްރޫޕް ސީގައި ހިމެނެނީ އޮމާންގެ އަލް ސީބް ކްލަބާއި ސީރިއާގެ އަލް ފަތުވާ، ބަހުރޭނުގެ އަލް އަހްލީ އަދި ފަލަސްތީނުގެ ހިލާލް އަލް ގުދުސް އެވެ. މި ގްރޫޕްގެ މެޗުތައް ކުޅޭނީ އޮމާނުގަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓޭނެ ތާރީހެއް ސީދާ ނޭނގުނު ނަމަވެސް، މާޒިޔާ އިން އަންނަނީ އޭއެފްސީ މުބާރާތަށް ތަައްޔާރުވާން ޕްރީ ސީޒަން ފަށަން މަސައްކަތް ކުރަމުންނެވެ. ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ، އޮކްޓޫބަރު 26، އޮކްޓޫބަރު 29 އަދި ނޮވެމްބަރު 1 ގަ އެވެ.