Advertisement

ސީޕްލޭނަކީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެކަށޭނަ އުޅަނދެއް ނޫންކަން ފެށިއިރު ވެސް އެނގޭ: އަމީން

22 އޮގަސްޓު 2024 - 13:47 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓު މިނިސްޓަރު އަމީން އަދި ރައީސް މުއިއްޒު: ހިދުމަތް ފެށިއިރު ވެސް އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީޕްލޭން އެކަށޭނަ އުޅަނދެއް ނޫންކަން އެނގޭ ކަމަށް މިނިސްޓަރު އަމީން ރޭ ވިދާޅުވި --- ފޮޓޯ:


ސީޕްލޭނަކީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެކަށޭނަ އުޅަނދެއް ނޫންކަން ފެށިއިރު ވެސް އެނގޭ: އަމީން

22 އޮގަސްޓު 2024 - 13:47 2

އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން މޯލްޑިވިއަންގެ ސީޕްލޭނެއް ހާއްސަކުރިއިރުވެސް އެއީ އެ ހިދުމަތް ދޭން އެކަށޭނަ އުޅަނދެއް ނޫންކަން އެނގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ވެސް ސީޕްލޭނުގައި އެ ހިދުމަތް ދިނުމަށް ކަމަށެވެ.

"ވަކި ހިސާބަކުން ރައީސް ނިންމަވައިފި، ސީޕްލޭނަކީ ރޭގަނޑު ނުދުއްވޭ އެއްޗަކަށްވެފަ ދުވާލު އެކަނި ދުއްވޭ އެއްޗަކަށް ވީމަ މީގަ ބައިވަރު ލިމިޓޭޝަންތަކެއް އެބަހުއްޓޭ އަދި އޭގެ ސްޕީޑާއި ބައެއް ހާލަތްތަކުގެ ޕްރެޝަރައިޒް ކޮށްގެން ދުއްވަންޖެހޭތީއާ. ބައިވަރު ލިމިޓޭޝަންތަކެއް އެބަހުރި އިނގޭތޯ،" އާނޭ ވިދާޅުވި އެވެ.

"އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ޑޭޝް8 އެއްގަ ހުރިހާ އެމަޖެންސީ އެކިއުޕްމަންޓު އަޅުވައިގެން އެއާ އެމްބިއުލާންސްގެ ގޮތުގަ، އަދި ހާއްސަ މެޑިކަލް ޓީމަކާ އެކީގަ ތައްޔާރުކޮށްގެން 24 ގަޑިއިރު ބޭއްވުމަށް މަސައްކަތް ކުރުމަށް. މިގޮތަށް ނިންމެވީ،"

ނަމަވެސް، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ސީޕްލޭންވެސް ހިމަނައިގެންނެވެ. ނ. މަނަދޫގައި ހުންނަވާ ރައީސް މުއިއްޒު ފެބްރުއަރީ 28، ގައި އެކަން އިއުލާނުކުރެއްވީ ސީޕްލޭނުން "ކޮންމެ ރަށަކަށް" ވެސް ގޮސް ބަލިމީހުން އުފުލޭނެ ކަމަށް ވިދާޅުވަމުންނެވެ.

"ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި [އެކަނި]. ސީޕްލޭންގެ އެޑުވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެތީ," ރައީސް އެދުވަހު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ރޭ ވިދާޅުވި ގޮތުން، ރައީސް މިފަދައިން ވިދާޅުވިއިރު، ސީޕްލޭނަކީ މިކަމަށް އެންމެ އެކަށޭނަ އުޅަނދު ނޫންކަން އެމަނިކުފާނަށް ވެސް އެނގިލައްވާނެ އެވެ. ނަމަވެސް ފުރަތަމަ މަޝްވަރާ ކުރެވުނީ ސީޕްލޭނުން ހިދުމަތް ދިނުމުން ކަމުން އެ އުޅަނދު ވެސް އެއާ އެމްބިއުލޭންސަކަށް ބަދަލުކޮށް ހިދުމަތް ފެށީ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޑޭޝް8 ބޯޓުން މި ވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް ހިދުމަތް ދެވޭ ކަމަށެވެ. ނަމަވެސް، ބަލިމީހުން އުފުލުމަށް ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތައް ވެސް ބޭނުންކުރެ އެވެ.

"ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭ ބައެއް މަސްމަހު އެބަހުރި އެންމެ ރިކުއެސްޓެއްވެސް ޕަބްލިކުން ނާދެ ސީޕްލޭނަކަށް. ރިކުއާމަންޓެއް ނެތް. އެހެންވީމަ އަޅުގަނޑާ ހެލްތު މިނިސްޓަރާ ދެބޭފުޅުންވެގެން ރައީސްއަށް ދެންނެވީ މި ފަސް މަސް ދުވަހުގެ ރިކުއާމަންޓަށް އިތުރު ޓުވިން އޮޓާ ބޯޓެއް މިގޮތަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ ބޭއްވުމުގެ ބޭނުމެއް މި ވަގުތަކު ނެތޭ،" މިނިސްޓަރު އަމީން ރޭ ވިދާޅުވި އެވެ.

އެ ބޯޓު ކުރިން އޮތްގޮތަށް ބަދަލުކުރަމުގައި މައްސަލައެއް ނެތް ކަމަށް ރައީސް ނިންމެވީ، ހިދުމަތް ފެށުމުގެ ކުރިން ވެސް ހުރި މައުލޫމާތާއި ފަސް މަހުގެ ޑޭޓާއަށް ބެއްލެވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަން ސިޔާސީ ކުރަން ނުޖެހޭ ކަމަށާއި ނޫސްތަކުން ރައީސް މުއިއްޒުގެ އެއާ އެމްބިއުލާންސް ހިދުމަތް ފެއިލް ވެއްޖެ ކަމަށް ބުނަނީ ވެސް އެ މަގުސަދުގާ ކަމަށާއި ސީޕްލޭނުން އަލުން ފަތުރުވެރިން އުފުލަން ފެށީ ސަރުކާރުގެ ވަސީލަތެއް "ބޭނުން ނުކޮށް ނުބާއްވާން" ވެގެން ކަމަށް ވެސް އަމީން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން، ކުލަ ބަދަލުކޮށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށި ސީޕްލޭނުން އަނެއްކާވެސް ފަތުރުވެރިން އުފުލަން ފެށި ހަބަރު މި ނޫހުން ގެނެސްދީފައި ވާނީ އަންގާރަ ދުވަހެވެ.

މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" ނޫހާ ވާހަކަދައްކަމުން އެ ދުވަހު ބުނީ މޯލްޑިވިއަންގެ އާންމު ސީޕްލޭން ފްލީޓަށް، އެއާ އެމްބިއުލާންސްއަށް ކަނޑައެޅި ބޯޓު ބަދަލުކުރަން ނިންމީ ބަލި މީހުން އުފުލަން ވަކި ސީޕްލޭނެއް ހާއްސަކޮށްފައި ބާއްވުމަކީ ހަރަދު ދެކޮޅު ޖެހޭނެ ކަމަކަށް ނުވުމާއި، ރިސޯޓުތަކަށް ޓޫރިސްޓުން އުފުލަން ދަތިތައް ދިމާވުން ކަމަށެވެ.

އެ ހަބަރު ސަރުކާރުގެ އިސް އޮފިޝަލުންނާއި ޕީއެންސީގެ ސަޕޯޓަރުން ފުރަތަމަ ދޮގު ކުރި ނަމަވެސް ސަރުކާރުން މިވަނީ އެކަމަށް އެންމެ ފަހުން އެއްބަސްވެފަ އެވެ.

އިތުރަށް ކިޔާލުމަށް: