Advertisement

މިފްކޯއިން މަސް ކާރުހާނާ ހިންގި ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފި

21 އޮގަސްޓު 2024 - 15:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކަނޑުއޮތްގިރި. މި ރަށް މިހާރު ވަނީ އެމްއެންޑީއެފް އާ ހަވާލުކޮށްފަ --- ފޮޓޯ: ގޫގުލް އާތު


މިފްކޯއިން މަސް ކާރުހާނާ ހިންގި ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފި

21 އޮގަސްޓު 2024 - 15:27 0

ސަރުކާރު މަސް ކުންފުނި، މިފްކޯއިން 1999 އިން ފެށިގެން މަސް ބަންދުކުރާ ފެސިލިޓީއެއް ހިންގި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ، އެ ރަށް އެމްއެންޑީއެފް އާ ހަވާލުކުރީ މި މަހު ތިނެއްގައި ކަމަށެވެ. އަދި މަސްވެރިން ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރުން ހޯދުމަށް އެޗްޑީސީ އާއެކު މަޝްވަރާކުރަމުންދާ ކަމަށްވެ ސް މިނިސްޓަރު ވިދާޅުވި އެވެ.

ލަފާފުރުމުގެ ދަތިކަމާ ހުރެ ބަނދަރު އަޕްގްރޭޑު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގި ކަނޑުއޮތްގިރީގައި ހުރި ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ފުރަތަމަ އިއުލާނުކުރީ ޖޫން 13، ގަ އެވެ.

"އެހެންވެގެން އަޅުގަނޑުމެން މިހާރު މިދަނީ އެޗްޑީސީއާ އެކު މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސްވޮޕް ކުރެވޭތޯ [ބަދަލު ކުރެވޭތޯ], ކަނޑުއޮތްގިރި އާއި ހުޅުމާލެއިން [ބިމެއް]. އެ ނިޔަތް ސާފުކޮށް އޮވެ އެބަ މަސައްކަތް ކުރަން," އެ ދުވަހު މާލޭ ފަޅުތެރެއަށް ވަދެ ކަންނެލި އޮޑޮދޯނިފަހަރުން ކުރި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވާ ޝިޔާމު ވިދާޅުވި އެވެ.

ނަމަވެސް އެ ކާރުހާނާ ބަދަލުކުރެވޭނެ ތާރީހެއް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޝިޔާމް ވިދާޅެއް ނުވެ އެވެ.

އެ ރަށުގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުއަކީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓް ގެ ތެރެއިން، ފިޝަރީޒް މިނިސްޓްރީ ގެ ބެލުމުގެ ދަށުން ހިންގި މަޝްރޫއުއެކެވެ.

އެ މަސައްކަތް ކުރުމަށް 77 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މެއި 2022, ގަ އެވެ. މިއީ މަސްދޯނިފަހަރަށް ސަލާމަތާއި ރައްކާތެރިކަމާ އެކު ބަނދަރު ކުރެވޭނެ ގޮތަށް ކަނޑުއޮތްގިރީގެ ބަނދަރު ބަދަލުކުރުމަށް ފެށި މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފަ އެވެ. އެންމެފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ.