18 އޮގަސްޓު 2024 - 14:39 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރަސްމާލެއާއި މާލެއާ ދެމެދު އަޅަން ނިންމި ޓަނަލުގެ މަސައްކަތް އެމަނިކުފާނު ވިދާޅުވި ގޮތަށް ކުރިއަކަށް ނުދޭ --- ފޮޓޯ: ރައީސް އޮފީސް
18 އޮގަސްޓު 2024 - 14:39 0
ވެރިރަށް މާލެ އާއި ރަސްމާލެއާ ދެމެދު އަޅާނެ ކަމަށް އިއުލާނުކޮށްފައިވާ ކަނޑުއަޑީގެ ޓަނަލް އެޅުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްނުދާކަން ހާމަވެއްޖެ އެވެ.
ރަސްމާލެ ތަރައްގީކުރަނީ މާލެ އަތޮޅު ދެކުނުގައި އޮންނަ ފުށިދިއްގަރުފަޅުގަ އެވެ. އެ ފަޅުން 1100 ހެކްޓަރު ހިއްކުމުގެ މަސައްކަތް މަޑު ދުވެއްޔެއްގައި ދަނީ ކުރަމުންނެވެ.
މި ޝަހަރާއި މާލެ ގުޅާލުމަށް ކަނޑު އަޑީގެ ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވީ، ޖެނުއަރީ 22، ގަ އެވެ.
"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިން (ރޭލު) ގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް، އެތައް މިލިއަން ޓުއަރިސްޓުން އިތުރު ވެގެން ދާނެ މަޝްރޫއަކަށް، އަޅުގަނޑުމެން ގެންދާނީ ފޭރާން ހެޔޮ ސިޔާސަތެއް،" ރަސްމާލެ މަޝްރޫއަށް އިދިކޮޅުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ގޮންޖަހާ ރައީސް އެދުވަހު ވިދާޅުވި އެވެ.
ނަމަވެސް، އޭގެ ހަތް މަސްފަހުން މި މަޝްރޫއާ ގުޅިގެން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަން ވަނީ ހާމަވެފަ އެވެ. އެ މަސައްކަތް ހަވާލުކުރި ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ޓަނަލު މަޝްރޫއާ ގުޅޭ މައުލޫމާތެއް ނެތް ކަމަށެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހޯދަން އެދުނީ ރައީސް ވިދާޅުވި ގޮތަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތަކާއި މަޝްވަރާ ކުރަމުންދާ ކުންފުނިތަކުގެ ތަފުސީލަށެވެ.
މެއި 29، ގައި ރައީސް އޮފީހަށް ހުށަހެޅި މި އާރުޓީއައި އަށް އެއްވެސް ޖަވާބެއް ނުދީ އޮތުމަށްފަހު ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ޓްރާންސްފާ ކުރީ ޖުލައި 25، ގަ އެވެ. އެ މިނިސްޓްރީން ޖަވާބު ދިނީ އޮގަސްޓު 15، ގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ދިން ޖަވާބުގައި ބުނީ މި މަޝްރޫއުގެ ދަށުން އަދިވެސް ކުރިއަށްދަނީ ރައީސް ޖެނުއަރީގައި ވެސް ވިދާޅުވި ޕްލިމިނަރީ ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި، ހޯދަން އެދުނު ތަފުސީލަކީ އެ މިނިސްޓްރީގައި މިވަގުތު ގެންގުޅެ ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ވެސް ޖަަވާބުގައި ބުންޏެވެ.
ނަމަވެސް، ޖެނުއަރީގައި ރައީސް ވިދާޅުވީ ގާބިލުކަންހުރި ކުންފުނިތަކާ އެކީގައި މިހާރު ވަނީ ފީސިބިލިޓީ މަސައްކަތް ފަށާފަައި ކަމަށެވެ. އެދުވަހު ރައީސް ދެއްކެވި ވާހަކަ އަދިވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެބަހުއްޓެވެ.
Comment