Advertisement

ހެލިކޮޕްޓަރު ހިދުމަތް ދޭން ފެށުމާ ގުޅޭގޮތުން އެމެރިކާ ސަފީރާ މަޝްވަރާކޮށްފި

15 އޮގަސްޓު 2024 - 12:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން، އެމެރިކާ ސަފީރާ ބައްދަލުކުރައްވަނީ --- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ


ހެލިކޮޕްޓަރު ހިދުމަތް ދޭން ފެށުމާ ގުޅޭގޮތުން އެމެރިކާ ސަފީރާ މަޝްވަރާކޮށްފި

15 އޮގަސްޓު 2024 - 12:40 0

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ މަޝްވަރާކުރައްވައިފި އެވެ.

މި މަހު ހަތެއްގައި އެމެރިކާ ސަފީރު، ޔޫގޯ ހޮން އާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ތަރައްގީ ހިއްސާކުރެއްވި ކަމަށެވެ.

"[އެގޮތުން] ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމާއި މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން ފަށާފައިވާ މާލެ ފެހި މަޝްރޫއާ ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކުރެވުނު،" މިނިސްޓަރު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ލިކޮޕްޓަރުގެ ހިދުމަތް ފަށަން ކުރާ މަސައްކަތުގެ ތެރެއިން އެ ހިދުމަތް ދޭން ޝައުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކުރީ މި ބައްދަލުވުމުގެ ކުރީ ދުވަހު އެވެ. ނަމަވެސް އެމެރިކާއާއެކު ހިއްސާކުރީ ކޮން މައުލޫމާތު ތަކެއް ކަމެއް ނޭނގެ އެވެ.

މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސޯދަށް ކުރިއެރުން ލިބޭނެ ކަމަށާއި މިފަދަ މަސައްކަތްތަކުގައި އެމެރިކާ ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަމަށް "ވަރަށް އަވަހަށް" ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ ޖެނުއަރީ 28، ގަ އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާޗު 15، ގައި ވަނީ އެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

މި ސަރުކާރަކީ މި ފަހުން އެމެރިކާއާއެކު އެންމެ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުންދާ ސަރުކާރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.