Advertisement

އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އެކުލަވާލައި އިއުލާނުކުރަން ފީފާ އިން ތައްޔާރުވަނީ

12 އޮގަސްޓު 2024 - 10:56 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އެކުލަވާލައި އިއުލާނުކުރަން ފީފާ އިން ތައްޔާރުވަނީ

12 އޮގަސްޓު 2024 - 10:56 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ފީފާ އިން ނިންމާލައިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާނުކުރަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ފީފާ އިން ވަނީ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިިންމައިފަ އެވެ. ފީފާގެ ނިންމުން އެންގުމަށް، އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން އަންގާފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނޯމަލައިޒިން ކޮމިޓީ އެކުލަވާލުމުގެ މަސައްކަތުގައި، ފީފާ އިން ފުރަތަމަ މަޝްވަރާކުރި އެއް ފަރާތަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވާ އިސް އެޑްވައިޒަރު، ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) އެވެ. އެ ގޮތުން، ޖަނާހު އަށް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަންކަން ދޭން ފީފާ އިން ނިންމި ކަމަށް ވެސް ހަބަރު ލިބިފައިވެ އެވެ.

އެކަމަކު، "އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، ފީފާ އިން މިހާރު ނޯމަލައިޒިން ކޮމިޓީ އެކުލަވާލައިފައިވަނީ، ޖަނާހުގެ ނަން ނުހިމަނަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ނަން އިއުލާނުކުރާއިރު، އެ ކޮމިޓީގައި ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރު ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭނާގެ އިތުރުން، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ހިމެނޭ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒް ކުރާއިރު، ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ކަނޑައަޅާފައި އޮތީ، އަންނަ އަހަރުގެ ޖުލައި 31 އަށެވެ.

މިއީ، ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރާ ތިން ވަނަ ފަހަރެވެ. އެ ގޮތުން، 2008 ވަނަ އަހަރު ނެގި ކޮމިޓީގެ ރައީސަކީ ފުޓްބޯޅައިގެ އެކިއެކި މަސައްކަތުގައި އުޅުއްވާ އަހުމަދު ޝާހިރު އެވެ. އަދި އެ ކޮމިޓީގައި ހިމެނެނީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހީމް އާމިރު (ސަލްސާ)ގެ އިތުރުން، އަހުމަދު ހަފީޒް (ޑިކޭ)، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އެއް ވަނަ ފޯވާޑް، ޝާހު އިސްމާއީލް (ސާޔާ) އަދި އަހުމަދު އިގުބާލް އެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، ތަޖުރިބާކާރު މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

ފީފާ އިން މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ވެސް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީއަކާ އެވެ.

ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓް:

- އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން.

- އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސް އާއި އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން.

- އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން.

- ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުން.

- ފީފާގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުން.

- އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުން.