Advertisement

އެހެން އިންޝުއަރެންސުން ކަނޑާފައި އާސަންދައިން ކަނޑާ ގޮތަށް އޮކްޓޫބަރުގައި ބަދަލުކުރަނީ

12 އޮގަސްޓު 2024 - 11:39 1

އަމަން ހަލީމް

އަމަން ހަލީމް

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި: ހީނާ ވިދާޅުވީ ވެލްފެއާ ނިޒާމާއީ އާސަންދައަށް ގެންނަ ރިފޯމުތަކުގެ ކަރުދާސް ނިމި ކެބިނެޓަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އެހެން އިންޝުއަރެންސުން ކަނޑާފައި އާސަންދައިން ކަނޑާ ގޮތަށް އޮކްޓޫބަރުގައި ބަދަލުކުރަނީ

12 އޮގަސްޓު 2024 - 11:39 1

ދައުލަތުގެ ވެލްފެއާ ނިޒާމު އިސްލާހުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އަންނަ އޮކްޓޫބަރުން ފެށިގެން އެހެން އިންޝުއަރެންސް ޕޮލިސީ ހުންނަ މީހުންނަށް އާސަންދަ ލިބޭނީ އެ އިންޝުއަރެންސުން ކަނޑާފައި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއޯއީ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި، އެހެން އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވެފައި ތިބި މީހުންނަށް އާސަންދަ ލިބޭ މައްސަލައިގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، އަލަށް ތަންފީޒުކުރަން ފަށާ ސިޔާސަތުގައި އެކަމަށް އިޖާބަދެވިފައި ވާނެ ކަމަށެވެ.

"މިހާރު 1 އޮކްޓޫބަރުން ފެށިގެން އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން ފަށާ ބައެއް ކަހަލަ ޕޮލިސީސްތައް އެބަހުރި. އޭގެ ތެރޭގައި އެހެން އިންޝުއަރެންސެއް ހުރި ބޭފުޅެއް ކަމަށް ވާނަމަ، މިސާލަކަށް ބިލް ކްލިއާ ކުރާއިރުގައި އެންމެ ފުރަތަމަ އިތުރު އިންޝުއަރެންސްއަކުން ކްލިއާ ކުރުމަށް ފަހު އާސަންދަ އެންސްޕާގެ ތެރެއިން އެބައި ކްލިއާ ކުރާ ކަހަލަ ގޮތަކަށް," އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އެންސްޕާއިން އެހީ ދޭ ނިޒާމަށާއި އާސަންދައަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން, ސިޔާސަތަށް ގެންނަން ވިސްނާ ބަދަލުތަކުގެ ޑްރާފްޓު ކަރުދާހުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ކެބިނެޓަށް އެ ކަރުދާސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިގެ ބޭރުން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ހިންގާ އިތުރު އިންޝުއަރަންސް ސްކީމްތަކުގެ ތެރޭގައި ފުލުހުންނަށް ހާއްސަ "ނޫސަންދަ" ސްކީމް ހިމެނެ އެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކާއި ބައެއް އިދާރާތަކުން، މަޖިލިސް ވެސް ހިމެނޭ ގޮތަށް، އަމިއްލަ ކުންފުނިތަކުން ނަގާފައިވާ އިންޝުއަރެންސް ޕޮލިސީތަކަށް ވެސް ބަޖެޓުން ހަރަދުކުރެ އެވެ.

ހީނާ ވިދާޅުވީ، މިހާރު ގެންނަ ރިފޯމުތަކުގެ ތެރެއިން މިކަމަށް ވެސް ހައްލުތަކެއް ލިބޭނެ ކަމަށެވެ. އަދި، މި ބަދަލުތައް ތަންފީޒުކުރަން ފެށުމުން މުސްތަގުބަލުގައި ބަޖެޓުން ހަރަދުކޮށްގެން ހިންގާ ހުރިހާ ސްކީމަކުން އެހީތެރިކަން ފޯރުކޮށްދެވޭނީ އެންސްޕާގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމައި މި ރިފޯމްގެ ތެރެއިން މި ހުރިހާ ސްކީމްތަކެއް، އެއީ ޒަކާތު ފަންޑުން ކަމަށް ވިޔަސް، އަދި އެހެން ގޮތަކުން ރައްޔިތުންނަށް މި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށް ވާނަމަ ދެން މި އަންނަ ރިފޯމްގެ ތެރެއިން ހަގީގަތުގައި އެ ހުރިހާ އެހީތެރިކަމެއް ވެސް ފޯރުކޮށްދެވިގެން ދާނީ އެންސްޕާގެ ތެރެއިން," ހީނާ ވިދާޅުވި އެވެ.

ކޮމިޓީގައި ދެއްކެވި ވާހަކަައިގެ ތެރެއިން ހީނާ ވަނީ، ސޯޝަލް ރަޖިސްޓާއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. މި ރަޖިސްޓާ އެކުލަވާލެވުމުން އެހީ އާއީ ސަބްސީޑީ ދިނުމާއި ލިބުމުގެ މިންގަނޑުތަކަށް ޝަރުތު ހަމަވާތޯ ބަލާނީ އެ ރަޖިސްޓާއަށެވެ.