12 އޮގަސްޓު 2024 - 10:26 0
12 އޮގަސްޓު 2024 - 10:26 0
ލިވަޕޫލް (އޮގަސްޓް 12) - ލިވަޕޫލުން ތައްޔާރުވަނީ ކުރިއަށް އޮތް ސީޒަނަކީ ކްލަބްގެ ވަރުގަދަ އަހަރެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ޓީމުގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި، ނެދަލެންޑްސްގެ އާނޭ ސްލޮޓް ބުނެފި އެވެ.
ޕްރީ ސީޒަނުގައި ލިވަޕޫލުން ކުޅޭ ފަހު ދެ މެޗުގައި ރޭ ވަނީ، ސެވިއްޔާ އާއި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅެފަ އެވެ. އެ ގޮތުން، ލިވަޕޫލްގެ ސްކޮޑު ދެ ޓީމަކަށް ބަހާލައިގެން، ދެ މެޗަށް ތައްޔާރުވިއިރު، ފުރަތަމަ މެޗުގައި، ސެވިއްޔާ އަތުން 4-1 އިިން މޮޅުވި އެވެ. ދެ ވަނަ މެޗުގައި، ލަސް ޕަލްމާސްއާ ވީ 0-0 އިން އެއްވަރެވެ.
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ސްލޮޓް ޓީމު ގޮވައިގެން ނުކުތް، ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ފަހު މެޗު ވީ އެއްވަރެވެ. ސްލޮޓް ބުނީ ޖުމްލަ ގޮތެއްގައި ޕްރީ ސީޒަނާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"ދެން އޮތީ މުހިންމު ހަފްތާއެއް ނޫން، ވަރުގަދަ އަދި މުހިންމު އަހަރެއް. އަހަރެމެން ކުރިއަރަން އެބަޖެހޭ މެޗަކަށް ފަހު މެޗެއް. މިއަދު (ރޭ) ދެ މެޗުގައި ވެސް ރަނގަޅު ކަންތައްތަކެއް ފެނުނު، އަދި ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ވެސް ފެނިގެންދިޔަ،" ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ލިވަޕޫލާ އެކު ސޮއިކުރި، ސްލޮޓް ބުންޏެވެ.
"ބައެއް ކުޅުންތެރިންނަށް މި ކުޅެން އުޅޭ ސްޓައިލުގެ ގޮތުން އެބަހުރި ވިސްނަން ޖެހޭ އިތުރު ކަންތައްތަކެއް، އެކަންކަން ރަނގަޅުވާނީ މެޗުތައް ކުޅޭ މިންވަަރަަކަށް،"
މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، ކުޅުންތެރިއަކު ސޮއިނުކުރާ ހަމައެކަނި ކްލަބަކީ ލިވަޕޫލް އެވެ. މީގެ ކުރިން، ސްލޮޓް ވަނީ ޓީމަށް ބޭނުންވާ ކުޅުންތެރިއަކު ގަންނަން ފަސްނުޖެހޭނެ ކަމަށް ބުނެފަ އެވެ. ރޭގެ މެޗުތަކަށް ފަހު ވެސް ސްލޮޓަށް ވަނީ ޓްރާންސްފާއާ ގުޅޭ ސުވާލުތަކެއް ކުރިމަތިވެފަ އެވެ.
"ލިވަޕޫލް ކަހަލަ ކްލަބެއް އަބަދުވެސް މަސައްކަތް ކުރާނީ ޓީމު ވަރުގަދަކުރަން. އެކަމަކު، ޓީމު ވަރުގަދަ ކުރަން ބަލާއިރު ފަސޭހަކަމެއް ނޫން ހަގީގަތުގައި އާ ކުޅުންތެރިންތަކެއް ގެނައުމަކީ، މިއަދު (ރޭ) ގެ މި މެޗުތައް ބަލާފައި. އަހަރެން ބުނަމުން މި އައީ، ވަރަށް ވަރުގަދަ އަށް ތައްޔާރުކޮށްފައި އޮތް ސްކޮޑަކާ މި ހަވާލުވީ، ފުރުސަތު އޮތް މިންވަރަކުން ޓީމު ވެސް ވަރުގަދަ ކުރާނަން،" ސްލޮޓް ބުންޏެވެ.
ލިވަޕޫލުން ދެން ކުޅޭނީ، ޕްރިމިއާ ލީގުގެ އާ ސީޒަނުގެ މެޗެކެވެ. އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ، އަލުން ލީގަށް ޕްރޮމޯޓްވި، އިސްޕްވިޗް ޓައުންއާ ދެކޮޅަށެެވެ.
Comment