12 އޮގަސްޓު 2024 - 09:23 0
އަމަން ހަލީމް
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގުޅީފަޅަށް އިތުރުކުރާ ބައި ހިއްކަން ފެށޭނެ ތަރީހެއް ނޭނގޭ ކަމަށް މަޖިލީހުގައި ވިދާޅުވި -- ފޮޓޯ: ހައުސިން މިނިސްޓްރީ
12 އޮގަސްޓު 2024 - 09:23 0
ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ގޯތިތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ގުޅީފަޅުން ގޯތިތައް ދޫކުރެވޭނެ ވަކި ތާރީހެއް ދެވެން ނެތީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް އަދި ނުނިމޭތީ އާއި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅީފަޅު ބޭނުންކުރަމުން ދާތީ ކަމަށެވެ.
"އެހެން ނަމަވެސް މި ވަގުތު ގުޅީފަޅުގެ ބިން އަޅުގަނޑުމެންނަށް އެއްކޮށް ހިއްކާ ނުވެސް ނިންމޭ. ދެން އަނެއް ތަންކޮޅަކީ ގުޅީފަޅަކީ މި ވަގުތު ބްރިޖު މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ސައިޓަކަށް ވާތީ އެ ސައިޓު އެތަނުން ހުސްކުރެވޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތޯ މި އަންނަ އަހަރުގެ ސެޕްޓެމްބަރުހާ ތަނަށް." އޭނާ ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ވަގުތު އެތަނުގައި ހެވީ ވެހިކަލްތައް ދަތުރުކުރަމުންދާތީވެ އިން ވަކިކުރަން ކުރިން ޖެހި ހަންމުޑިތައް ވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ބިން ދޫކުރެވޭނީ ބްރިޖު މަސައްކަތް ނިމުނީމައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު ކަމަކަށް ހައިދަރު ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގޯތިތައް ދޫކޮށްފައި ހުރި ގޮތުގެ މައްސަލަ އެވެ.
އޭނާ ވިދާޅުވީ އޭރު އެތަން ހުރީ މީހުންނަށް ދިރިއުޅެވޭ ގޮތަށް ނޫން ކަމަށެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނަށް ވެސް ގުޅީފަޅުގައި ދިރިއުޅޭނެ މީހުންގެ ބަހެއް ހޯދައި ބަދަލުތައް ގެނެސް، މިހާރު އޮތީ ފާސްކުރުމުގެ ފަހު މަރުހަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅީފަޅުން ބިން ދެވޭނެ ތާރީހެއް ނޭނގޭ ކަމަށް ސަރުކާރުން ބުނިއިރު، ކުރީ ސަރުކާރުން ގޯތިތައް ދޫކުރި ސަރަހައްދު ވަނީ އޭޕްރީލްގައި އެއްކޮށް ހިއްކާ ނިންމާލާފަ އެވެ. ހިއްކާ ނުނިމޭ ކަމަށް ހައިދަރު އެ ވިދާޅުވި ސަރަހައްދަކީ މި ސަރުކާރުން ގުޅީފަޅަށް އިތުރުކުރަން ނިންމި ސަރަހައްދެވެ. އެ ސަރަހައްދުގައި ގިރާވަރުފަޅުން ބަދަލުކުރާ ބައެއް ގޯތިތައް ވެސް ހިމެނެ އެވެ.
މިއަދުގެ ޖަލްސާގައި ހައިދަރު ވިދާޅުވީ މި ސަރުކާރުން ގުޅީފަޅަށް އިތުރުކުރާ ބައި ހިއްކަން ފެށޭނެ ތާރީހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Comment