Advertisement

ހަތް މަސް ނިމުނުއިރު މީރާއިން އާމްދަނީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ބަލައިގެންފި

11 އޮގަސްޓު 2024 - 17:41 0

މީރާގެ މައި ޓެކްސް ކަލެކްޝަން ސެންޓަރަށް އެތަނުގެ މުވައްޒަފަކު ވަންނަނީ: ދައުލަތަށް ވަންނަ ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ބޮޑު ބަޔެއް ބަލައިގަންނަނީ މީރާއިން --- އަދަދު ފައިލް ފޮޓޯ


ހަތް މަސް ނިމުނުއިރު މީރާއިން އާމްދަނީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ބަލައިގެންފި

11 އޮގަސްޓު 2024 - 17:41 0

މި އަހަރުގެ ފުރަތަމަ ހަތް މަސް ނިމުނުއިރު، ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާއިން 17.6 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކުރި ޖުލައިގެ މަންތުލީ ރެވިނިއު ކަލެކްޝަން ރިޕޯޓުގައިވާ ގޮތުގައި ޖުލައިގެ ނިޔަލަށް ޓެކްސް އާމްދަނީއަށް 15 ބިިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން އާމްދަނީއަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު އިންސައްތައަކީ ޖީއެސްޓީ އެވެ. އެގޮތުން ޓޫރިޒަމާއި ޖެނެރަލް ޖީއެސްޓީ ހިމަނައިގެން 8.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމުން އެކަނި ހަ ބިލިއަނާ ގާތްކުރާ ވަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ޖީއެސްޓީ ނަގާފައި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހަށެވެ. ޓެކްސް ނޫން އާމްދަނީގެ ބޮޑު އިންސައްތައަކީ ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ލިބުނު ކުލި (ޓޫރިޒަމް ލޭންޑް ރެންޓް) އެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ޖުމްލަކޮށް ބަލާއިރު ޓެކްސް އާމްދަނީ ގިނަ ދާއިރާތަކުން ކުރީ އަހަރަށް ވުރެ އިތުރުވެ. މިހާރު ނަގަމުންދާ ޓެކްސްތަކުގެ ތެރެއިން ކުރީ އަހަރަށް ވުރެ އާމްދަނީ މަދީ، ކުންފުނިތަކާއި ވިޔަފާރިތަކުގެ އިންކަމް ޓެކުހާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އެވެ.

އެއާ ހިލާފަށް ޓެކްސް ނޫން އާމްދަނީ ކުރީ އަހަރަށް ވުރެ ގިނަ ދާއިރާތަކުން އާމްދަނީ ވަނީ ދަށްވެފަ އެވެ. ނަމަވެސް އެއީ ޖުމްލަ އާމްދަނީގެ ނިސްބަތުން ކުޑަ އިންސައްތައެއް ހިއްސާކުރާ ދާއިރާތަކެވެ. ޓެކްސް ނޫން އާމްދަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ޓޫރިޒަމް ލޭންޑް ރެންޓާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ވާކް ޕާމިޓު ފީ އާމްދަނީ ވަނީ އަހަރުން އަހަރަށް އިތުރުވެފަ އެވެ.

ޖުމްލަ އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރު ނަމަވެސް، ޖުލައިގައި ބަލައިގަތް އާމްދަނީގެ ބޮޑު ފަރަގެއް އުޅޭ ކަން ފާހަަގަކުރެ އެވެ. މިދިޔަ އަހަރުގެ ޖުލައިގައި 3.5 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް މި އަހަރު ލިބުނީ 2.9 ބިލިއަން ރުފިޔާ އެވެ. މިއީ ބައި ބިލިއަން ރުފިޔާ ނުވަތަ 17 ޕަސެންޓުގެ ފަރަގެކެވެ.

އެޑިޓަރުގެ ނޯޓު


މި ލިޔުން ފުރަތަމަ ޝާއިއުކުރިއިރު "އަހަރު ދެބައިވީއިރު" ކަމަށް އަދި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ލިބުނު އާމްދަނީ ކަމަށް ލިޔެވުނީ އޮޅުމަކުންނެވެ. މިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދަމެވެ.