9 އޮގަސްޓު 2024 - 06:19 0
އަޒްލިފާ އަބްދުﷲ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް
9 އޮގަސްޓު 2024 - 06:19 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން ވަކިކުރި ފަރާތްތަކާއި އަލަށް ވަޒީފާ ދިން ފަރާތްތަކުގެ އަދަދު ސިއްރުކުރިކަން އިއްޔެ ރިޕޯޓުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ކުންފުނިތަކުން ވެސް މައުލޫމާތު ދޭން ޖެހެ އެވެ. އަދި މިހާރުގެ މެނޭޖުމެންޓުން މި ގާނޫނަށް އަމަލު ކުރާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މައުލޫމާތު ހޯދަން އެޗްޑީސީގައި އެދުނީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން އެދުނީ ޖުލައި 1، އާ ހަމައަށް އެ ކުންފުނިން ވަޒީފާ ދިން އަދި ވަޒީފާއިން ވަކިކުރި މީހުންގެ ނަމާއި އެޑްރެސް އަދި މުސާރައާ އިނާޔަތްތަކަށް ހޯދުމަށެވެ.
ނަމަވެސް ޖަވާބުގައި އެޗްޑީސީން ބުނީ އެއީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ ގޮތުން އައްޔަންކޮށްފައިނުވާ އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ވައުދާއެކު އެވެ. މީގެއިތުރުން ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދަކަށް ވަޒީފާ ދިން ކަމަށްވެސް އަޑު ފެތުރުނެވެ.
"... ސިޔާސީ މަގާމުތައް ފިޔަވައި ދެން ހުރި ވަޒީފާތަކަކީ އަޅުގަނޑު ހަމަ ތަކުރާރުކޮށް ހުރިހާ ރަށެއްގައި މި ދަންނަވަނީ ޔަގީންކަމާއެކީގައި އެ ބޭފުޅުން އެރަށެއްގައި ތިބި ވަޒީފާގައި ތިބެވޭނެ،" ސެޕްޓެމްބަރު 4، 2023، ގައި ލ. ކުނަހަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރައީސްގެ ވައުދުތަކާ ހިލާފަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެކަނި ވެސް 700 އަށް ވުރެ ގިނަ މުވައްޒަފުން ވަކި ކުރަން އެ ކުންފުނިން ވަނީ މިހާރު ނިންމައިފަ އެވެ. ސަރުކާރުގެ މަގުހަދާ ކުންފުނި އާރުޑީސީންވެސް މި ވެރިކަމުގައި، ޖުލައި 1، ގެ ކުރިން 232 މުވައްޒަފަކު މަގާމުން ވަކިކުރި އެވެ.
މަޖިލިސް ކެމްޕޭނާ ދިމާކޮށް އާރުޑީސީން މުޅިން އަލަށް 291 މުވައްޒަފުން ނެގިކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލީ ދުވަހުވެސް ހަ މުވައްޒަފުން ނެގި އެވެ.
އެއާއެކު ވިހި ވަނަ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން ހޮވި އެ ޕާޓީއާ ގުޅުނު ނުވަ މެންބަރަކާއެކު މަޖިލީހުގައި މިހާރު ޕީއެންސީގެ 75 މެންބަރުން އެބަތިއްބެވެ.
Comment