Advertisement

މަޖިލީހުގެ މަސައްކަތް ދަށް ކަމަށް ބުނާތީ ޕީއެންސީގެ ލީޑަރުން ނުރުހިއްޖެ

7 އޮގަސްޓު 2024 - 12:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މަޖިލީހުގެ މަސައްކަތް ދަށް ކަމަށް ބުނާތީ ޕީއެންސީގެ ލީޑަރުން ނުރުހިއްޖެ

7 އޮގަސްޓު 2024 - 12:07 0

ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ނޫސްތަކުން ބުނާތީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް އެހެން ވިދާޅުވާތީ، ވެރިކަންކުރާ ޕީއެންސީގެ ލީޑަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

ޕީއެެންސީއަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް މެޖޯރިޓީ ވެސް އޮތް ޕާޓީ އެވެ. މަޖިލީހުގައި އެޕާޓީގެ 75 މެންބަރުން ތިއްބަވަ އެވެ.

އެޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މާބޮޑު މަސައްކަތެއް ނުހިނގިޔަސް، ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރައްވާ ބަހުސަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި މިކުރެވޭ މަސައްކަތަކީ، އަަޅުގަނޑުމެން[ގެ] ކޮމިޓީތަކުގައި ކުރެވޭ މަސައްކަތަށް ވުރެ މާ ކުޑަ މަސައްކަތެއް. އަޅުގަނޑުމެން ފްލޯގައި މިކުރާ މަސައްކަތަކީ އަންނަ ބިލުތަކަށް އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހަމަ އެކަނި އެބޭފުޅުންނަށް އޭގައި ހުންނަ ހިޔާލެއް ހާމަކޮށްލުމަށް ޓަކައި ކުރެވޭ މަސައްކަތެއް،" ފަލާހު ވިދާޅުވި އެވެ.

ތަޅުމުގައި ކުރާ މަސައްކަތާ ބެހޭ ގޮތުން ފަލާހު މި މޭރުމުން ވާހަކަ ދެއްކެވި އިރު، މަޖިލީހުގެ ނިންމުންތައް ނިންމާނީ އަބަދުވެސް ތަޅުމުންނެެވެ. ކޮމިޓީތަކުން ކަންކަމުގައި ނިންމާ ނިންމުންތަކަށް ބާރު ލިބޭނީ ތަޅުމުގައި ބަހުސްކޮށް، ފާސްކުރުމުންނެވެ. ކޮމިޓީތަކުގެ ނިންމުންތައް ތަޅުމުން ބަލައިނުގަތުމަކީ ވެސް ކުރެވޭނެ ކަމެކެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީހަށް ވަޑައިނުގެން ނުތިއްބަވާ ކަމަށް ވެސް ފަލާހު ރޭ ވިދާޅުވި އެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފަށަމުން އިއްވާ ހާޒިރީ ރިޕޯޓުން އެނގޭ ގޮތުގައި އެޕާޓީގެ ވެސް އެތައް މެންބަރުންނެއް ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ވަޑައިނުގެން، ވަޑައިނުގެންނެވި ސަބަބު ނާންގަވައި ވެސް ތިއްބަވަ އެވެ.

މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާ އިރު އިއްޔެގެ ޖަލްސާއަށް ވެސް ވަޑައިގެންނެވީ 50 މެންބަރުންނެވެ. ޕީއެންސީގެ ހުރިހާ މެންބަރުން ވަޑައިގެންނެވި ނަމަ އިއްޔެގެ ޖަލްސާގައި 75 މެންބަރުން ތިއްބެވީހެވެ.

މަޖިލީހުން އެކަށީގެންވާ މަސަައްކަތެއް ނުކުރާ ކަމަށް ދައްކާ ވާހަކައަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ރޭ ރައްދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތް އެނގޭނީ އެތަނަށް ވަދެވިފައި ތިބި ބަޔަކަށް ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.