Advertisement

ފަލާހުގެ ބޮޑެތި ތުހުމަތު ތަކެއް؛ ޔާމީންގެ އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި!

6 އޮގަސްޓު 2024 - 22:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: ޔާމީނުގެ އެކައުންޓުގައި ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފަލާހުގެ ބޮޑެތި ތުހުމަތު ތަކެއް؛ ޔާމީންގެ އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި!

6 އޮގަސްޓު 2024 - 22:51 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކު އެކައުންޓުގައި ދައުލަތުގެ ބަޖެޓާ އެއްވަރަށް ފައިސާ އެބަހުރި ކަަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެ، އެ މަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުކުރައްވައިފި އެވެ.

ޕީއެންސީގެ ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ޔާމީންގެ ބޭންކުގައި ހުޅުވާފައި ހުރީ ހަމައެކަނި ޑިޕްސިޓުކުރާ އެކައުންޓުތަކެއް ކަމަށާއި އެ އެކައުންޓުތަކުގެ ޗެކް ފޮތެއް ނެތް ކަމަށާއި އަދި މޯބައިލް ޓްރާންސްފާ ވެސް ނުކުރެވޭނެ ކަމަށެވެ.

"[އެ ކައުންޓުތަކަށް ފައިސާ] ގިނަ ވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާވަރަށް ފައިސާ،" އޭނާ ވިދާޅުވި އެވެ.

މި އަހަރަށް ފާސްކޮށްފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޔާމީނުގެ އެކައުންޓުގައި ފައިސާ ހުރި ވާހަކަ ދައްކަނީ ޕީއެންސީގެ މެންބަރުން ނޫން ކަމަށާއި ޕޯޑިއަމްތަކުގައި އެ ވާހަކަ ދައްކަނީ ޔާމީނާއެކު ޕީއެންއެފްގެ އިސް ސަފުގައި ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަދި ކުރީގެ ވަޒީރު މަލީހު ޖަމާލު ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ހަރަކާތަކަށް ފައިސާ ލިބުނު ކަމަށް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، އެ ގޮތަށް ލިބޭ ފައިސާ ހުންނަން ޖެހޭނީ ޕާޓީގައި ކަމަށާއި އަމިއްލަ އެކައުންޓުގައި އެ ފައިސާ ބެހެއްޓުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

"އޭރުގައި 2013 ވަނަ އަހަރު ކެމްޕޭނަށް ބައެއް އާންމުން އަތުން ނެގި ފައިސާ ދައުލަތުގެ ހުވާ ކުރުމަށް ފަހު ދައުލަތުން ނަގައިގެން އެބޭފުޅުންނަށް އަދާކުރިކަންވެސް ފަހުން އިނގުނީ. އެމަނިކުފާނުގެ ދޫފުޅުން ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސައުދީ އަރަބިއާއިން ފަސް މިލިއަން ޑޮލަރު ކެމްޕޭނަށް ދިނޭ، އޭރު ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެކިވާނެ މިއީ ދޮގެއް ނޫން، އެހެން ނަމަވެސް އެ ފަސް މިލިއަން ޑޮލަރުވެސް ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ،" 18 ވަނަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފަލާހު ވިދާޅުވި އެވެ.

ޔާމީނު ހެންވޭރުން ގަތް ބިމުގައި އަޅާފައިވާ އިމަރާތާމެދު ވެސް ފަލާހު ސުވާލު އުފެއްދެވި އެވެ. މާލޭގައި އެވަރުގެ ބިމެއް 12 ބުރިއަށް އިމާރާތް ކުރެވޭނީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާއަށް ކަމަށާއި ލޯނެއް ނުނަގައި އެފަދަ އިމާރާތެއް ކުރާނަމަ ރައްޔިތުންވެސް ސުވާލު އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ވެރިންނަށް ރީއްޗެއް ނޫން ފާޑުފާޑު ބޮޑު ސްކްރީން އަޅުވައިގެން މަލީހު އާއި ޖަމީލު އާ ދެފަޅީގަ ބައިތިއްބައިގެން މިހެން މިހެން ހަދާ ކަށެއް. އެއީ ހަޑިކަމެއް،" ފަލާހު ވިދާޅުވި އެވެ.

ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެޔަށް ޖެހުނީ ވެރިކަންކުރާ ގޮތާއި ސިޔާސަތުތައް ކަމުނުދާތީ ކަމަށް ޔާމީނު ވަނީ މި ފަހުން ވިދާޅުވެފަ އެވެ. ސަރުކާރަށް މިވީ ނުވަ މަހެއްހާ ދުވަސް ތެރޭގައި ޔާމީނު ވަނީ އެކި ފަހަރު މަތިން ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ފާޑުކިޔުންތަކަށް ސަރުކާރާއި ޕީއެންސީގެ އިސްވެރިން ފުރަތަމަ ކޮޅުގައި ރައްދު ނުދެއްވި ނަމަވެސް މި ފަހުން ޕީއެންސީގެ ޖަގަހާގައި ބާއްވަމުން ގެންދާ ޖަލްސާތަކުގައި އެކި ފަރާތްތަކުން ދަނީ ޔާމީނަށް ސީދާ ފާޑުވިދާޅުވަމުންނެވެ.