Advertisement

"އެންއައިސީގެ މެންބަރުން އިންތިހާއަށް ފަރުވާކުޑަ" ކަމަށް ބުނެ މަޖިލީހަށް ޝަކުވާގެ ސިޓީއެއް

5 އޮގަސްޓު 2024 - 13:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ގްރޫޕް ފޮޓޯއަކަށް ހުއްޓިފައި. ފޮޓޯ:އެންއައިސީ


"އެންއައިސީގެ މެންބަރުން އިންތިހާއަށް ފަރުވާކުޑަ" ކަމަށް ބުނެ މަޖިލީހަށް ޝަކުވާގެ ސިޓީއެއް

5 އޮގަސްޓު 2024 - 13:32 0

ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް، ތުހުމަތުވާ މައްސަލަތައްް ބަލަން އޮންނަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުން މަގާމުގެ ޒިންމާތައް އަދާ ނުކުރައްވައި، އިންތިހާއަށް ފަރުވާކުޑަކޮށް އުޅުއްވާ ކަމަށް ބުނެ, މީހަކު އެ ކޮމިޝަނުގެ ޝަކުވާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފޮނުވި ވަކި މީހަކު ނޭނގޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެންއައިސީއަށް ހުށަހަޅާ މައްސަލަތައް ބަލަން ޖެހޭނީ މެމްބަރުން ކަމަށް ވިޔަސް، އެ މެންބަރުން އެއްވެސް މައްސަލައެއް ނުބައްލަވަ އެވެ. އޭގެ ބަދަލުގައި މައްސަލަތައް ބަލަން ހަވާލުކުރަނީ އިދާރީ މުވައްޒަފުންނާ ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައި އޮތެވެ. އެހެން އެކަން ކުރާ އިރު މައްސަލަތައް ބަލަން ޖެހޭނީ ކޮމިޝަނުގެ މެންބަރުން ކަމަށް ގާނޫނުގައި އޮންނަ ކަން އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.

"އެމްޑީޕީ ސަރުކާރުން ކޮމިޝަނަށް އައްޔަނުކޮށްފައި ތިބި އެއްވެސް މެންބަރަކު މިހާތަނަށް އެއްވެސް ތަހުގީގެއް ހިންގައި، މައްސަލައެއް ބަލާފައި ނުވާ ކަމުގެ މައުލޫމާތު ލިބިފައިވޭ. ހުރިހާ މައްސަލައެއް ބަލައި، ތަހުގީގު ހިންގާފައި ވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކަމުގެ މައުލޫމާތު ލިބިފައިވޭ،" މިިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި ބުނެފައި ވެ އެވެ.

ސިޓީ ފޮނުވި މީހާ ބުނެފައިވާ ގޮތުގައި އެންއައިސީގައި ކަން ހިނގަނީ އެގޮތަށް ކަން، ކޮމިޓީން ބަލަން ބޭނުން ވެއްޖެ ނަމަ ތަހުގީގަށް ނަގާފައިވާ ބަޔާންތަކުން އެކަން ކަށަވަރުކުރެވޭނެ އެވެ.

އެންއައިސީގެ މެމްބަރުން އޮފީހަށް ވަޑައިގަންނަވަނީ، ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ.

"ކޮމިޝަނުގެ ގިނަ މެންބަރުން އޮފީހަށް ހާޒިރު ވަނީ ކޮންމެ ދުވަހެއްގެ އެގާރަ ނުވަތަ ބާރަ ޖަހާކަށް ހާއިރު ކަމުގެ މައުލޫމާތު ލިބިފައިވޭ، އަދި އެ ދުވަހުގެ އެކެއް ޖެހުމުގެ ކުރިން އޮފީހުން ނުކުމެގެންދޭ،" ސިޓީގައި ބުނެފައި ވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވި ގޮތުގައި ސިއްރު ސިޓީއެއްގެ ގޮތުގައި އެސިޓީ ފޮނުވާފައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ. އެ ސިޓީ އޭނާ ކެނޑުއްވީ ޖޭއެސްސީގެ ރައީސްގެ ހައިސިއްޔަތުން ކަމަށާއި ކެނޑުއްވި އިރު އެޑްރެެސް ކޮށްފައި އޮތީ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީގެ މުގައްރިރަށް ކަމަށް ވާތީ ސިޓީ ކޮމިޓީއަށް ގެންނެވީ ކަމަށް ރިޒާ ވިދާޅުވި އެވެ.