Advertisement

ރައީސް އޮފީހުން އެތައް މަހަކަށް ފަހު އައިކޮމްގެ އަޑުއެހުމެއްގައި ބައިވެރިވެއްޖެ

5 އޮގަސްޓު 2024 - 11:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދުގެ އަޑުއެހުމުގައި ބައިވެރިވި ރައީސް އޮފީހުގެ އޮފިޝަލުން: އެ އޮފީހުން އައިކޮމްގެ އަޑުއެހުމެއްގައި ބައިވެރިވި މި ވީ އެތައް މަހެއް ފަހުން --- ފޮޓޯ: އައިކޮމް ޔޫޓިއުބް


ރައީސް އޮފީހުން އެތައް މަހަކަށް ފަހު އައިކޮމްގެ އަޑުއެހުމެއްގައި ބައިވެރިވެއްޖެ

5 އޮގަސްޓު 2024 - 11:05 0

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހުށަހަޅާ ރިކުއެސްޓުތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބަލާ މައްސަލައެއްގެ އަޑުއެހުމަކަށް ރައީސް އޮފީހުގެ އޮފިޝަލުން ހާޒިރުވެއްޖެ އެވެ.

ރައީސް އޮފީހުން އައިކޮމްގެ އަޑުއެހުމެއްގައި ބައިވެރި މިވީ، މިދިޔަ އަހަރުން ފެށިގެން އެއްވެސް އަޑުއެހުމެއްގައި ބައިވެރިނުވެ ތިބުމަށް ފަހުގަ އެވެ. މިފަހުން އައިކޮމްއިން އާންމުކުރި ތަފާސްހިސާބުތަކަކުން އެނގުނު ގޮތުގައި، މައުލޫމާތަށް އެދި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ނުދީގެން އެންމެ ގިނަ މައްސަލަތައް ހުށަހެޅީ ވެސް އެ އޮފީހާ ދެކޮޅަށެވެ.

މިއަދު ބޭއްވީ ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ޗައިނާއަށް ކުރެއްވި ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ތަފުސީލު ހޯދުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅުމުން ރައީސް އޮފީހުން އެއްބައި މައުލޫމާތު ނުދިން މައްސަލައެއްގެ އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ވޭތުވެދިޔަ މުއްދަތުގައި ރައީސް އޮފީހުން ގިނަ ޖަވާބުތައް ނުދޭ ކަމާއި އަޑުއެހުންތަކަށް ހާޒިރުނުވާކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ކުއްލިއަކަށް ޖަވާބުތައް ދީފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އާހިދުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރު އައިޝަތު އަގީދާ ހަސަން ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅޭ ރިކުއެސްޓުތަކަށް މިހާރު ޖަވާބު ދެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ އޮފީހުގެ ވިސްނުމަކީ ގާނޫނުގައިވާ މުއްދަތުގައި ޖަވާބު ދިނުން ކަމަށެވެ.

އާރުޓީއައިތަކަށް ޖަވާބު ނުދީ ސަރުކާރުން ހިފަހައްޓަމުންދާއިރު، މިހާރު ވެސް އެ އޮފީހަށް އަންގާފައިވާ އެންގުންތަކަށް ޖަވާބު ނުދީ އެބަހުއްޓެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު ހިމެނެ އެވެ.