Advertisement

ކުއްލި އާއިލީ ކަމެއް ދިމާވި ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މިއަދު ވެސް މަޖިލީހަށް ވަޑައެއްނުގަތް

5 އޮގަސްޓު 2024 - 09:31 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން އޭނާ މިއަދު މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ކުއްލި އާއިލީ ކަމެއް ދިމާވި ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު މިއަދު ވެސް މަޖިލީހަށް ވަޑައެއްނުގަތް

5 އޮގަސްޓު 2024 - 09:31 0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރަން އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ މިއަދު މަޖިލީހަށް ވަޑައިނުގެން މަޑުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި އެޖެންޑާކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ހައިދަރު މިއަދު މަޖިލީހަށް ވަަޑައިނުގެންނެވީ "ކުއްލި، އާއިލީ ކަމެއް" ދިމާވެގެންނެވެ.

މިއަދުގެ ޖަލްސާއަށް ހައިދަރު ވަޑައިނުގެންނެވިއިރު، މިދިޔަ ޖުލައި 16، ގައި ބޭއްވި ޕެޓިޝަން ކޮމިޓީއަށް ވެސް އޭނާ ވަޑައިނުގަންނަވަ އެވެ. ނަމަވެސް އެ ދުވަހު ކެބިނެޓު ބައްދަލުވުމަކަށް އޭނާ ވަޑަައިގެންނެވި އެވެ.

ހައިދަރު މިއަދު މަޖިލީހަށް ވަޑައިނުގެންނެވި އިރު، މަޖިލީހުގައި އަމަލުކުރާ އުސޫލަކީ މެންބަރަކު މިނިސްޓަރަކާ ސުވާލެއް ކުރައްވާ ނަަމަ، މަޖިލީހުގެ އިދާރާއިން އެ ސުވާލު، މިނިސްޓަރަށް ލިއުމުން ފޮނުއްވައި، ޖަވާބުދެއްވަން ތައްޔާރުވެވަޑައިގެންނެވުމަށް 14 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ޖަވާބު ދެއްވަން އެޖެންޑާ ކުރުމެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

"ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ.

މަަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހައިދަރު ވަޑައިގަންނަވަން އެޖެންޑާކުރީ ބެލެވޭ ގޮތުގައި އެ މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާއާ ކުރަން އެޖެންޑާކޮށްފައި އޮތް ސުވާލަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަަށް ގޯތި ހަވާލުކުރާނީ ކޮން އިރަކުންތޯ އާއި އޭރު ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންނާ ފްލެޓް ހަވާލުކުރާނީ ކޮން އިރަކުންތޯ އެވެ.

ހައިދަރާ އެ ސުވާލު ކުރައްވަން އެދިވަޑައިގެންނެވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އާއިލީ ކަމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ހައިދަރު މިއަދު މަޖިލީހަށް ވަޑައި ނުގެންނެވި އިރު، މަޖިލީހުގެ ޖަލްސާގައި އެކަން އިއުލާނުކުރި އިރު ވެސް އޭނާ ވަޑައިގެން އިންނެވީ ހައުސިން މިނިސްޓްރީގަ އެވެ.