Advertisement

ޓްރާންސްޕޯޓް މިނިސްޓްރީގައި 58 ސިޔާސީ މުވައްޒަފުން، މުސާރައަށް މަހަކު 1.5 މިލިއަން ރުފިޔާ

27 ޖުލައި 2024 - 11:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން: އެ މިނިސްޓްރީގައި 58 ސިޔާސީ މުވައްޒަފުން އެބަތިބި - ފޮޓޯ: ރައީސް އޮފީސް


ޓްރާންސްޕޯޓް މިނިސްޓްރީގައި 58 ސިޔާސީ މުވައްޒަފުން، މުސާރައަށް މަހަކު 1.5 މިލިއަން ރުފިޔާ

27 ޖުލައި 2024 - 11:02 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް 58 ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.

މެއި 2، ގައި ހުށަހެޅި މި އާރުޓީއައި ރިކުއެސްޓަށް ޓްރާންސްޕޯޓް މިނިސްޓްރީން އެ މައުލޫމާތާއެކު ޖަވާބުދީފައިވަނީ އޭގެ ދެ މަސްފަހުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ

  • މިނިސްޓަރު - 58,500ރ.
  • ދެ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
  • 14 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
  • 28 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
  • 13 ޕޮލިޓިކަލް ޑިރެކްޓަރުން - 20،500ރ.

މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1.57 މިލިއަން ރުފިޔާ ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، އެއީ 18.8 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 94 މިލިއަން ރުފިޔާ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާ އެކު އެވެ. ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.

މީގެއިތުރުން، ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދަން ހުށަހެޅުމުން އެ އޮފީހުން ވަނީ ވެބްސައިޓު ބެލުމަށް އަންގައިފަ އެވެ.

ނަމަވެސް ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން ރައީސް އޮފީސް ވެބްސައިޓުގެ ސިޔާސީ މުވައްޒަފުންގެ ބައި އަދާހަމަ ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް މީގެ ކުރިން އެ އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް ސިޔާސީ މުވައްޒަފުންނެވެ. އަދި، އެ އޮފީހުގެ ދަށުގައިވާ ރައީސްގެ ރަސްމީ ގެކޮޅާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅުގައި ވެސް ސިޔާސީ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ނަމަވެސް ރައީސް އޮފީސް ވެބްސައިޓުން އެ އޮފީހުގައި ހިމެނޭ ހުރިހާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް އާންމެއް ނުކުރެ އެވެ.