26 ޖުލައި 2024 - 16:07 0
ތަޒްކިޔާ: 13 އަހަރުގެ މި ފެތުންތެރިޔާ ވަނީ ގައުމީ ރެކޯޑެއް މުގުރާލައިފައި.--- ފޮޓޯ: އަހުމަދު ނިޔާޒް
26 ޖުލައި 2024 - 16:07 0
ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރްސާދު އާކޮށްފި އެވެ.
ތަޒްކިޔާ ވަނީ، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އާ ކޮށްފަ އެވެ.
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، ތަޒްކިޔާ، 100 މީޓަރު ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 01:05.53 ޓައިމިން އަކުންނެވެ.
ތަޒްކިޔާގެ މި ޓައިމިން އަކީ، މިއީ ގައުމީ ރެކޯޑެކެވެ. މި ރެކޯޑް އެންމެ ފަހުން އާ ކުރެވިފައިވަނީ މީގެ އަށް އަހަރު ކުރިންނެވެ.
މި އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ 2016 ވަނަ އަހަރު ބޭއްވުނު ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އެހެންކަމުން، ތަޒްކިޔާ މި އާ ކޮށްފައިވަނީ، ގިނަ އަހަރުތަކެއް ވަންދެން އާ ނުކުރެވި އޮތް ރެކޯޑެކެވެ.
ތަޒްކިޔާ ވަނީ، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އާ ކޮށްފަ އެވެ. ލަންކާގައި ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 02:51.26 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ގައުމީ ފެތުންތެރިޔާ، އައިޝަތު ސައުސަން އެވެ. އެ ފަހަރު، ސައުސަން، އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ.
Comment