Advertisement

ސްލޮޓް ބުނަނީ ލިވަޕޫލުން ހަަރަދުކުރަން ފަސްނުޖެހޭނެ ކަމަށް

26 ޖުލައި 2024 - 10:01 0


ސްލޮޓް ބުނަނީ ލިވަޕޫލުން ހަަރަދުކުރަން ފަސްނުޖެހޭނެ ކަމަށް

26 ޖުލައި 2024 - 10:01 0

ލިވަޕޫލް (ޖުލައި 26) - ލިވަޕޫލުން ވެސް ޓީމު ވަރުގަދަ ކުރަން ބޭނުންވާ ރަނގަޅު ކުޅުންތެރިއަކު ހޯދަން ހަރަދުކުރަން ފަސްނުޖެހޭނެ ކަމަށް އެ ޓީމާ ހަވާލުވި ކޯޗު، އާނޭ ސްލޮޓް ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމުގެ ތެރެއިން، މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ކުޅުންތެރިއަކު ސޮއިނުކޮށް އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލް އެވެ. އެ ކްލަބްގެ ޓްރާންސްފާ ހަރަކާތްތައް އެހާ ވަރަށް ނުހިނގާތީ، އިނގިރޭސި މީޑިއާގައި އަންނަނީ އެ ވާހަކަ ދެކެވެމުންނެވެ.

"އެންމެ މުހިންމަކީ މި ތިބި ކުޅުންތެރިންނާ އެކު މަސައްކަތް ކުރުން. ދެން، މި ތަނުގައި (ޔޫރޯ އާއި ކޮޕަ އެމެރިކާއާ ހެދި) ގިނަ ކުޅުންތެރިން ނެތް. އެ އެންމެން އެކުގައި މަސައްކަތް ކުރަން އެބަޖެހޭ ކަންކަން ނިންމުމުގެ ކުރިން. ރަނގަޅު ފެންވަރުގެ ކުޅުންތެރިން ހޯދުން އޮތީ މި ޓީމު ވަރުގަދަ ކުރަން ބަލާއިރު، އެ މަސައްކަތް ވެސް އެބަކުރެވޭ. އަހަރެމެން ބޭނުންވާ ކުޅުންތެރިން ހޯދަން ޖެހިއްޖެނަމަ އެކަން ކުރާނަން،" ފެޔަނޫޑް ދޫކޮށް ލިވަޕޫލާ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ގުޅުނު ސްލޮޓް ބުންޏެވެ.

ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި، މިރޭ ބައްދަލުކުރާނީ ރެއާލް ބެޓިސްއާ އެވެ.

މިހާތަނަށް އެއްވެސް ކުޅުންތެރިއަކު ޓީމަށް ސޮއިނުކުރާ މައިގަނޑު ސަބަބަކީ، ތިބި ކުޅުންތެރިންނަށް ފުރުސަތު ދީގެން، ކުރިއަށް ދެވޭނެ ގޮތްތަކެއް ބަލައި، ދެން ބޭނުންވާ ކުޅުންތެރިންނަށް ފޯކަސް ކުރުން ކަަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

"މީގެ އެންމެން ހައިރާންވާންޖެހޭނީ ޓްރާންސްފާ ނިމޭއިރު އަހަރެމެން ކުޅުންތެރިއަކު ނުގެނެސްފިނަމަ. އެއީ، ވާނެ ކަމެއް ހެނެއް އަހަންނަށް ހިއެއްނުވޭ،" ސްލޮޓް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން، ރެއާލް ސޮސިއެޑާޑަށް ކުޅޭ، ޖަޕާނުގެ ވިންގް، ޓަކެފޫސާ ކޫބޯ ހޯދަން ލިވަޕޫލުން މަސައްކަތް ކުރެ އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާއިރު، ފުރަތަމަ މެޗުގައި، ލިވަޕޫލުން ރަށުންބޭރުގައި ކުޅޭނީ އަލުން ޕްރޮމޯޓްވި، އިސްޕްވިޗް ޓައުންއާ އެވެ.