24 ޖުލައި 2024 - 09:37 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު މަޖިލީހުގެ ޖަލްސާއެއްގައި: އައްޑޫގެ ރައްޔިތުންނަށް އެންމެ އަސާސީ މިންވަރަށް ވެސް ކަރަންޓުގެ ހިދުމަތް ލިބެމުން ނުދާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލީހުގެ އިދާރާ
24 ޖުލައި 2024 - 09:37 0
އައްޑޫގެ އެކި ސަރަަހަރައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުން ގެންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް އެންމެ އަސާސީ މިންވަރަށް ވެސް ކަރަންޓުގެ ހިދުމަތް ލިބެމުން ނުދާ ކަމަށެވެ. އެއީ ސަރުކާރުން އައްޑުއަށް ވާ އިހުމާލެއް ކަމަށް ވެސް ކުއްލި މައްސަލާގައި އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް އެންމެ އަސާސީ ފެންވަރަށް ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން ނުކުޅެދިފައި ވާތީ، ތަކުރާރުކޮށް، ނިވިދިއްލޭ ބޮތްކެއް ހެން އެ ރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި ރަށުގެ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި ފިހާރަތަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދެވޭ،" ކުއްލި މައްސަލާގައި ނާޒިލު ވިދާޅުވި އެވެ.
ނާޒިލު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތެވެ. އެ މައްސަލަ ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލަ ބަލައިގަނެ މަޖިލީހުގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި ނާޒިލު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހިދުމަތަށް އެހާ ބޮޑަށް ބުރޫ އަރަން ދިމާވި އެއް ސަބަބަކީ ފެނަކައިގެ މާލޭ އޮފީހުގައި ތިބި އިސް ބޭފުޅުންގެ އިހުމާލުވުން ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އައްޑޫގެ ކަރަންޓްގެ ހިދުމަތް ރަނގަޅަށް ދޭން ބޭނުންވާ ސްޕެއާޕާޓްސް ގަވައިދުން ނުފޮނުވާތާ ހަތް މަސް ދުވަސް ވެއްޖެ އެވެ.
"މި ވާހަކަ އައްޑޫ ސިޓީގައި ތިބި ފެނަކައިގެ އިސް ބޭފުޅުން މާލޭގައި ތިބި ވެރިންނާ މިވާހަކަ ދައްކައި ދައްކައި މީގެ ހައްލެއް ނުލިބި އޮވެ، މިވާހަކަ މިހިސާބަށް [މަޖިލީހަށް] އަންނަން މި ޖެހުނީ،" ނާޒިލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫގެ ފެނުގެ ހިދުމަތަށް ވެސް މިދިޔަ މަހު ހަމަ އެފަދަ މައްސަލަތައް ދިމާވި ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment