Advertisement

ކުޅިވަރުން ކޮރަޕްޝަން މަދުކުރަން "ޕަޗަސް"ގެ ނަމުގައި ކެމްޕެއިނެއް

22 ޖުލައި 2024 - 17:01 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިއަދު ބޭއްވި އިވެންޓްގައި، މިނިސްޓަރު ރާފިއު ވާހަކަދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު


ކުޅިވަރުން ކޮރަޕްޝަން މަދުކުރަން "ޕަޗަސް"ގެ ނަމުގައި ކެމްޕެއިނެއް

22 ޖުލައި 2024 - 17:01 1

ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުން ކޮރަޕްޝަން މަދުކުރުމުގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން، "ޕަޗަސް" ގެ ނަމުގައި މިއަދު ކެމްޕެއިނެއް ފަށައިފި އެވެ.

މިއަދު މި ކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ކުޅިވަރުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހަރަކާތްތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން އާ އަޒުމެއްގައި ކަންކަން ފެށިގެންދާތީ ހިތްހަމަޖެހޭ ކަމަށެވެ.

އެ ގޮތުން މިނިސްޓަރު ރާފިއު ވަނީ، މި ކެމްޕެއިނަށް "ޕަޗަސް"ގެ ނަން ދެވުމާއި ކުރަން އުޅޭ މަސައްކަތާ ގުޅުން ހުރި ގޮތާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު ހަނދާންވަނީ އަޅުގަނޑުމެން ކުޅޭ ކުޅިވަރެއް ޕަޗަސް. އެއީ، ފިލާ އޮންނަ މީހަކު ފިލާ އޮތްތަނެއްގައި އޮއްވައި ގޮސް ގައިގައި ޖަހާފައި މި ބުނަނީ ޕަޗަސްއޭ. ތިއޮތީ ހޯދާފައޭ. އެހެންވީމަ އެންޓި ކޮރަޕްޝަން އާއި މި ކެމްޕެއިން އާއި ވަރަށް ގުޅުން އެބަހުރި ޕަޗަސްއާ. އެއީ އެކަން ކުރާ ގޮތް ވެސް މެ. އެކަން ކުރެވޭ ގޮތް ވެސް މެ. އެހެންވީމަ މި ކަން އަމަލީ ގޮތުން، އަޅުގަނޑުމެން ކުރުމަށްޓަކައި، މިއަދު މި އަޅާ ފިޔަވަޅަކީ ކުޅިވަރުގެ ތެރެއިން. ދެމިހުންނަނިވި ގޮތެއްގައި ކުޅިވަރުގެ މުއައްސަސާތައް ކުރިއަރައި ދިއުމަށްޓަކައި ކޮންމެހެން ވެސް ބޭނުން ކަމެއް،" ރާފިއު ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފާއިތުވި ދެތިން، އަހަރު އެ ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކޮރަޕްޝަންގެ އެކި މައްސަލަ ބެލިއިރު، އެ ކޮމިޝަނަށް ވެސް އާ ތަޖުރިބާތަކެއް ކުރެވި، މި ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ މުއާމަލާތްކުރެވުނު ކަމަށެވެ. އަދި އެ ކަންކަމުގެ ތެރެއިން ގިނަ އާ ކަންތައްތަކެއް ދަސްވެގެން ދިޔަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ގޮތުން، ޝާމިލް ވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ކޮރަޕްޝަން މައްސަަލަ އަށް އިޝާރާތް ކުރައްވައި، އެ ތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭސީސީގެ ރައީސް ޝާމިލް (ކ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު.--- ފޮޓޯ: މިރާން ނާޝިމް / އަދަދު


މިނިސްޓަރު ރާފިއު ވިދާޅުވީ، މީގެ ކުރީގައި ކުޅިވަރު މާނަކުރުން މުޅިން ވެސް އޮތީ ތަފާތުކޮށް ކަމަށެވެ. އެއީ، ކުޅިވަރުގެ ކަންކަން "ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި" ނަގައި، ފަސޭހަކޮށްލައިގެން ހުންނަ ގޮތަށް ދޭހަވާ މޭރުމަކުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް، މިހާރު ކުޅިވަރަކީ އިންސާނާގެ "ކެރެކްޓާ ބިލްޑިން" އަށް އެންމެ ބޮޑަށް ނުފޫޒުފޯރުވާ އެއް ކަންތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކުޅިވަރުގެ ޒަރިއްޔާ އިން ކުޑަކުދިން ކުޑައިރުއްސުރެން އަޅުގަނޑުމެން މި ދަސްކޮށްދެނީ ވެލިއުސްތަކެއް. އަޅުގަނޑުމެން މި ދަސްކޮށްދެނީ އެކެއް އަނެކަކަށް އިހުތިރާމްކުރުމާއި މޮޅުވުމާއި ދެރަވުމާއި މި ކަންކަން ކުރިމަތިވާއިރު މީހާގެ އިމޯޝަންސް ކޮންޓްރޯލް ކުރުމާއި މީހާގެ މެންޓަލް ފިޓްނަސް އާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ސާފުތާހިރުކަމާއި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް އިންސާނާ ރަނގަޅު އިންސާނެއްގެ ގޮތުގައި ބޮޑުކޮށް އަދި މި ދެންނެވި އާދަތައް ހަށިގަނޑުގައި އަށަގެންނެވުމަށް. މީގެ ބޭނުމަކީ އިސްލާމް ދީނާއި ސަގާފަތަށް މި ކަންކަން ހިމާޔަތްކޮށް އެއްބައިވަންތަ ކަމުގެ ނަމޫނާއެއްގެ ގޮތުގައި އޮތް ސޮސައިޓީ އަކަށް ހެދުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއުގެ ވާހަކައިގައި ފާހަގަކުރެއްވީ، ކުޅިވަރަކީ އެކަކު އަނެކަކު އިހުތިރާމްކޮށް، ކަންތައްތައް ކުރާއިރު، އެންމެނަށް ހަމަހަމަކަން ގެނެސްދިނުމުގެ ގޮތުން "ފެއާޕްލޭ" ޕްރޮމޯޓްކުރާ ކަމެއް ކަމަށެވެ.

"ފެއާ މި ވަނީ ހަމައެކަނި ދަނޑުމައްޗަކު އެއް ނޫން. ފެއާ މި ވަނީ މެނޭޖްމަންޓްގައި ވެސް. އަޅުގަނޑުމެންނަކީ މި ނެރޭ ޓީމުގެ ފަހަތުގައި އޮންނަ ޓީމެއް. މި ޓީމު ފެއާކޮށް ނުކުޅޭ ކަމަށްވިއްޔާ، އަޅުގަނޑުމެން ފީލްޑަށް ނެރޭ ޓީމެއް ރަނގަޅަށް ބައްޓަމެއް ނުކުރެވޭނެ. ފެއާކޮށް ކަންކަން ކުރެވޭނީ ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކޮށްގެން. އެހެން ނޫނިއްޔާ ކޮންމެސް އެއްކޮޅަކަށް ބަރުވެފައި މި އޮންނަނީ،" ރާފިއު ވިދާޅުވި އެވެ.

ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިސާޗް ޓީމާއި ސްޕޯޓްސް މިނިސްޓަރު ރާފިއު ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ފުރަތަމަ އެ ބައްދަލުވުމުގައި ހީވެގެންދިޔައީ، ކަމަކަށް ޖަވާބުދާރީވާން ހާޒިރުވެ ހުންނަން ޖެހުނު ފަދަ ގޮތަކަށް ކަމަށެެވެ. އެކަމަކު، ބައްދަލުވުން ނިމިގެންދިޔައިރު، ކުޅިވަރުގެ މުއައްސަސާތަކުން ކޮރަޕްޝަންގެ ކަންކަން މަދުކޮށް، ފެއާޕްލޭގެ އުސޫލުތައް އަށަގަންނަވަން، އެންޓި ކޮރަޕްޝަން ކޮޮމިޝަނަށް ކުރެވޭނެ ކަންކަން ސާފުވެގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރުގެ މުއައްސަސާތައް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރާތީ "ޓީމު" އެ ނަން ބޭނުންކުރާ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންއާ ގުޅިގެން ކުރާ މަސައްކަތުގައި އޮންނާނީ މާ ބޮޑު ޓީމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު


މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުމުގައި ދިމާވާ އެއް ކަމަކީ، ކޮރަޕްޝަން ކަހަލަ ކަންކަމާ ހެދި ވަކި ހިސާބަކުން އަނެއްކާ ވެސް ކަންކަން ރަނގަޅުކުރަން ފަށަން ޖެހޭތީ ކަމަށެވެ.

"(ކުޅިވަރުގެ މުއައްސަސާއެއް) އެއް ސްޓޭޖުން އަނެއް ސްޓޭޖަށް، އެއް ދައުރުން އަނެއް ދައުރަށް ކުރިއަރަމުން ދާނީ އެ މުއައްސަސާތައް ރަނގަޅު ޕްލެޓްފޯމެއްގައި ގާއިމްކުރެވިގެން ރަނގަޅު ގޮތަކަށް ބައްޓަންކުރެވިގެން މަސައްކަތްތަކެއް ކޮށްގެން. އެހެންނޫނިއްޔާ ވަކި ހިސާބަކުން އަޅުގަނޑުމެން، ވެލިން ހަދާ ކާސަލްއެއް ގޮތަށް ވަކި ހިސާބަކަށް މައްޗަށް ނެގީމަ އަނެއްކާ ވެސް ވެއްޓިފައި، އަނެއްކާ ވެސް އަލުން އަނބުރާ ނަގަން ކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެން އެބަޖެހޭ މަންޒަރު ކޮމްޕްލީޓްކުރަން،" ރާފިއު ވިދާޅުވި އެވެ.

"އެބަހުރި އަންނަން ހުރި 10 އަހަރުގައި އެޗީވްކުރަން (ހާސިލްކުރަން) ބޭނުންވާ ކަންތައްތައް އަންނަން އޮތް 15 ނޫނީ 20 އަހަރު ކުރަން އޮތް ކަންތައްތަކެއް. އެކަންކަން ކުރޭވޭނީ، ކުރަމުން މި އަންނަ މަސައްކަތް ޑަބަލްކޮށް ކުރަން ނުޖެހޭ ގޮތަށް ކަންކަން ބައްޓަންވެގެން."

ރާއްޖެ އަށް ރީތި ނަން ކުޅިވަރުން ހޯދެން އޮތީ ކުޅިވަރާ ގުޅޭ ހުރިހާ ކަމެއްގެ ތެރެއިން "ފެއާޕްލޭ"ގެ އުސޫލު އަށަގަނުވައިގެން، ކޮރަޕްޝަން ކަންކަން ވީހާވެސް މަދުކޮށްގެން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެ ކަމަށް ޓަކައި، މި ފެށުނު "ޕަޗަސް" ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕަޗަސް އަކީ ވަރަށް އިންޓަރެސްޓިން ބަހެއް. އެ ބަހުގެ އަލީގައި އަޅުގަނޑުމެން މަސައްކަތްކޮށްފިއްޔާ. އަޅުގަނޑުމެން އެ ހޯދާ ހޯދުން ވީހާވެސް ކުޑަވެ، ޕަޗަސް ކިޔަންޖެހޭ ވަގުތު ކުޑަވެގެންދާނެއޭ. ރަނގަޅީ އެހެން ކިޔަން ނުޖެހިއްޖިއްޔާ. ނުޖެހޭތޯ ބަލަން ކުރާ މަސައްކަތެއްގެ ފެށުން މިއީ،" މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

މި ވަގުތަށް ބަލާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ، ފުޓްބޯޅަ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންނެވެ.