Advertisement

ރިޔާސީ އިންތިހާބުގައި ވާދަނުކުރާން ބައިޑަން ނިންމައިފި

21 ޖުލައި 2024 - 23:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ރިޔާސީ އިންތިހާބުގައި ވާދަނުކުރާން ބައިޑަން މިރޭ ވަނީ ނިންމަވާފަ - ފޮޓޯ: ފައިލް


ރިޔާސީ އިންތިހާބުގައި ވާދަނުކުރާން ބައިޑަން ނިންމައިފި

21 ޖުލައި 2024 - 23:05 0

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު، އެ ގައުމުގެ ރައީސް ޖޯ ބައިޑެން ނިންމަވައިފި އެވެ.

މިރޭ އެކްސް މެދުވެރިކޮށް އާންމުކުރެއް ބަޔާނެއްގައި ބައިޑެން ވިދާޅުވީ، އޭނާގެ ވެރިކަމުގައި އެމެރިކާ މި ފަހުގެ ތާރީހުގައި ނުދެކޭ ހަރުފަތްތަކަކަށް ގެންދެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އިތުރު ދައުރަކަށް ވާދަކުރެއްވުމުގެ ހިޔާލު ދޫކުރައްވާ ދެން މަސައްކަތް ކުރައްވާނީ ފުރިހަމަ ގޮތުގައި ރައީސްކަމުގެ ދައުރު ނިންމަވާލެއްވުމަށް ކަމަށެވެ.

އުމުރުން 81 އަހަރުގެ ބައިޑެން ރިޔާސީ ރޭހުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައި މިވަނީ އޭނާގެ އުމުރާއި ސިއްހަތާ ގުޅުވާ، ޑިމޮކްރެޓުގެ ޓިކެޓު ދޫކޮށްލަން ޕާޓީގެ އެތެރެއިން ޕްރެޝަރުތަކެއް ކުރިމަތިވެފައިވަނިކޮށެވެ.

ބައިޑެން މިހާރު ގެންދަވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވުމާ ގުޅިގެން އެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ޑިމޮކްރެޓުންގެ ޓިކެޓު ދޫކޮށްލައްވަން ނިންމެވި ނަމަވެސް ބައިޑެން އިތުރު ކެންޑިޑޭޓަކު އެންޑޯސްކުރައްވާފައެއް ނުވެ އެވެ. ކުރިން ބެލެވުނު ގޮތުގައި ބައިޑެން އެންޑޯސް ކުރައްވާނީ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. ނަމަވެސް ދެން ޑިމޮކްރެޓުންގެ ކެންޑިޑޭޓަކަށް ވާނެ ފަރާތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮތީ ނޮވެމްބަރު، 5 ގަ އެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ގިނަ ޕޯލްތައް ދައްކާގޮތުން ރިޔާސީ ރޭހުގެ ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ.