Advertisement

އަޑުއަހާނޭ ކަންފަތަކާއި ހައްލު ބުނެދޭނޭ ދުލެއް ބޭނުންވެއްޖެ!

19 ޖުލައި 2024 - 07:55 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


އަޑުއަހާނޭ ކަންފަތަކާއި ހައްލު ބުނެދޭނޭ ދުލެއް ބޭނުންވެއްޖެ!

19 ޖުލައި 2024 - 07:55 1

ލިޔާން މިއުޅޭ މައުލޫގެ ދީބާޖާއެއް ނުވިސްނުނެވެ. މި ވާހަކައާމެދު އަދި މި ވާހަކަ ދައްކާން މިއުޅޭ މީހާއާމެދު މީހަކު ދެކެފާނޭ ގޮތަކާއި ބުނެފާނޭ ބަހަކަށް ވިސްނުން ހިންގޭތީ ގަލަން ހިންގައިނުލެވެނީ އެވެ. އެހެންވިޔަސް.. މި ލިޔުމުގެ މައުލޫއަކީވެސް އެއީ އެވެ.

އަޅުގަނޑާއި ތިބާއާއި އެހެރަ ދާ މީހާގެ ވެސް ދިރިއުޅުމުގެ ވާހަކަ ތަފާތެވެ. އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް ދިރިއުޅުމުގެ ދިގު ވާހަކައިގެ މުޅިން އައު ބާބެކެވެ. ލަދާއި ތަދާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް އިތުބާރު ނެތުމުގެ މަޖުބޫރުގައި ނުހުޅުވި ތިބޭތީ އެ ވާހަކަތައް އަދި ވަންހަނާވެފައި ހުރީ އެވެ. ހިތުގައި ހުރި ޒަހަމުތައް ނަގައި އަތަށްލައި މުށްކަވައި ބާރުކޮށްގެން އެތިބީ ހުޅުވެން ނުކެރިގެންނެވެ. ހިތް 'ހަމަނުޖެހިގެން' އުޅޭ ހުރިހާ ސަބަބުތަކުގެ ސިއްރުތައް އެހުރީ މުށްކަވައި ބާރުކޮށްގެން ހުރިއަތުގަ އެވެ.

އެކަކު އެ ކުރަނީ ޅައުމުރުގައި އާއިލާގެ އަޅާލުން ނުލިބުނު ކަމުގެ ހިތާމަ އެވެ. އަނެކަކު އެހުރީ ފުރާވަރުގެ ލޯބި ހާސިލުނުވިކަމުގެ ގިލަންވެރިކަމުގަ އެވެ. ދެން އެހުރި މީހާ އެހުރީ މެދު އުމުރުގައި ފެނުނު އައު މޫނަކަށް ހިތްކީވަރުން އަމިއްލަ ދިރިއުޅުން ރޫޅާލައި ގުޅުންތައް ކަނޑައި އޮޑީގެ މިސްރާބު އޮޅި ކަނޑުމަތިއަޅާފަ އެވެ. އަމިއްލައަށް އުފެއްދި ހާލަތެއްގެ ޝިކާރައަކަށްވެވި، އެކަމުން އަރައިނުގަނެވިފަ އެވެ. ހިތްއެދޭ މަންޒިލަށް ވާސިލުނުވެވި ފޭލިވެއްޖެކަމުގެ މޮޅިވެރިކަމުގައި އެހެން މީހަކު އެބަހުއްޓެވެ. ދެން އެހެރަ ފެންނަ މީހަކީ ލިބުނު ނުރައްކާތެރި އަނިޔާގެ ހަނދާން ނައްތައިނުލެވި، އެކަހެރިވެލެވޭ ކޮންމެ ވަގުތަކު އަދިވެސް އެކަމުގެ ބިރުވެރިކަން އިހުސާސްކުރަމުންދާ މީހެކެވެ. ދެން އެހުރީ މަދަރުސީ ދައުރުގެ ހަނގާކުރުންތަކާހެދި އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލި 'މަންމަން' ދިރިއުޅުމެއް އުޅެމުންދާ, ސަފުން ބާކީވެފައިހުރި ޒުވާނެކެވެ.

އެކަމަކު މީގެ ތެރެއިން ގިނަ މީހުން ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ނުކުންނަނީ އުޖާލާ މޫނެއް ހިފައިގެންނެވެ. ހިތުގައި އެ ހިނގާ އިހުސާސުތައް މޫނުމަތިން ފާޅުވުމަކީ، ވަށައިގެންވާ މާހައުލު ހަރާބުވާނޭ ކަމެކެވެ. މުޖުތަމައުގެ ވިސްނުން ނިޔާކުރާ އުސޫލަކީ ދިއްލިފައިވާ މޫނުތަކަށް މެނުވީ ޖާގަ ނުދިނުމެވެ. މީހަކު ކުރަންޖެހޭ ހިތާމައާއި، ވިސްނަންޖެހޭ ވިސްނުންތަކަކީވެސް ފަރުދާވެވިތިބެ، އިންސާނީ ހަށިގަނޑުގެ އެހެނިހެން ތަބީއީ ބޭނުންތައް ފުއްދާ ފަދައިން ކުރަންޖެހޭ ކަމެއް ކަމުގައި އިޖުތިމާއީ ގާނޫނުތައް ލާޒިމު ކުރެ އެވެ. އެކަމަކުވެސް އަމިއްލަ އިހުސާސުތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ހުންނަ މިންވަރުގެ ސަބަބުން އެކި މީހުންނަށް މި ގިލަންވެރިކަމުގެ އަސަރު ކުރަނީ އެކި މިންވަރަށެވެ. އިހުސާސުތައް ނުހިފެހެއްޓި، އާންމު މުޖުތަމައުގައި މޮޅި މޫނު ދައްކައިފި މީހާ އެ އިޖުތިމާއީ ގާނޫނާ ހިލާފުވުމުގެ ކުށުން ކުށްވެރިވެ، އެންމެންގެ ތެރޭގައި ބާކީ ކުރެވެ އެވެ.

މި ލިޔުމުގެ މިހާ ހިސާބަށް ދިޔައިރު، މި ލިޔުންތެރިޔާ މިއުޅެނީ ލިޔާނޭ ނުލިޔާނޭ އެއްޗެއް ނޭނގިގެންކަމަށް އެތައް ކިޔުންތެރިޔަކު ނިންމައިފި އެވެ. ތިޔަހެން ވިސްނާނެޔޭވެސް ހީކުރީމެވެ. މިއީ މީހުން އަޑުއަހަން ޝައުގުވެރިނުވާ، އަދި ދައްކައިގެންވެސް ނުވާ ގިންތީގައި ހިމެނޭ ވާހަކަތަކެއްކަންވެސް ދެނެހުރީމެވެ. އެ ދިޔައީ ދީބާޖާ އެވެ. ދެން އޮތީ އަސްލު ވާހަކަ އެވެ.

އެއީ ނަފްސާނީ ފަރުވާގެ ވާހަކަ އެވެ. މިއީ ރާއްޖޭގެ މާހައުލުގައި އަދިވެސް އާންމުކޮށް ދައްކަން ކަމުނުދާ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. އިދާރާތަކުން ވަކާލާތުކުރަމުން ގެންދަނީ ނަފްސާނީ ފަރުވާ ހޯދުމުގައި ޖެހިލުން ނުވުމަށެވެ. ކެރިގެން އެކަމާ ކުރިމަތިލުމަށެވެ. އެ ނަސޭހަތް ގަބޫލުކޮށްގެން ފަރުވާ ހޯދަން ބަލާއިރު، ނަފްސާނީ ފަރުވާދޭ މަރުކަޒުތަކުގެ އެޕޮއިންޓްމަންޓް ބޭނުންވާ މީހުންނަށް އޮންނަނީ އެ ފުރުސަތު ނުލިބިފަ އެވެ. އެހެންވީމާ އެ ހިދުމަތް މިހާރު ހޯދާ މީހުންގެ ނިސްބަތްވެސް މަދީކީ ނޫންތާ އެވެ.

ހެލްތު މިނިސްޓްރީއިން 2022 ވަނަ އަހަރު ޝާއިއުކުރި، 'ސެންޓްރަލް އެންޑް މެންޓަލް ހެލްތު ޑިވެލަޕްމަންޓް ޕްލޭން 2022-2025" ގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ނަފްސާނީ މައްސަލަތައް ހުރި މިންވަރާއި، އެކަމުގެ އަސަރު ދެނެގަތުމުގެ ފުރިހަމަ ދިރާސާއެއް މިހާތަނަށްވެސް ހެދިފައެއް ނެތެވެ. އެކަމަކު ހެދިފައި ހުރި މަދު ދިރާސާތަކުން ދައްކަނީ ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމެވެ. މިގޮތުން، ކޮވިޑް19 ގެ ފުރަބަންދާއެކު މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔަކަމަށް ބެލެވޭކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައި އޮވެ އެވެ.

އާންމު ނަފްސާނީ ސިއްހަތާ ގުޅޭގޮތުން ކުރިން ކުރެވިފައިވާ ދިރާސާތަކަށް ހެލްތު މިނިސްޓްރީގެ ޕްލޭނުގައި އަލިއަޅުވާލާފައި ވެއެވެ. އެ މިނިސްޓްރީން 2003 ވަނަ އަހަރު ކުރި ދިރާސާގެ ބައިވެރިންގެ ތެރެއިން 29.1 އިންސައްތަ ބައިވެރިންނަކީ ކޮންމެވެސް ކަހަލަ ނަފްސާނީ މައްސަލަތައް ތަހައްމަލުކޮށްފައިވާ ނުވަތަ ކުރަމުންދާ މީހުންނެވެ. އޭގެ ތެރެއިން އަންހެނުންގެ އަދަދު 50 އިންސައްތައަށްވުރެ އިތުރެވެ. ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ހިޔާލު އައިކަމަށް 'ގްލޯބަލް ސްކޫލް ހެލްތު ސާވޭ 2014' އިން ސުވާލުކުރި އުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 16 އިންސައްތަ ކުދިން ބުނެފައި ވެއެވެ. ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމަށް 15 އިންސައްތަ ކުދިން ބުނެފައި ވެއެވެ. އަދި 9.6 ކުދިންނަކީ ގާތް ރަހުމަތްތެރިއަކު ނެތްކަމުގެ މައްޗަށް ހިތާމަކުރަމުންދާ ކުދިންކަން އެ ދިރާސާއިން ދެއްކި އެވެ. ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކުރި ދިރާސާއިން ފެންނަ ގޮތުގައި، އެ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 6.3 އިންސައްތަ ދަރިވަރުންނަކީ 'މާޔޫސްކަން' ތަހައްމަލުކުރަމުން ގެންދާ ދަރިވަރުންނެވެ.

މި ހުރިހާ ދިރާސާއެއްގެ ހުލާސާއަކީ، ކޮންމެ ސަބަބަކާހެދި ނަމަވެސް މި ކުޑަކުޑަ އާބާދީގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރުވެ، ނަފްސާނީ ސިއްހަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމެވެ. ބަދަލުވަމުންދާ ހަލާތަށް ބަލައި، ސަރުކާރުން މިކަމަށް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅަން ފެށީ 2019 ވަނަ އަހަރު އެވެ. ސަރުކާރުގެ ފަރާތުން އިސްވެ، ނަފްސާނީ ސިއްހަތާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އާސަންދައިގެ ތެރެއިން އެ ފަރުވާ ލިބޭނޭ އިންތިޒާމުވެސް ހަމަޖެއްސި އެވެ.

މާޗު 1، 2019 ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވި ނަފްސާނީ ފަރުވާގެ ކްލިނިކު ހުޅުވިތާ ދެ އަހަރު ތެރޭގައި 81000 މީހުން އެ ކްލިނިކުން ފަރުވާ ހޯދި އެވެ. އެއީ އަހަރަކަށް 40500 މީހުންނެވެ. ރާއްޖެ ކަހަލަ އާބާދީ މަދު ގައުމެއްގައި އެއީ ނިސްބަތުން މަދު އަދަދެއް ނޫނެވެ. މި ފަރުވާގެ ހަރަދުގެ ގޮތުގައި އާސަންދައިން 25.6 މިލިއަން ރުފިޔާ ދެ އަހަރު ދުވަހުގެ ތެރޭގައި ހަރަދު ކުރި އެވެ. މިއީ ހަމައެކަނި އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވި ސެންޓަރަށް ކުރެވުނު ހޭދަ އެވެ. ސުވާލަކީ ދައުލަތުގެ މި ހޭދައިން ރާއްޖޭގެ އާންމު ނަފްސާނީ ހާލަތު ރަނގަޅު ކުރެވުނުތޯ ކުރެވޭ ސުވާލެވެ. ނަފްސާނީ ފަރުވާއަށް ތައްޔާރުކުރެވުނު ނިޒާމަށް ނުތަކާ ވަރަށް ފިތި ބާރުވެ، އެ ނިޒާމު ވެސް އެއޮތީ މިހާރު އިތުރު ފަރުވާއަށް ބޭނުންވެފަ އެވެ.

މިހެންވެފައި މިއޮތީ، ހިތާމަތަކާ ކުރިމަތިލުމަށް އޮތް ހަމައެކަނި ގޮތަކީ ފަރުވާގެ ނިޒާމުގެ ތެރެއަށް ވަދެގެން އެ އިންތިޒާމުތަކުގެ ތެރެއިން ފަރުވާ ހޯދުންކަމަށްވުމަކީ އާންމު ވިސްނުމަށްވީމައޭ ހީކުރަމެވެ. ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކުން ނަފްސާނީ ސިއްހީ މައްސަލަތަކުގެ ފަރުވާ ލިބޭނޭ އިންތިޒާމު ހަމަޖެއްސޭނޭ ދުވަހެއް ނާންނާނެ އެވެ. އެހެންވީމާ މި މައްސަލައަށް މިއަށްވުރެ މޮޅު ހައްލެއް އޮންނަންވާނެ އެވެ.

ގްލޯބަލް ސްކޫލް ހެލްތު ސާވޭ ގައި ބުނެފައިވާ ގޮތުން، ކުދިންގެ ނަފްސާނީ ހާލަތު ގޯސްވެގެންދާ އެންމެ ބޮޑު ސަބަބަކީ، ހިތާމަތައް ހިއްސާކުރާނޭ އެއްވެސް މީހަކު ނެތި، އެ ހިތާމަތައް އަމިއްލައަށް ތަހައްމަލުކުރަންޖެހުމެވެ. އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމުކޮށް ރަހުމުކުރާ، އަދި މީހާގެ އިހުސާސުތައް މީޒާނުން ކިރައި އެހެން މީހެއްގެ ޝަހުސިއްޔަތުގެ ފަނޑިޔާރަކަށްވެ ގޮތްކިޔައި ނުހަދާނޭ އެކުވެރިޔަކު ހުރުމަކީ މި މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލުކަމަށް ވިސްނަމެވެ. ސުވާލަކީ އެ އެކުވެރިޔާ ހުރީ ކޮންތާކުތޯ އެވެ.

މީހެއްގައި ހުރި ނަފްސާނީ ބަލިމަޑުކަމުގެ އަސަރާއި އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނީ ހަމައެކަނި އޭނާއެއް ނޫނެވެ. މުޅި މުޖުތަމައު އެވެ. އެއީ ވަކި މީހަކަށް ދިމާވާ ކަމެއްކަމަށް ދުށުމަށްވުރެ، މުޅި މުޖުތަމައުއަށް ކުރިމަތިވެފައިވާ އިޖުތިމާއީ ވަބާއެއްކަމަށް ދެކިގެން އެކަމަށް ފަރުވާކުރުގެ ވިސްނުން އިސްކުރަންޖެހޭކަމަށް ފެނެ އެވެ. އަމިއްލަ އިހުސާސުތައް އޮބަހައްޓައި، މުޖުތަމައުގެ އޮނިގަނޑަށް ފެތެން އެނގިދަސްވެފައި ތިބި މީހުންނަކީ އެނޫން މީހުންގެ އިހުސާސްތައް އަޑުއަހާ ކަންފަތްތަކަކަށްވެ، ހައްލު ބުނެދޭ ދޫ ތަކަކަށް ވެވިއްޖެނަމަ، މި އިޖުތިމާއީ ބަލިމަޑުކަމުގެ މައްސަލައިގެ ބޮޑުބައި ހައްލުވާނެއޭ ހިތަށް އަރަ އެވެ.