Advertisement

ޕީއެންސީ ޖަލްސާގައި އޮތީ އެނބުރި ވަޑައިގަންނަވަން ޔާމީނަށް "އާދޭސް ދެންނެވުން"

14 ޖުލައި 2024 - 22:47 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގޭބަންދަށް ބަދަލުކުރި ދުވަހު، އޭރުގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޕީއެންސީ ޖަލްސާގައި އޮތީ އެނބުރި ވަޑައިގަންނަވަން ޔާމީނަށް "އާދޭސް ދެންނެވުން"

14 ޖުލައި 2024 - 22:47 2

ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުސީދާ ގޮތެއްގައި އާދޭސް ދަންނަވައިފި އެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެވެ. އޭނާ ފުރަތަަމަ ވަރަށް ތަފްސީލުކޮށް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ގޮތެވެ.

މާލީ ހާލަތު ގޯސްކަމުން މުވައްޒަފުން މަދުކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ، ރައްޔިތުން އެކަމުގައި ކެތްތެރިވާން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.

"މިކަންކަން ރަނގަޅުކުރުމަށް ޓަކައި އަޅާ ފިޔަވަޅުތަކެއް ސަރުކާރުން އެ އަަޅުއްވަނީ. އެކަމަށް ޓަކައި އަޅުގަނޑުމެން ހުރިހާ ރައްޔިތުން އެބަ އެއްބާރުލުން ދޭން ޖެހޭ. އެކަމަށް ޓަކައި އަޅުގަނޑުމެންގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން، އޮފީސްތަކުގައި ވަޒީފާ އަދާކުރައްވާ ހުރިހާ ބޭފުޅުން، ގައުމުގައި މަސައްކަތުގައި ތިއްބެވި ހުރިހާ ބޭފުން އެކަމުގައި އެބަ އެއްބާރުލުން ދެއްވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ތައުރީފުކުރައްވަމުން އޭނާ ވިދާޅުވީ އިގުތިސާދީ ގޮތުން މިހާރު އަޅުއްވާ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށް ވިސްނާވަޑައިގަންނަވާ ބޭފުޅަކު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އެއާ އެކު މުސްތޮފާ ވިދާޅުވީ ކުރީގެ ރައީސުންނާ އެކު މަސައްކަތް ކުރައްވައިގެން ގައުމު އެހެން ހަރުފަތަކަށް ގެންދަވަން ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސްކަން ކުރައްވާފައި ވަޑައިގެން މިގައުމުގައި ތިއްބެވި އިއްޒަތްތެރި ހުރިހާ ރައީސުންނަަށް މި ގޮވައިލަނީ އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވޭ ތިޔަ ބޭފުޅުންނާ އެކީގައި މަސައްކަތްކޮށްގެން މިގައުމު މިނޫން އެހެން ހަރުފަތަކަށް ގެންދަން، އެކަމަށް އައިސް މަސައްކަތް ކޮށްދޭށޭ،" މުސްތޮފާ ވިދާޅުވި އެވެ.

އޭނާ އެހެން ނަމަވެސް އެ ލިސްޓް ފެށްޓެވީ އާއްމުކޮށް ހުރިހާ ރައްޔިތުންނާއި ވިޔަފާރިވެރިން ވެސް ހިމަނުއްވައިގެންނެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވިޔަސް އަމާޒަކީ ރައީސް ޔާމީނުކަން އެެނގެނީ "ފާޑުކިޔާ ހަޅޭއްލެވިޔަސް ރަނގަޅެއް ނުކުރެވޭނެ" ކަމަށް ވިދާޅުވުމާ އެކު އެބޭފުޅުންނަކީ އިލްމާއި ހިލްމު ހުރި ބޭފުޅުން ކަމަށް ވިދާޅުވުމުން ކަމަށް ވެފަައި، ކުރީގެ ރައީސުންގެ ތެރެއިން މިހާރު އޮތް އިގުތިސާދީ މައްސަލައަށް ފާޑުވިދާޅުވި ހަމަ އެކަނި ބޭފުޅަކީ ޔާމީން ކަމަށް ވާތީ އެވެ.

މުސްތޮފާގެ ފަހުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މިހާރު އިދިކޮޅުގައި ތިއްބެވި، ކުރިން ޕީއެންސީން ލީޑަރުންގެ ގޮތުގައި ދުށް ބައެއް ބޭފުޅުން މިހާރު ވަރަށް ތަފާތު ވާހަކަތައް ދައްކަވާ ކަމަށެވެ.

ސަރުކާރަށް ފާޑުކިއުމުގައި ރައްޔިތުންނަށް އޮޅުވާލާ ކަހަލަ އެތައް ވާހަކަތަކެއް އެ ބޭފުޅުން އެބަ ވިދާޅުވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިގައުމުގެ ރައްޔިތުން ދެކެ ލޯބިވާ ކަމަށް ވަންޏާ މިއަދު ނުކުމެވަޑައިގެން ކުރައްވަން ވީ ކަމަކީ ރައްޔިތުންނާ އެއްކޮށް ތިއްބެވުން،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖެ ހަމަ މަގަށް އަޅުވަންކަން ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސާބިތުކޮށްދީފައި ކަމަށެވެ.

"އެހެންވީމާ އެކަމަށް [ދެ އިންތިހާބުގެ ނަތީޖާ އަށް] ތަބާވެ ވަޑައިގަންނަވަންވީ، ގައުމު ދެކެ ލޯބިވޭތަ، ނުކުމެވަޑައިގެން މިގައުމުގެ ހަމަޖެހުމަށއް ޓަކައި މަސައްކަތް ކުރައްވަންވީ. މިގައުމުގެ އިގުތިސާދު ރަނގަޅުކުރެއްވުމަށް ޓަކައި ސަރުކާރުން އެކުރައްވާ މަސައްކަތްތަކަށް ތާއީދުކުރައްވައިގެން ވާހަކަފުޅުދައްކަވަންވީ،" ހަލީލު ވިދާޅުވި އެވެ.

ރައްޔިތުންނަށް އިގުތިސާދީ ހާލަތު އޮޅޭ ގޮތަށް މިވަގުތު ވާހަކަ ދެއްކެވުމަކީ ގައުމަށް "ހެޔޮއެދިވަޑައިގަތުން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.