ޒިފްލީނާ 3.5 މިލިއަނަށް ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

14 ޖުލައި 2024 - 14:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ: އޭނާ ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހަޅައިފި


ޒިފްލީނާ 3.5 މިލިއަނަށް ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހަޅައިފި

14 ޖުލައި 2024 - 14:57 0

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ފުލެޓެއް ބައްލަވައިގެން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އާންމު ފަރާތަކުން މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ފުލުހުންނަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ކަމަށްވާތީ އެ މައްސަލަ ފުލުހުން ވާނީ އޭސީސީ އަށް ފޮނުވާފަ،" ޝިފާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އޭސީސީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މި ފުލެޓުގެ މައްސަލަ ފެންމަތިވީ ފައިސާ ދެއްކުމުން ފުލެޓުގެ މިލްކުވެރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޒިފްލީނާގެ ނަންމައްޗަށް ބަދަލުކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެއާއެކު މި ސަރުކާރުގެ ގިނަ އޮފިޝަލުންނާއި އާންމުން ދިޔައީ މި މައްސަލަ ބަލަން ޖެހޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އިނގޭގޮތުން ޒިފްލީނާ 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވީ 1200 އަކަ ފޫޓުގެ ފުލެޓެކެވެ.

އެމްޑީޕީގެ އެކި މަގާމުތައް މީގެ ކުރިން އަދާކުރެއްވި ޒިފްލީނާއަށް ނިމިދިޔަ އެ ޕާޓީގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ދިނީ 2019 ގަ އެވެ. އެއަށްފަހު މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެ އިންތިހާބުގައި ޒިފްލީނާވެސް އިންތިހާބެއް ނުވި އެވެ.