12 ޖުލައި 2024 - 11:47 0
12 ޖުލައި 2024 - 11:47 0
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓުމާ އެކު، ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އާއި ޖަރުމަނުގެ ފޯވާޑް ތޯމަސް މުލާ ގައުމީ ކެރިއަރު ނިންމާލަން ޖެހިފައިވަނީ ކަނޑައެޅި އެއް ޓާގެޓް ހާސިލްނުވެ އެވެ. ދެ ކުޅުންތެރިން ވެސް، ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޔޫރޯގެ ތަށްޓެއްގެ ނަސީބު ލިބިފައިނުވެ އެވެ.
މުލާ، 34، އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު ވެސް ގައުމީ ޓީމުން ރިޓަޔާކުރުމުގެ ވާހަކަތަކެއް ދެއްކި އެވެ. އެކަމަކު، އެ ފަހަރު ރިޓަޔާމަންޓް އިއުލާނުނުކޮށް، މަޑުކޮށްލި އެންމެ ބޮޑު ސަބަބަކީ، އަމިއްލަ ގައުމުގައި ބާއްވާ މި ފަހަރުގެ ޔޫރޯގައި ކާމިޔާބެއް ހޯދުމަށް ފަހު، ކާމިޔާބު ކެރިއަރު އިތުރަށް ފުރިހަމަ ކުރުމުގެ އަމާޒުގަ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖަރުމަނު ކެޓީ، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ސްޕެއިން އަތުން 2-1 އިން ބަލިވެގެންނެވެ. އެ މެޗުގައި ބަދަލަކަށް މުލާ ވަނީ ކުޅެން ނުކުމެފަ އެވެ. މި ފަހަރުގެ ޔޫރޯގައި މުލާ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ޖަރުމަނު ގައުމީ ޓީމަށް 2010 ވަނަ އަހަރު ކުޅެން ފެށި މުލާ ވަނީ އެ ޓީމަށް ކުޅެދިން، 131 މެޗުން 45 ގޯލު ޖަހައި، 41 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޖަރުމަނާ އެކު، 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މުލާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާއި އެ ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ކުޅުންތެރިޔާ އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ކުޅުންތެރިޔާ ވެސް މެ އެވެ.
މި ފަހަރުގެ ޔޫރޯގެ ކުރިން ވެސް ޖިރޫޑް، 37، ވަނީ މިއީ ގައުމީ ޓީމާ އެކު ފަހު މުބާރާތް ކަމަށް އިއުލާނުކޮށްފަ އެވެ. ޖިރޫޑަށް މި ފަހަރުގެ ޔޫރޯގައި ޓީމުން ފުރުސަތު ލިބުނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފްރާންސް ކެޓީ ސެމީ ފައިނަލުގައި ސްޕެއިން އަތުންނެވެ.
ފްރާންސަށް ކުޅެދިން 137 މެޗުން ޖިރޫޑް ވަނީ އެ ޓީމަށް 57 ގޯލު ޖަހައިދީފަ އެވެ. ޖިރޫޑަކީ ފްރާންސްގެ ތާރީހުގައި މި ވަގުތަށް ބަލާއިރު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ޖިރޫޑް ވަނީ ފްރާންސާ އެކު، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ފްރާންސް އިން 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ކުޅުނުއިރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނުއިރު އެ ޓީމުގައި ޖިރޫޑް ހިމެނުނެވެ.
Comment